ދެމެހެއްޓެނިވި ތަރައްޤީއަށް ބޭރުގެ އެހީއާއި، ލޯނަށް ބަރޯސާވުން ކުޑަކުރުމަށް ކެޕިޓަލް މާކެޓްގެ ދައުރު ބޮޑުކަމާއި، މި ދާއިރާ އިތުރަށް ފުޅާކުރުން މުހިންމުކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި 'މޯލްޑިވްސް ފައިނޭންސް ފޯރަމް' ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
'މޯލްޑިވްސް ފައިނޭންސް ފޯރަމް 2025' އަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް މި ދާއިރާގައި ޙަރަކާތްތެރިވާ އިސް މަސްއޫލްވެރިން އެއްތަނަކުން ބައްދަލުވެ، ރާއްޖެއަށް އިޤްތިޞާދީގޮތުން ގެނެވޭނެ ކުރިއެރުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ފޯރަމެކެވެ.
މިއަހަރުގެ ފައިނޭންސް ފޯރަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދު އެއް އަހަރުން އަނެއް އަހަރަށް ކުރިއަރަމުންދާއިރު ޤައުމުގެ މާލީ ނިޒާމު އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ބޭންކުތަކަށް ކަމަށެވެ. ނަމަވެސް އުމްރާނީ ތަރައްޤީއާއި، ބޯހިޔާވަހިކަން އަދި ފަތުރުވެރިކަމުގެ އިތުރުން ނޫ އިޤްތިޞާދު ފަދަ ދާއިރާތަކަށް ބޭނުންވާ ފައިނޭންސިންގ ހަމައެކަނި ބޭންކުތައް މެދުވެރިކޮށް ހޯދުމަކީ ދަތިކަމެއްކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެތެރޭގެ އަމްދަނީގެ ނިޒާމު ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ބޭރުގެ އެހީއާއި، ލޯނަށް ބަރޯސާވުން ކުޑަކުރުމަކީވެސް މުހިންމުކަމެއްކަމަށެވެ. އެއާއެކު ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހަމައެކަނި ޕަބްލިކް ފައިނޭންސިންގ މެދުވެރިކޮށް ހޯދުމަކީވެސް ކުރަން އުނދަގޫކަމެއްްކަމަށް ވިދާޅުވިއެވެ.
"މިކަންކަން ހައްލުކުރުމަށް ކެޕިޓަލް މާކެޓެއް މުހިންމު. އެގޮތުން ދިގު މުއްދަތަށް ރައްކާކުރާ ފައިސާ އިންވެސްޓްކުރާނެ ގޮތްތަކާއި، ފައިނޭންސިންގެ ފުރުސަތުތައް ފުޅާކޮށް، އިޤްތިޞާދުގެ ވިލުންތެރިކަން އިތުރުކުރުމަށް ކެޕިޓަލް މާކެޓް މުހިންމު ދައުރެއް އަދާކުރޭ. ތަފާތު އިންވެސްޓްމެންޓް ޕްރޮޑަކްޓްތައް ތަޢާރަފްކޮށް ފުރުސަތުތައް ހުޅުވާލަންޖެހޭ." މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ހަމަމިއާއެކު، ދެމެހެއްޓެނިވި ލަނޑުދަނޑިތަކާއި އެެއްގޮތަށް އެކުލެވިފައިވާ ބޮންޑާއި ސުކޫކާއި ފެހި އަދި ނޫ ބޮންޑުތަކުގައި އިންވެސްޓު ކުރުމުގެ ފުރުސަތުތައް ޤާއިމްކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަންހެނުން އިސްނަގައިގެން ހިންގާ ވިޔަފާރިތަކަށް ބޭނުންވާ ކެޕިޓަލް ފަސޭހައިން ހޯދައިދެވޭނެގޮތް މަގުފަހިކޮށްދެންޖެހޭކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިކަންކަމަކީ ހަމައެކަނި ސަރުކާރަށް ހާސިލްކުރެވޭނެކަމެއް ނޫންކަމަށާއި، މިކަމުގައި އެންމެހާ އިދާރާތަކާއި ކުންފުނިތަކުގެ އެއްބާރުލުން މުހިންމުކަމަށެވެ. އަދި މިފަދަ ގޮތްތަަކަށް ރާއްޖޭގެ މާލީ ނިޒާމު ބައްޓަންކުރެވިއްޖެނަމަ ކެޕީޓަލް މާކެޓްގެ އިތުރުން ފައިނޭންޝިއަލް މާކެޓްވެސް ކުރިއަރާދާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.