ޚަބަރު

ނޭޕާލްގެ ހަމަނުޖެހުންތަކުގައި 51 މަރު، އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާއެކު ޤައުމު ފަހަތަށް


ދެކުނު އޭޝިޔާގެ ޤައުމެއް ކަމުގައިވާ ނޭޕާލްގެ ޒުވާނުން، އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ތެދުވީ މީސްމީޑިޔާގެ މަންސަތަކުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އަނބުރާ ހޯދުމުގެ ނަމުގައެވެ. ނަމަވެސް، ފެނިގެން ދިޔައީ އަނދިރިކަމުން ފުރިފައިވާ މަންޒަރުތަކެކެވެ. ބޮޑު ހަމަނުޖެހުން ގަނޑެއްގެ ހުޅު ފަޅައިގެން ދިޔަ ތަނެވެ. ފުލުހުންނާއި ޢާންމުންގެ މެދުގައި ލޭއޮހޮރުވުން ބޮޑު ކުރިމަތިލުންތަކެއް ހިނގި މަންޒަރެވެ. މަގުތައް ބަންދުކޮށް، ދައުލަތާއި ޢާންމުންގެ މުދަލަށް ދެމުން ދިޔަ ގެއްލުންތަކެވެ. އިމާރާތްތަކުގައި ހުޅުޖަަހައި، އަނދައި އަޅިޔަަށް ވެގެން ދިޔަ މަންޒަރެވެ. ސަރުކާރުގެ ވެރިންނާއި ޢާންމުންގެ ގެދޮރަށް ވަދެ، ޙަމަލާތައް ދެމުން ދިޔަ މަންޒަރެވެ. އަދި، ލާއިންސާނީ އަނިޔާތައް ދެމުން ދިޔަ މަންޒަރެވެ.

ހުސްވި ހަފުތާގައި ނޭޕާލަށް ވެރިވި ކަޅު ވިލާގަނޑު، މަޑުމަޑުން އަލިވާން ފަށައިފިއެވެ. ނަމަވެސް، ކުރިމަތިލުންތައް ނިމިގެން ދިޔައީ އެތަކެއް ބަޔެއްގެ ފުރާނަ ގެއްލިގެންނެވެ. ނޭޕާލްގެ ފުލުހުން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު، ހަމަނުޖެހުންގަނޑުގައި މަރުވި މީހުންގެ އަދަދު ވަނީ 51އަށް އުފުލިފައެވެ. އޭގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 21 މީހަކާއި، ނުވަ ގައިދީއަކާއި، ތިން ފުލުހެއްގެ އިތުރުން އިތުރު 18 މީހަކު ހިމެނެއެވެ. ޒަޚަމުވި މީހުންގެ 1,000އަށްވުރެ މައްޗަށް އަރާނެ ކަމުގައި ބެލެވޭއިރު، އޭގެ ފުރިހަމަ އަދަދު ސާފެއް ވެސް ނޫނެވެ.

ނޭޕާލްގެ ސިޔާސީ މައިދާނަށް އަވަސް ކަޅިއެއް

ނޭޕާލްގައި އޮތީ ހަލަބޮލި ސިޔާސީ މައިދާނެކޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ނޭޕާލް ފާހަގަވެފައި އޮތީ، އަވަސްއަވަހަށް ސަރުކާރު ބަދަލުވާ ޤައުމެއްގެ ގޮތުގައެވެ. އެތަކެއް ދަހަރެއްގެ ރަސްކަމަކަށް ފަހު، ޑިމޮރުކަސީގެ ނިޒާމަށް ބަދަލުވެގެން ދިޔަ މަންޒަރު ވެސް ފެނިގެން ދިޔައީ ދާދި މިދާކަށް ދުވަހުއެވެ. 2008ވަނަ އަހަރު ނޭޕާލްގައި ޖުމްހޫރި ވެރިކަމެއް ޤާއިމު ކުރި ފަހުން ވެސް، އެ ޤައުމުގައި 14 ސަރުކާރެއްގެ މެދުގައި ވެރިކަން ބަދަލުވެއްޖެއެވެ. ނަމަވެސް، އެއްވެސް ސަރުކާރަކަށް، އެ ސަރުކާރުގެ ދައުރު ފުރިހަމަ ކުރެވޭ ގޮތް ވެފައެއް ނެތެވެ. އޭގެ ކުރިން، 1990ވަނަ އަހަރު ނޭޕާލްގައި ފުރަތަމަ ފަހަރަށް އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީ އެކުލެވޭ ޑިމޮކުރަސީގެ ނިޒާމެއް ޤާއިމު ކުރި ފަހުން ވެސް ދެ ފަހަރެއްގެ މަތިން ސަރުކާރު ވެއްޓިފައިވެއެވެ.

