ޚަބަރު

ފަލަސްޠީނުގެ ޙައްޤުގައި ލަންޑަންގައި އަޑުއުފުލި 900 މީހުން ހައްޔަރުކޮށްފި


އިނގިރޭސިވިލާތުގެ ލަންޑަނުގައި ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި 900އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ޕަލެސްޓީނިއަން އެކްޝަންއަކީ އިނގިރޭސިވިލަތުން މަނާ ޙަރަކާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޙަރަކާތެކެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ސަރުކާރުން އެއީ މަނާ ޙަރަކާތެއް ކަމަށް ކަނޑައެޅީ އެ ޙަރަކާތަށް ނިޞްބަތްވާ ބައެއް މެންބަރުން އެ ޤައުމުގެ ރޯޔަލް އެއަރ ފޯސްގެ މަރުކަޒަކަށް ވަދެ އަސްކަރީ މަތިންދާބޯޓުތަކަކަށް ގެއްލުން ދިނުމާ ގުޅިގެންނެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ޔަހޫދީންނާ ގުޅުންހުރި ދިފާޢީ ކުންފުނިތަކަށް އަމާޒުކޮށް ވެސް ގެއްލުން ދިނުމުގެ ޢަމަލުތައް ހިންގާފައިވެއެވެ. އެ ޙަރަކާތަށް ނިޞްބަތްވާ މެންބަރުން ޤަބޫލުކުރާ ގޮތުގައި ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގައި ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުގެ ވެސް ޝާމިލަވެއެވެ.

ލަންޑަންގައި ހުންނަ މަޖިލިސް ކުރާ ގެ ކައިރީގައި ކުރި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 890 މީހުން ހައްޔަރުކޮށްފައިވާ އިރު މިއީ މިހާތަނަށް އެއް މުޒާހަރާއަކުން މިހާ ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ފުރަތަމަ ފަހަރެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ގިނައީ އުމުރުން 60 އަހަރުން މަތީގެ ދުވަސްވީ މީހުންނެވެ. ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިިން 857 މީހުން ބަންދުކޮށްފައި ވަނީ އިނގިރޭސިވިލާތުގައި ޙަރަކާތްތެރިވުން މަނާ ޙަރަކާތަކަށް ތާއީދު ކުރުމުގެ ކުށުގައެވެ. އަދި ފުލުހުންނަށް ޙަމަލާ ދިނުމުގެ ކުށުގައި އިތުރު 17 މީހުން ހައްޔަރުކޮށްފައިވެއެވެ.

މުޒާހަރާތައް ރޭވުމުގައި އިސްކޮށް ޙަރަކާތްތެރިވާ ޑިފެންޑް އަވަރ ޖުރީސް ކިޔައި ޖަމްޢިއްޔާއިން ބުނީ ޕަލަސްޓީނިއަން އެކްޝަން ޙަރަކާތަކީ މަނާ ޙަރަކާތެއްގެ ގޮތުގައި ދެމިއޮންނަހާ ހިނދަކު ބޮޑެތި ބައިގަނޑުތަކަށް މީހުން އެއްވެ މަދަނީ ބަސްނޭހުމުގެ ޙަރަކާތްތައް ހިންގުމުގައި ދެމިތިބޭނެ ކަމަށެވެ.