ޚަބަރު

ފަރަންސޭސިވިލާތުގައި ސިޔާސީ ކޯޅުން ބޮޑުވެ ދެ އަހަރުގެ ތެރޭގައި ފަސްވަނަ ބޮޑުވަޒީރު ޢައްޔަންކޮށްފި


ފަރަންސޭސިވިލާތުގެ އައު ބޮޑުވަޒީރުގެ މަޤާމަށް އެ ޤައުމުގެ ރައީސް އެމަނުއަލް މެޚްރޮންގެ އަރިސް ބޭފުޅެއް ކަމަށްވާ ސިބޭސްޓިޔަން ލިކޮރްނިޔު ޢައްޔަނު ކޮށްފިއެވެ. ފަރަންސޭސިވިލާތަށް އައު ބޮޑުވަޒީރެއް ޢައްޔަނުކޮށްފައި މި ވަނީ ފުޅާ ޙަރަކާތެއްގެ ދަށުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި މުޒާހަރާތައް ބާއްވަން ފަށާފައި ވަނިކޮށެވެ. ލިކޮރްނިޔުއަކީ ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރާ ފަސްވަނަ ބޭފުޅެވެ.

ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނެވި ލިކޮރްނިޔު ބޮޑުވަޒީރުގެ މަޤާމަށް ޢަައްޔަނުކޮށްފައި ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޭނާގެ ކުރިން ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ފްރަންކޮއިސް ބޭރޫގެ ސަރުކާރު ނިމުމަކަށް އައުމާ ގުޅިގެންނެވެ. މެޚްރޮންއަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ލިކޮރްނިޔުއާ ޙަވާލުކޮށްފައިވާ މައިގަނޑު މަސައްކަތަކީ މެޚްރޮން ގެންނަވަން ބޭނުންފުޅުވާ އިޞްލާޙީ ބަދަލުތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމެވެ. އެ ސިޔާސަތުގެ ތެރޭގައި ވިޔަފާރި ކުންފުނިތަކާ ރައްޓެހި ސިޔާސަތުތައް ކަމަށްވާ ޓެކްސް ނަގައި މިންވަރު ދަށް ކުރުމާއި ސަރުކާރުގެ މަޤާމަކުން ރިޓަޔަރ ކުރެވޭ އެންމެ ދޮށީ އުމުރަށް ބަދަލު ގެނައުން ހިމެނެއެވެ. ލިކޮރްނިޔުއަށް ކުރިމަތިވާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ 2026ވަަނަ އަހަރުގެ ބަޖެޓާމެދު އެއްބަސްވުމަކާ ހަމައަށް އައުމެވެ. ފަރަންސޭސިވިލާތުގެ ޑެފިސިޓް މިހާރު ހުހީ ގާތްގަނޑަކަށް ހައެއް އިންސައްތައިގައެވެ.