ނޭޕާލްގެ ސިޔާސީ މައިދާނަށް ދެން ކުރިމަތިވެގެން ދިޔަ އަނެއް ގޮންޖެހުމަކީ، ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ މައޮއިސްޓުންގެ ނުރައްކަލެވެ. 1996ވަނަ އަހަރު މައޮއިސްޓުން ފެށި އަހުލީހަނގުރާމައިގައި 17,000އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނެވެ. އެ ހަނގުރާމަ ނިމުނު ފަހުން ނޭޕާލްގެ ވެރިކަމުން ފެނިގެން ގޮސްފައި ވަނީ އެއް ނަންތަކެކެވެ. އެއް މޫނުތަކެކެވެ. އެއް ބޭފުޅުންތަކެކެވެ. ކޭޕީ ޝަރްމާ އޮލީއާއި، ޕުޝްޕާ ކަމަލް ދަހަލް އަދި ޝޭރް ބަހާދުރް ދެއުބާ ފަދަ ބޭބޭފުޅުންނެވެ.

މަދު އަހަރުތަކަކަށް ފަހު ކޮންމެ ވެސް އެހެން ބަޔެއްގެ އަތްމައްޗަށް ވެރިކަން ފޮރުޅިގެން ދިޔުމުގެ ނަތީޖާއަކަށްވީ، ހަލަބޮލިކަން އިތުރުވުމެވެ. ހަމަޖެހުން ގެއްލި، ދައުލަތާއި ސަރުކާރަށް އޮތް ޢާންމުންގެ އިތުބާރު ގެއްލުމެވެ. ކޮރަޕްޝަނާއި ފަސާދަ ޢާންމުވުމެވެ. އަދި، ޢާންމުންގެ ބޭނުންތައް ބޮލާލާޖަހައި، ޢާންމުންނަށް ޚިދުމަތް ކުރުމަށް އިސްކަން ދިނުމުގެ ބަދަލުގައި ވެރިކަމުގެ ބާރުތަކަށް އޮތް ތަޅާފޮޅުން ބޮޑުވުމެވެ. އޭގެ ތެރެއަށް ބޭރުގެ ބާރުތަކުގެ ބާރާއި ނުފޫޒު ވެސް ދިޔައީ ފޭދެމުންނެވެ. 'ޖެން ޒީ' އުމުރުފުރައިގެ ޒުވާނުން ފެށި މުޒާހަރާތައް ހަމަނުޖެހުންގަނޑަކަށް ބަދަލުވުމާ އެކު، އެންމެ ފަހުން ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު ޝަރްމާއަށް ވެސް އިސްތިޢުފާ ދެއްވުމަށް މަޖުބޫރުވިއެވެ. އެއާ އެކު، ޤައުމުގައި ހަލަބޮލިކަން އިތުރުވެގެން ދިޔަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ހަމަނުޖެހުންގަނޑާ އެކު ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް

މީސްމީޑިޔާގެ މަންސަތަކުގެ ދިފާޢުގައި ކަމަށް ބުނެ، ނޭޕާލްގެ 'ޖެން ޒީ' އުމުރުފުރައިގެ މީހުންނާއި ޒުވާނުން ސަރުކާރާ ދެކޮޅަށް ތެދުވީ ސެޕްޓެންބަރު 8ގައެވެ. މުޒާހަރާތައް ފެށިގެން ދިޔައީ، މީސްމީޑިޔާގެ ބައެއް މަންސަތައް މަނާ ކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އަޑު އުފުލުގެ ގޮތުންނެވެ. މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ވަނީ އެ ނިންމުން ބަދަލު ކޮށްފައެވެ. ނަމަވެސް، ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކަށް ހުއްޓުމެއް ނުގެނެވުނެވެ.

