ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައު ވެބްސައިޓު އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވެބްސައިޓު އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައު ވެބްސައިޓަކީ މިހާތަނަށް ޤުރުއާނާ ބެހޭ މަރުކަޒަށް ހެދިގެންދިޔަ އެންމެ ފެންވަރު ރަނގަޅު، އާއްމުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ވެބްސައިޓެއް ކަމަށެވެ.
މި ވެބްސައިޓު މެދުވެރިކޮށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދާ ކޯސްތަކާއި، މަރުކަޒުން ބާއްވާ ޤުރުއާން މުބާރާތްތަކުގެ އެންމެ ފަހުގެ އަދާހަމަތައް ބަލާލެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ޤުރުއާނާ ބެހޭ މަރުކަޒުގެ ޚަބަރާއި މަޢުލޫމާތު މި ވެބްސައިޓުގެ ޒަރިއްޔާއިން އާއްމުންނަށް ތާޒާކަމާއެކު ގެނެސްދެވިގެންދާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ކުރަމުންދާ މަސައްކަތެކެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމާއި ޙާފިޡުންގެ ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވަން ފެށުމަކީ މިހާތަނަށް ކުރެވިފައިވާ މުހިއްމު މަސައްކަތްތަކެކެވެ.