ޚަބަރު

އަނިޔާގެ ސަބަބުން ލިއާމް ޑެލަޕް ތިން މަސް ދުވަހަށް ކުޅުމާ ދުރަށް


ޗެލްސީގެ ފޯވާޑް ލިއާމް ޑެލަޕަށް ލިބިފައިވާ އަނިޔާގެ ސަބަބުން އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އޭނާ ކުޅުމާ ދުރަށްދާން ޖެހިފައިވާ ކަމަށް ޗެލްސީން ބުނެފިއެވެ.

ލިއާމް އަށް އަނިޔާ ވެފައިވަނީ ޕްރިމިއާ ލީގުގެ ކުޅުން މިދިޔަ ހަފްތާގައި މެދު ކަނޑާލުމުގެ ކުރިން ފުލަމް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގަ އެވެ. 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މި މެޗުގެ 14 ވަނަ މިނިޓުގައި ލިއާމް ވަނީ ބަދަލުކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ ލިއާމް ޗެލްސީ އާއި ގުޅިފައިވަނީ މިދިޔަ ޖޫން މަހު 30 މިލިއަން ޕައުންޑުގެ ފީ އަކަށް އިޕްސްވިޗް ޓައުން އިންނެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ތިން މެޗުގައިވެސް ލިއާމް ވަނީ ކުޅެފަ އެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޑަރލޭންޑަށް ދޫކޮށްފައިވާ ޗެލްސީގެ ފޯވަޑް މާކް ޖިއޫގެ ލޯނު އެއްބަސްވުން ކެންސަލްކޮށް ލިއާމް އަށް އަނިޔާވި ދުވަހުގެ ފަހު ދުވަހު ޗެލްސީ އިން ވަނީ އޭނާ އަނބުރާ އެ ކްލަބަށް ގެނެސްފަ އެވެ.

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފައިވަނީ ސެންޓަރ ފޯވަޑުންގެ ގޮތުގައި އެ ކްލަބުގައި ތިބީ ޖޮއާއޯ ޕެޑްރޯ އާއި މާކް ޖިއޫ އެކަނި ކަމަށާއި އަދި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ތާރިގް ޖޯޖް އެ މަގާމަށް ބޭނުންކުރި ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ބްރެންޑްފޯޑް އާއި ދެކޮޅަށް ނިކުންނައިރު އަނިޔާގެ ސަބަބުން އެންމެ ފަހު މެޗުގައި ނުކުޅެ ހުރި ކޯލް ޕާމާ މި މެޗުގައި ކުޅޭނެކަމަށް ލަފާ ކުރެވެއެވެ.