ކުލަބު މޯލްޑިވްސް ކަޕް 2025 ގައި ޓީމުތައް ހިމެނޭ ގުރޫޕުތައް ކަނޑައަަަޅައިފިއެވެ. 
ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގައެވެ. ކުލަބު މޯލްޑިވްސް ކަޕްގައި ޖުމްލަ 24 ޓީމަކުން ވާދަކުރާއިރު ޓީމުތައް ބަހާލާފައިވަނީ 6 ގުރޫޕަކަށެވެ. 
		
										
			ގޫރޫޕް އޭގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، ޓީމު އެމްއޭސީއެލް އާއި، ކުލަބު އިމިގްރޭޝަން އަދި ބަރޮސް މޯލްޑިވްސްއެވެ. ގުރޫޕް ބީގައި ހިމެނެނީ ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އާއި، އެސްޓީއޯ ރެކްރިއޭޝަން ކުލަބާއި، ކުލަބު ފެން އަދި ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީ) އެވެ. 
އަދި ގުރޫޕް ސީގައި ހިމެނެނީ ސްޓެލްކޯ ރެކްރިއޭޝަން ކުލަބާއި، ކުލަބު އެޗްޑީސީ އާއި، އުރީދޫ މޯލްޑިވްސް އަދި އެމްޓީސީސީއެވެ. ގުރޫޕް ޑީގައި ހިމެނެނީ މޯލްޑިވިއަން އާއި، އެފްއެސްއެމް އާއި، ޕްރިޒަން ކުލަބު އަދި ޓީމު ފެނަކައެވެ. 
މީގެ އިތުރުން ގުރޫޕް އީގައި ހިމެނެނީ އެމްޕީއެލް އާއި، ދިރާގާއި، ޕޮލިސް ކުލަބު އަދި އެވްސެކްއެވެ. އަދި ގުރޫޕް އެފްގައި ހިމެނެނީ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، ބީއެމްއެލް އާއި، ކުލަބު ޓީޓީއެސް އަދި ގޭސް ރެކްރިއޭޝަން ކުލަބެވެ. 
		
										
			ގުރު ނެގުމުގެ ރަސްމިއްޔާތުގައި ވަނީ ކުލަބު މޯލްޑިވްސް ކަޕުގެ ޓްރޮފީވެސް ދައްކާލާފައެވެ. 
ކުލަބު މޯލްޑިވްސް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ޓާފްގައެވެ. މި މުބާރާތުގެ މެޗުތައް ޕީއެސްއެމްގެ ޔެސް ޓީވީ އާއި ޕީއެސްއެމް އެއަރ މެދުވެރިކޮށް ވަގުތުން ގެނެސްދެވޭނެއެވެ.