މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ. އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން މި މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމަށް ވަނީ ކުރިއެރުން ލިބިފައެވެ.
ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ދަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިހާރު ވަނީ ރަށު ފަތުރުވެރިކަން ނުވަތަ ގެސްޓްހައުސް ވިޔަފާރި ފަށާފައެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމަކީ ރާއްޖެ އަންނަ ފަތުރުވެރިންވެސް ގަޔާވާ ކަމަކަށްވަނީ ވެފައެވެ. ސަބަބަކީ ދިވެހިންގެ ދިރިއުޅުމާއި ސަޤާފަތް ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުން ތަޖުރިބާކޮށްލަން ލިބުމެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %43.2 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އޮކިއުޕަންސީ ރޭޓް ހުރީ %34.3 ގައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %8.9 އިތުރު އަދަދެކެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޅި ޖުމްލަ 835 ގެސްޓްހައުސެއް ވަނީ ހުޅުވާފައެވެ. އަދި ގެސްޓްހައުސްތަކުގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީއަކީ 14،218 އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން 334،027 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %21.8 އެވެ.
ފުރަތަމަ 7 މަސްދުވަހު ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާއިރު ހޮޓެލްތަކުގެ އޮކިއުޕަންސީ ރޭޓްވެސް ވަނީ އިތުރުވެފައެވެ. ހޮޓެލްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %34.3 ގައެވެ. އަދި ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %69.5 ގައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.