މުޒާހަރާތައް ހަމަނުޖެހުންގަނޑަކަށް ބަދަލުވެގެން ދިޔައީ ސެޕްޓެންބަރު 9ވަނަ ދުވަހުއެވެ. ކޮރަޕްޝަނާއި، ސަރުކާރުގެ އިސްވެރިންގެ ދަރިންނާއި، ޢާއިލާގެ މެންބަރުންނާއި ރަޙުމަތްތެރިންނަށް އޮތް ފަހި ފުރުޞަތުތަކާ ދެކޮޅަށް ކަމަށް ބުނެ، މުޒާހަރާގެ ބައިވެރިންގެ ހަރަކާތްތަކުގެ ކުލަވަރާއި އޮއިވަރު ބަދަލުވިއެވެ. ދައުލަތާއި ސަރުކާރުގެ މުދަލަށް އެ މީހުންގެ ރުޅިވެރިކަން އަމާޒު ކުރަން ފެށިއެވެ. ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތާއި، ބޮޑުވަޒީރުގެ ގެކޮޅުގެ އިތުރުން ވަަޒީރުންނާއި ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވަމުން ގެންދެވި ބޭފުޅުންގެ ގެކޮޅުތަކަށް ޙަމަލާ ދޭން ފެށިއެވެ. އެ އިމާރާތްތަކުގައި ހުުޅުޖަހައި، ބޮޑެތި ގެއްލުންތަކެއް ދިނެވެ.

މުޒާހަރާގެ ބައިވެރިން ޙަމަލާ ދީފައިވާ އިމާރާތްތަކުގެ ތެރޭގައި ބޮޑުވަޒީރު އޮލީގެ ގެކޮޅާއި، ކުރީގެ ބޮޑުވަޒީރު ދެއުބާއާއި އޭނާގެ އަނބިކަނބަލުން ދިރިއުޅުއްވާ ގެކޮޅުގެ އިތުރުން ދާޚިލީ ވަޒީރާއި އިދިކޮޅު ކޮމިޔުނިސްޓް ޕާޓީ އޮފް ނޭޕާލްގެ ވެރިޔާގެ ގެކޮޅު ވެސް ހިމެނުނެވެ. މީގެ އިތުރުން، ވެރިރަށް ކަތުމަންޑޫގައި ހުރި އެންމެ މަޝްހޫރު އެއް ބިނާ ކަމުގައިވާ ހިލްޓަން ކަތުމަންޑޫގައި ވެސް މުޒާހަރާގެ ބައިވެރިން ހުޅުޖެހިއެވެ.

މީގެ އިތުރުން، މަގުތަކުން ވެސް ފެނިގެން ދިޔައީ އެ ފަދަ މަންޒަރުތަކެކެވެ. ޢާންމުންގެ އެއްގަމު އުޅަނދުތަކަށް ވަނީ ގެއްލުން ދީފައެވެ. ހުޅުޖަހާފައިވާ ތަކެތީގެ ތެރޭގައި ޢާންމުންގެ ކާރުތަކާއި ލޮރީތައް ހިމެނެއެވެ. އަދި، ފުލުހުންގެ އުޅަނދުތައް ހިމެނެއެވެ. ބައެއް ފުލުހުންގެ މަރުކަޒުތަކުގައި ވެސް މިހާރު ފެންނަން ހުރި ހަމައެކަނި އެއްޗަކީ އަނދައި، އަޅިއަށްވެފައިވާ ތަނބުތަކެވެ. މީގެ އިތުރުުން، އެތަކެއް މިލިޔަން ޑޮލަރެއް ޚަރަދު ކޮށްގެން ބިނާ ކޮށްފައިވާ ހައިވޭތައް ނުވަތަ ހަލިމަގުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އެ ހަމަނުޖެހުންގަނޑުގެ ތެރެއިން، އެކިއެކި ކުށްތަކުގެ ޙުކުމް ތަންފީޒު ކުރަމުން ދިޔަ ގިނަ އަދަދެއްގެ ނުރައްކާތެރި ކުށްވެރިންނާއި ގައިދީން ވެސް މިނިވަންވެގެން ދިޔައެވެ. ބެލެވޭ ގޮތުގައި، ހަމަނުޖެހުންގަނޑުގެ ތެރެއިން ނޭޕާލްގެ ޖަލުތަކުން ފިލާފައިވާ ގައިދީންގެ ޢަދަދު 7،000އަށްވުރެ މަތިވާނެއެވެ. އޭގެ ތެރޭގައި، އެކި ކުށްތަކުގައި ޙުކުމް ތަންފީޒު ކުރަމުންދިޔަ ޒުވާނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ. ހަމަނުޖެހުންގަނޑުގެ ތެރެއިން ފެނިގެން ދިޔަ އަނެއް މަންޒަރަކީ، ބަޑި ފަދަ ހަތިޔާރު އަޅައިގެން މަގުތަކުގައި ހަރަކާތްތެރިވަމުން ދިޔަ ޒުވާނުންނެވެ.

