ޚަބަރު

ޑިޖިޓަލްކޮށް ކުރާ ވިޔަފާރީގެ ލިޔެކިޔުން ގާނޫނާއެއްގޮތަށް ބެލެހެއްޓުމަށް މީރާއިން އިލްތިމާސްކޮށްފި


  • ޓެކްސް ބަޔާންތަކުގައި ހިމަނައިފައި އޮންނަ އަދަދެއްގެ ސައްޙަކަން ކަށަވަރުކުރެވޭނެ ޔަޤީންކަން އޮންނަންވާނެ

  • ލިޔެކިޔުންތައް ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކަށް ނުހުންނަކަށް މީރާއަށް ފާހަގަކުރެވޭ

ޓެކްސް ދައްކާ ފަރާތްތަކުން ބޭނުންކުރާ އެކައުންޓިންގ ސިސްޓަމްތަކާއި ޕީއޯއެސް މެޝިންތައް ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތު ބެލެހެއްޓޭނެ ފެންވަރަށް ހުރިކަން ޔަޤީންކުރުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ ޓެކްސް ދައްކާ ފަރާތްތަކުން ބޭނުންކުރާ އެކައުންޓިންގ ސިސްޓަމްތަކާއި، ޕޮއިންޓޮ-އޮފޮ-ސޭލް (ޕީއޯއެސް) ސިސްޓަމްތައް މެދުވެރިކޮށް ބަލަހައްޓާ މަޢުލޫމާތާއި ލިޔެކިޔުންތައް ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތަށާއި މިންވަރަށް ނުހުންނަކަމަށް އެ އޮޓޯރިޓީންކުރާ އޮޑިޓުތަކުގައި ފާހަގަވެފައިވާކަމަށެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 27ވަނަ މާއްދާއާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 14ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުމަކީ ކޮންމެ ޓެކްސް ދައްކާ ފަރާތަކުން ވެސް އެފަރާތުގެ ވިޔަފާރި ހަރަކާތްތަކާ ގުޅޭގޮތުން ފުރިހަމައަށް ރިކޯޑްކޮށް ބަލަހައްޓަންޖެހޭ މަޢުލޫމާތުތަކެކެވެ. އަދި އެ މަޢުލޫމާތާއި ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ޓެކްސް ޤާނޫނު ތަކާއި އެ ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް އެ މިންވަރަށް ބެލެހެއްޓުމަކީ ޤާނޫނުގެ 26ވަނަ މާއްދާގެ ދަށުން ޓެކްސް ދައްކާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް މީރާގެ ސަރކިއުލާގައި ވަނީ ބަޔާންކޮށްފައެވެ.

ވިޔަފާރިގެ މާލީ ހިސާބުތަކާއި އެހެނިހެން ވެސް ރިކޯޑްތައް އިލެކްޓްރޯނިކް ފޯމެޓެއްގައި ނުވަތަ ޑިޖިޓަލް ފޯމެޓެއްގައި ބެލެހެއްޓުމަކީ މީރާއިން ބާރުއަޅާކަމެއްކަމުގައި ވީނަމަވެސ،ް އިލެކްޓްރޯނިކްކޮށް ނުވަތަ ޑިޖިޓަލްކޮށް މަޢުލޫމާތު ބަލަހައްޓާ ސޮފްޓްވެއަރތަކާއި ވަސީލަތްތައް ފަރުމާކޮށްފައި ހުންނަންވާނީ ޤާނޫނުގެ 27 ވަނަ މާއްދާއާއި ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ އެންމެހައި މަޢުލޫމާތު އެ ސޮފްޓްވެއަރ ނުވަތަ ވަސީލަތް މަދުވެރިކޮށ،ް އެ މިންވަރަށް ރިކޯޑްކުރެވޭނެ ގޮތަށްކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ. އަދި ވަކި މަޢުލޫމާތަކާ ގުޅޭ ވަކި ރިޕޯޓެއް ޖެނެރޭޓްކުރަންޖެހިއްޖެ ހާލަތެއްގައި އެފަދަ ރިޕޯޓް ޖެނެރޭޓްކުރެވޭނެ ފެންވަރަށްކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ހިމަނައިފައި އޮންނަ ކޮންމެ އަދަދަކާ ގުޅޭގޮތުން އެ އަދަދެއްގެ ސައްޙަކަން ކަށަވަރުކުރެވޭނެ މިންވަރަށް ލިޔެކިޔުންތައް ޓެކްސް ދައްކާ ފަރާތުގެ އަތުގައި ރައްކާކޮށްފައި ހުރުން ޤާނޫނީ ގޮތުން ލާޒިމުކޮށްފައި އޮންނަނީ އެ ފަރާތުން ހުށަހަޅާ އަދަދުތަކުގެ ސައްޙަކަން އެ ފަރާތަށް ވެސް ފަސޭހަކަމާއެކު ލިޔެކިޔުމުން ސާބިތުކޮށްދެވެން އޮންނާނެ ގޮތް މަގުފަހިކޮށްދިނުމަށެވެ. އަދ،ި ޓެކްސް ދައްކާ ފަރާތުން ޓެކްސް ބަޔާންތަކުގައި ހިމަނާ އަދަދުތަކުގެ ޞައްޙަކަން ކަށަވަރުކުރެވޭ މިންވަރަށް ލިޔެކިޔުންތައް ބަލަހައްޓާފައި ނުވާނަމަ ނުވަތަ އެ މިންވަރަށް ލިޔެކިޔުން ފޯރުވައި ނުދެވޭނަމ،ަ މީރާއިން ކުރާ އޮޑިޓްތަކުގައި އަދަދު ކަނޑައަޅާއިރު އެ އަދަދުތަކަކީ ޞައްޙަ އަދަދުތަކެއްކަމުގައި މީރާއިން ބަލައިނުގަތުމުގެ ފުރުޞަތު އޮންނާނެއެވެ.

އިލެކްޓްރޯނިކްކޮށް ނުވަތަ ޑިޖިޓަލްކޮށް އެކި އެކި އެކައުންޓިން ސޮފްޓްވެއަރތައް ބޭނުންކޮށްގެން ވިޔަފާރީގެލިޔެކިޔުން ބަލަހައްޓާ ހުރިހާ ފަރާތްތަކުން ވެސް މި ކަންތައްތަކަށް ޚާއްސަ ސަމާލުކަމެއްދީ އެ ފަރާތްތަކުގެ އެކައުންޓިންގ ސިސްޓަމްތަކާއި ޕީއޯއެސް މެޝިންތައ،ް ޓެކްސް ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތު ބެލެހެއްޓޭނެ ފެންވަރަށް ކޮންފިގަރކުރެވިފައި ހުރިކަން ޔަގީންކުރެއްވުމަށް ޓެކްސް ދައްކާ ފަރާތްތަކަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.