ޚަބަރު

ޤައުމީ ފުޓްބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް!


ސައުތު އޭޝިއަން ސުޕަކަޕުން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީ ފާހަގަކޮށް ގަލޮޅު ދަނޑުން ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުވަނީ ގަލޮޅު ދަނޑުން ޓީމަށް މަރުހަބާ ވިދާޅުވެފައެވެ.

ޤައުމީ ޓީމުގެ ކުޅުންތެރިން ސައުތު އޭޝިއަން ސުޕަކަޕްގައި ކުރި ހިތްވަރާއެކު އެ މުބާރާތް ކާމިޔާބުކޮށް ރާއްޖެއަށް ހޯދައިދިން ރީތި ނަން ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވިއެވެ. އަދި ޓީމުގެ ކުޅުންތެރިންނަށް މަރުހަބާކިއުމާއެކު ސައުތު އޭޝިއަން ސުޕަކަޕްގެ ޓްރޮފީއާއެކު ފޮޓޯ ނެގުމާއި ކުޅުންތެރިންނާއެކު ފޮޓޯ ނެގުންވެސް ކުރިޔަށް ގެންދިޔައެވެ.

މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ރާއްޖޭގޭ ގައުމީ ޓީމުން ހޯދި ފުރަތަމަ މޮޅާއެކު ގައުމީ ޓީމު އެނބުރި އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް ޓީމަށް ވަނީ ހޫނު މަރްހަބާއެއް ކިޔާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަައުމީ ޓީމަށް މަރުހަބާ ވިދާޅުވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ޠާރިގު (ޓޮމް) އާއި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު އަދި ސްޓޭޓް މިނިސްޓަރ އަބުދުއްރައްޒާގް އިބްރާހިމްގެ އިތުރުން އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ބައެއް މެންބަރުންނެވެ.

ގައުމީ ޓީމުން ވަނީ ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު ދެ މެޗުން 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކޮށް ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސްދީފައެވެ. އަދި ގައުމީ ޓީމުން ވަނީ ސަޕޯޓަރުންނަށް އިތުރު ހިތްވަރާއި ގައުމީ ޖޯޝު އަލުން އަނބުރާ ގެނެސްދީފައެވެ.