ގެއްލުންތަކުގެ ނަތީޖާއަކީ އިޤުތިޞާދު ފުނޑުފުނޑުވުން

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ނޭޕާލްގެ ހަމަނުޖެހުންގަނޑުގެ ނަތީޖާ އެތަކެއް ދަހަރަކަށް ދެމިގެންދާނެ ކަމުގައެވެ. އެ ޤައުމުގައި ހިނގައިދިޔަ ކަންތައްތަކުގެ ބަދަލު، އެތަކެއް އަހަރަކަށް ދައްކަން ޖެހޭނެ ކަމުގައެވެ. ސަރުކާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެެވެ. ޤައުމަށް ބޭރު ފައިސާ ލިބޭ މައިގަނޑު އެއް ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމަށް ވަނީ ހުއްޓުން އަރާފައެވެ. އިޤުތިޞާދަށް ލިބިފައިވާ ގެއްލުމުގެ އަގު އަންދާޒާ ކުރަން ފެށޭ ވަރު ވެސް ޤައުމުގައި މިއަދު އޮތް ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލެއް ނުކުރެއެވެ.

ސިޔާސީ މައިދާނަށް ބަލައިލާއިރު، މުޒާހަރާގެ ބައިވެރިން ކުރިމަތި ކުރަމުން ދިޔަ މަޖުބޫރާ ގުޅިގެން ބޮޑުވަޒީރު އޮލީ ވަނީ އިސްތިޢުފާ ދެއްވާފައެވެ. އެއާ އެކު، އޭނާގެ ސަރުކާރު ވެއްޓިފައިވާއިރު، މި ވަގުތު ނޭޕާލްގައި ސަރުކާރެއް ނެތެވެ. ކުރިއަށް އޮތީ، އައު ސަރުކާރެއް އެކުލަވައިލުމުގެ ކުރިން އުފެދިފައި އޮތް ވަރަށް ނާޒުކު ހާލަތެކެވެ. ކުރިމަތީގައި އޮތް ސުވާލަކީ، އައު ސަރުކާރަކުން ވެރިކަމާ ޙަވާލުވި ނަމަވެސް، ޤައުމުގައި ހަމަޖެހުން ޤާއިމު ކުރެވޭނެ ކަމާ މެދު އުފެދޭ ސުވާލެވެ. މި ވަގުތު، އޮތީ ވަގުތީ ޙައްލެކެވެ. ނޭޕާލްގައި ހަމަނުޖެހުންތައް ކޮންޓުރޯލުކޮށް، އަމަން ބަލަހައްޓައި، ސުލްޙަ މަސަލަސްކަން ޤާއިމު ކޮށްފައި ވަނީ ހަތިޔާރު އެޅި ސިފައިން މަގުތަކަށް ނިކުމެގެންނެވެ. ނަމަވެސް، އެ ކަން ގިނަ ދުވަސްތަކަކަށް ދިގުލައިގެން ދިޔުމަކީ ޑިމޮކުރަސީއަށް، އަދި ރައްޔިތުންގެ ވެރިކަމެއް ޤާއިމު ކޮށްދިނުމަށް އޮތް ހުރަހެކެވެ.

