މާލޭގައި ބާއްވާ ދެވަނަ އޭޓީއެފް ޓެނިސް މުބާރާތް ކަމަށްވާ އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަން 2025 ގެ ފުރަތަމަ ހަފުތާގެ އަންހެން ސިންގަލްސް އަދި ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ރާއްޖޭގެ  
ދެ ކުޅުންތެރިން ހޯދައިފިއެވެ. 
ފުރަތަމަ ހަފުތަާގެ ނިމުން ފާހަގަކޮށް ވަނަތައް ހޯދި ކުޅުންތެރިންނަށް އިނާމު ދިނުމަށްވަނީ މާލޭ ޓެނިސް ސެންޓަރުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. 
މި މުބާރާތުގެ 16 އަހަރުން ދަށުގެ ކުޅުންތެރިންނަަށް ހާއްސަ މި މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ނަބާ ނިޝާންއެވެ. 
މި މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުގެ  ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ނަބާ ނިޝާން އައި މަންހާ މުހައްމަދު އަލީއެވެ. 
ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ސްރީލަންކާގެ ކުބެރަނެ މަޔޫރަންއެވެ. ފިރިހެން ޑަބަލްސް ކެޓަގަރީގެ އެއްްވަނަ ހޯދީ ސްރީލަންކާގެ ދެ ކުޅުންތެރިންކަމަށްވާ ކުބެރަނެ މަޔޫރަން އާއި ނަޤީބް ހުސެއިންއެވެ. 
އަންހެން ސިންގަލްސްގެ ރަނަރަޕްކަން ހޯދީ ކިޔާރާ އުސާމާ އަލީއެވެ. އަންހެން ޑަބަލްސްގެ ރަނަރަޕްކަން ހޯދީ އަޒިތާ އައިޝާ ޔާމީން އާއި މަލްޝާ މުހައްމަދުގެ ޕެއާއެވެ. 
ފިރިހެން ސިންގަލްސްގެ ރަނަރަޕްކަން ހޯދީ އިންޑިއާގެ މާދަވް ޑަދިތްއެވެ. އަދި ފިރިހެން ޑަބަލްސް އިވެންޓުގެ ރަނަރަޕްކަން ހޯދީ ރާއްޖޭގެ އާދަމް އާލް ނިޔާޒް އާއި ބްރެޒިލްގެ ޑެނިއަލް ކަރްވަލޯ ބެކާގެ ޕެއާއެވެ. 
 
އެކި ގައުމުތަކުގެ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި 18 ފިރިހެން ކުޅުންތެރިންނާއި 13 އަންހެން ކުޅުންތެރިން ވާދަކުރެއެވެ.
މި މުބާރާތުގެ ދެވަނަ ހަފްތާގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރުގައެވެ.