ޚަބަރު

ސީ-ޓު-އެއަރ މެދުވެރިކޮށް މިދިޔަ މަހު 18 ގައުމަކަށް މުދާ ފޮނުވި


  • 9 އެއަރލައިނަކުން މުދާ ފޮނުވި

  • މިޚިދުމަތުން ބޮޑު އާމްދަނީއެއް ދަނީ ލިބެމުން

އޮގަސްޓް މަހު ސީ-ޓު-އެއަރ މެދުވެރިކޮށް 18 ގައުމަކަށް މުދާ ފޮނުވާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ، ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް އެމްއޭސީއެލްއާއި، އެމްޕީއެލް ގުޅިގެން ތަޢާރަފްކުރީ 15 މެއި 2024 ގައެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުން ރާއްޖެއަށް ބޮޑު އާމްދަނީއެއް ދަނީ ލިބެމުންނެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ ވަނީ ބޭރުކޮށްފައެވެ. މިއީ 77 ޓީޔޫސްގެ ކޮންޓެއިނަރުން އުފުލާފައިވާ ކާގޯގެ އަދަދުކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. އޮގަސްޓް މަހު 9 އެއަރލައިނަކުން ރާއްޖެއިން ބޭރަށް ވަނީ ކާގޯ ފޮނުވާފައެވެ.

އޮގަސްޓް މަހު ސީ-ޓު-އެއަރ މެދުވެރިކޮށް ރާއްޖެއިން މުދާ ފޮނުވި އެއަރލައިންތައް:

• ވަރޖިން އެޓްލާންޓިކް
• އިއްތިހާދު އެއަރވޭސް
• ލުފްތަންސާ
• ގަތަރު އެއަރވޭސް
• ޓާކިޝް އެއަރލައިން
• އަޒަރުބައިޖާން އެއަރލައިން
• ސައުދީ އެއަރލައިން
• ސްވިސް އެއަރލައިން
• އައިޓީއޭ އެއަރވޭސް

ސީ-ޓު-އެއަރ މެދުވެރިކޮށް ގިނަ ގައުމުތަކަކަށް މިހާރު ދަނީ މުދާ ބޭރުކުރަމުންނެވެ. އެގޮތުން އޮގަސްޓް މަހު އެކަނިވެސް 18 ގައުމަކަށް ވަނީ މުދާ ބޭރުކޮށްފައެވެ.

އޮގަސްޓް މަހު މުދާ ބޭރުކުރި ގައުމުތައް:

• އިޓަލީ
• އެމެރިކާ
• ޖަރުމަނުވިލާތް
• ނެދަލޭންޑްސް
• ފްރާންސް
• ކެނެޑާ
• ގްރީސް
• އިނގިރޭސިވިލާތް
• ފަލަސްތީން
• ބެލްޖިއަމް
• ޑެންމާކް
• ސްވިޑެން
• ޕޯޗުގަލް
• ކޮސޯވޯ
• ތުރުކީ
• އޮސްޓްރިއާ
• ޗެކް ރިޕަބްލިކް
• އަޔަލޭންޑް

ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނައިރު މިހާތަނަށް މި މަސައްކަތުން ރާއްޖޭގެ އިޤްތިސާދަށް އެތައް މިލިޔަން ޑޮލަރު ވަދެފައިވާކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ކުރަމުން އަންނަ، އަދި މިމަސައްކަތުން އެގައުމުތަކުގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުން އަންނަ މަސައްކަތެކެވެ.

މީގެ އިތުރުން، ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރުތައް ކުރާ ޤައުމަކަށްވާއިރު، މި ޚިދުމަތް ފުޅާކުރުމުގައި ރާއްޖެއަށް ފުރުޞަތުތައް ގިނަކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.