ނޭޕާލްގެ ހަމަނުޖެހުންގަނޑާ އެކު، އެ ޤައުމުގެ އިޤުތިޞާދަށް ވެސް މި ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ކުރިމަތިވެފައެވެ. ހަމަނުޖެހުންތަކާ އެކު ފެނިގެން ދިޔައީ ކަތުމަންޑޫގެ މައި ވައިގެ ބަނދަރުގައި ތަޅުއަޅުވައި، ބަންދު ކުރަން މަޖުބޫރުވި މަންޒަރެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ނޭޕާލަށް ފަތުރުވެރިން ދަތުރު ކުރުން ހުއްޓައިލިއެވެ. އަދި، އެ ޤައުމުގައި އެ ވަގުތި ތިބި އެތަކެއް ސަތޭކަ ފަތުރުވެރިންނެއް ތާށިވެގެން ދިޔައެވެ. ފަތުރުވެރިންގެ ސަލާމަތަށް ނުރައްވާ ފަދަ ޙާލަތެއް މެދުވެރިވުމަކީ، ކުރިމަގުގައި އެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ. މިހާރު ވެސް ލިބިފައިވާ ގެއްލުމުގެ އަގު އެތަކެއް މިލިޔަން ޑޮލަރަކަށް އަރަގެން ގޮސްފައިވާ ކަމުގައި އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އިޤުތިޞާދީ ނަޒަރަކުން ބަލައިލާއިރު، ގެއްލުންވެގެން ގޮސްފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އެކަންޏެއް ނޫނެވެ. ހަމަނުޖެހުންގަނޑުގެ އަނެއް ނަތީޖާއަކީ، އިންވެސްޓަރުން ނުވަތަ ވުނޭރުންގެ އިތުބާރު ގެއްލިގެން ދިޔުމެވެ. ފެނިގެން ދިޔައީ، ވުނަކޮށްފައިވާ ފައިސާ ނަގަން ފެށި މަންޒަރެވެ. އަނބުރާ ގެންދަން ފެށި މަންޒަރެވެ. އަދި، ބޭރު ޤައުމުތަކުން ރެމިޓެންސްގެ ގޮތުގައި އެތެރެވާ ބޭރު ފައިސާގެ އަދަދު ވެއްޓެމުން ދިޔަ މަންޒަރެވެ. ނުތަނަވަސްކަމާ އެކު ނޭޕާލްގެ ހިއްސާގެ ބާޒާރުގެ އަގުތައް ވެސް ފަތުއަޑުކިޔާފައި ވެެއްޓިގެން ދިޔައެވެ. އަދި، ނޭޕާލްގެ ފައިސާއަށް އިތުރު ބުރަތަކެއް ކުރިމަތިވިއެވެ.

ހަމަނުޖެހުންގަނޑާ އެކު ދޭދޭ ވިޔަފާރީގެ ގުޅުންތަކަށް ވެސް ހުރަސް އެޅުނެވެ. އެއް މިސާލަކީ، އިންޑިޔާއާއި ނޭޕާލާ ދެމެދު އެއްގަމު މަގުން ކުރާ ވިޔަފާރިއަށް ކުރިމަތިވި ހުރަހެވެ. ކަސްޓަމްސް އިދާރާގެ ބައެއް އިމާރާތްތަކުގައި ހުޅުޖަހައި، ދީފައިވާ އަގު ނުކުރެވޭ ވަރުގެ ގެއްލުންތަކާ އެކު، އިންޑިޔާއާއި ނޭޕާލާ ދެމެދު މުދާ އުފުލުމަށް ހުރަސް އެޅުނެވެ. ވިޔަފާރި މުދާ އުފުލާ ދޮރުތައް ބަންދުވެގެން ދިޔައެވެ. އެއާ އެކު، ސަޕްލައި ޗެއިނަށް ވެސް ލޮޅުން އަރައިގެން ދިޔައެވެ. މީގެ ސަބަބުން، އެންމެ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނީ ޢާންމު ފަރުދުންނަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

