ޚަބަރު

ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށްތަކުގެ މައުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް ދިނުމަށް ވެބިނަރތަކެއް


  • ރާއްޖެއިން ބޭރުގެ 3 ސަރަހައްދަކަށް ވެބިނަރތައް ބާއްވާނެ

  • 3 ވުޒާރާއަކުން ވެބިނަރތަކުގައި މައުލޫމާތު ހިއްސާކުރާނެ

ފަތުރުވެރިކަމަށް ހުޅުވާލާފައިވާ ރަށްތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ދިނުމަށް ބޭރުގެ އެމްބަސީތަކާއި ގުޅިގެން 3 ސަރަހައްދެއްގައި ވެބިނަރތަކެއް ބޭއްވުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ވެބިނަރތައް އޮންނާނީ އަންނަ ހަފްތާގައެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ވެބިނަރތައް ކުރިއަށްގެންދާނީ އެ ވުޒާރާއާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއާއި ރާއްޖެއިން ބޭރުގެ ޤައުމުތަކުގައި ހުރި ރާއްޖޭގެ އެމްބަސީތަކާއި ގުޅިގެންކަމަށެވެ.

މި ވެބިނަރތައް އޮންނާނީ މިމަހުގެ 15، 16 އަދި 17 ވަނަ ދުވަހުއެވެ. ވެބިނަރތައް ބާއްވަނީ 3 ސަރަހައްދަކަށް ބަހާލައިގެންނެވެ. އެއީ އޭޝީއާ ޕެސިފިކް އަދި މެދު އިރުމައްޗާއި، ޔޫރަޕާއި، ޔުނައިޑެޓް ސްޓޭޓްސް މި 3 ސަރަހައްދުގައެވެ.

މި ވެބިނަރތަކުގައި 3 ވުޒާރާގެ ކަމާގުޅުންހުރި ފަރާތްތަކުން ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މައުލޫމާތާއި، ރާއްޖޭގެ ތިމާވެއްޓާއި، ރާއްޖޭގައި އިންވެސްޓްމަންޓަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ހިއްސާކުރާނެއެވެ. އަދި ބައިވެރިވާ އިންވެސްޓަރުންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ދާދިފަހުން ރާއްޖޭގައި ހަލާލް ފަތުރުވެރިކަމަށް އިންވެސްޓްކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ރާއްޖޭގެ 5 ސަރަހައްދެއްގައި ހަލާލް ޓުއަރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅައި އެ 5 ސަރަހައްދުން ކޮންމެ ސަރަހައްދަކުން 1 ރަށް ސަރުކާރުން މިހާރު ވަނީ އިންވެސްޓްމަންޓަށް ހުޅުވާލާފައެވެ. މިކަމާއި ގުޅޭ މައުލޫމާތުވެސް މި ސެޝަންތަކުގައި އިންވެސްޓަރުންނަށް ފޯރުކޮށްދޭނެއެވެ. މި ރަށްތަކަށް ބިޑް ހުށައެޅުމުގެ މުއްދަތު މިހާރު ވަނީ އޮކްޓޯބަރ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.