ޚަބަރު

ޚޫޘީންގެ ޑްރޯން ޙަމަލާއެއް ޔަހޫދީންގެ ވައިގެ ބަނދަރަކަށް، 8 މީހުން ޒަޚަމްވި


ޒަޔަނިސްޓު އިސްރާއީލުގެ ރަމޯން ވައިގެ ބަނދަރަށް ދީފައިވާ ޑްރޯން ޙަމަލާއެއްގެ ޒިންމާ ޔަމަނުގެ ޙޫޘީން އުފުލައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 7ވަނަ ދުވަހު ދީފައިވާ ޙަމަލާ އަމާޒުކޮށްފައި ވަނީ މަތިންދާބޯޓުން ފައިބައިގެން ދަތުރުވެރިން އަންނަ ޓަރމިނަލަށެވެ. ޙަމަލާގެ ސަބަބުން ދެ ގަޑިއިރެއްހާ އިރަށް ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަނީ މެދުކަނޑައިލައިފައެވެ.

ޙޫޘީންގެ އަސްކަރީ ތަރުޖަމާނު، ޔަޙްޔާ ސަރީ ވިދާޅުވީ ވައިގެ ބަނދަރަށް ދީފައިވާ ޙަމަލާއަކީ އިސްރާއީލުގެ ދެކުނުގެ އިތުރު ސަރަޙައްދުތަކެއް ހިމެނޭ ގޮތަށް ދީފައިވާ ބިޔަ ޙަމަލާއެއްގެ ބައެއް ކަމަށެވެ. ސަރީ ވިދާޅުވީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ތަޙައްމަލް ކުރަމުންދާ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި އެ ޖަމާޢަތުން ދެމުންދާ ޙަމަލާތައް ކުރިއަށްއޮތް ތަނުގައި އިތުރުކުރާނެ ކަމަށެވެ. ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ހިންގާ ވައިގެ ބަނދަރުތަކަކީ ރައްކާތެރި ތަންތަން ނޫން ކަމަށާއި އެ ތަންތަނަށް ޙަމަލާ ދިނުމުގައި ދެމިތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓު ފަހަރަށް ޙޫޘީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި މިހާތަނަށް ހަތަރު ބޯޓު ފައްތާލާފައިވެއެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫ އަރައި ބޯޓުފަހަރު ދަތުރު ކުރާ މަގު ބަދަލު ކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން ވިޔަފާރި ބޯޓުތައް ދަތުރު ކުރަން ޖެހޭ މަގު ދިގުވެ ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެގެން ދިޔައެވެ. އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީން ވެސް ދަނީ ޙޫޘީންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.