ޤައުމު އަލުން އާރާސްތު ކުރުމުގެ ބުރަ ބޮޑުވާނެ

ނޭޕާލްގެ ރައްޔިތުންގެ ކުރިމަތީގައި މި ވަގުތު އޮތް އެންމެ މުހިންމު ކަމަކީ، ހަމަނުޖެހުންތަކާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމަށް ވީ އެންމެ އަވަހަކަށް މަސައްކަތް ފަށައިގަތުމުގެ ޒިންމާއެވެ. އެ ކަން ފެށުމަށް އޮތް އެންމެ ފުރަތަމަ ފިޔަވަޅަކީ، އައު ސަރުކާރެއް އެކުލަވައިލައި، ވެރިކަން ކުރެވޭނެ ނިޒާމެއް އެކުލަވައިލުމެވެ. ނުވަތަ، އެ ފުރުޞަތު ދިނުމެވެ. ނޭޕާލްގައި ވަގުތީ ސަރުކާރެއް އެކުލަވައިލައި، އިންތިޤާލީ ބޮޑުވަޒީރަކު ޢައްޔަން ކުރުމާ ގުޅޭ ގޮތުން މުޒާހަރާގެ ބައިވެރިންނާއި، ރައީސް އޮފީހާއި، އަސްކަރިއްޔާއާ ދެމެދު މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.

އެ މަޝްވަރާތަކުގެ މަޢުލޫމާތު ލިބިފައިވާ މަޞްދަރުތަކުން ބުނީ، އިންތިޤާލީ ބޮޑުވަޒީރު ކަމުގެ މަޤާމަށް ނޭޕާލްގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ ޢައްޔަން ކުރުމަށް މުޒާހަރާގެ ބައިވެރިން ހުށަހަޅާފައިވާ ކަމުގައެވެ. "ބޮޑުވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރެވޭނީ ސުޝިލާ ކަރްކީ،" ނޭޕާލްގެ ދުސްތޫރީ ދާއިރާގެ ތަޖުރިބާކާރެއް ބުންޏެވެ. އޭނާ އެ މަޤާމަށް ޢައްޔަން ކުރުމާ ގުޅޭ ގޮތުން ރައީސް ރާމްޗަންދްރަ ޕައުޑޭލާއި އަސްކަރިއްޔާގެ ވެރިޔާ އަޝޯކް ރާގް ސިގްދީލް އަދި މުޒާހަރާގެ އިސް ބައިވެރިން މަޝްވަރާ ކުރަމުންދާ ކަމުގައި އޭނާ ބުންޏެވެ.

އުމުރުން 73 އަހަރުގެ ކަރްކީއަކީ ނޭޕާލްގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމު ފުރުއްވާފައިވާ ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭފުޅާއެވެ. އޭނާއަކީ ތެދުވެރި، ނަޒާހާތްތެރި ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އަދި، އޭނާއަކީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ތެދުވެ، ހަނގުރާމަ ކުރައްވާނެ ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެވެ. މިއީ، ނޭޕާލްގެ ގިނަ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ އުންމީދެއް ގެނުވި ޚަބަރެކެވެ.

އިންތިޤާލީ ބޮޑުވަޒީރަކާއި، ވަގުތީ ސަރުކާރަކާ އެކު މަޑުމަޑުން ކުރިއަށް ފިޔަވަޅުތަކެއް އެޅުމުގެ ކޮޅުމަތި ފެންނަން ފެށުމާ އެކު، ހަމަނުޖެހުންގަނޑެއްގެ ތެރޭގައި އޮތް ނޭޕާލްގެ މަގުތައް ވަނީ އަމާން ވާން ފަށާފައެވެ. ބައެއް ފިހަރާތައް ހުޅުވައި، ޚިދުމަތް ދޭން ފަށާފައިވާއިރު، މަގުތަކުގެ މަތިން ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ފެންނަން ފަށާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. މަގުތަކުގައި ފޯރިމަރަމުން ދިޔަ ސިފައިންގެ އަދަދުތައް މަދުވެ، އަމަން ބެލެހެއްޓުމުގެ ޒިންމާއާ ފުލުހުން ވަނީ ޙަވާލުވާން ފަށާފައެވެ. ނަމަވެސް، ކުރިއަށް އަދިވެސް އޮތީ ހައްސާސް، ގޮންނޭނގޭ ދުވަސްތަކެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.