ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން މީގެ ކުރިން ދީފައި ނުވާ ވަރުގެ ވަރުގަދަ ޙަމަލާއެއް ޔޫކްރެއިންއަށްދީ، ޔޫކްރެއިންގެ ސަރުކާރުގެ މައި އިމާރާތަށް ބޮޑެތި ގެއްލުންތައް ދީފިއެވެ.
ޔޫކްރެއިނުން ބުނީ ރަޝިޔާއިން ދިން ހަމަލާގައި ތުއްތު ކުއްޖަކު ހިމެނޭ ގޮތަށް ހަތަރު މީހުން މަރުވެފައިވާ ކަމަށެވެ. ޙަމަލާގެ ސަބަބުން ސަރުކާރުގެ މައި އިމާރާތުގައި ވަނީ ރޯވެފައެވެ. ޔޫކްރެއިންގެ ބޮޑުވަޒީރު ޔޫލިއާ ސްވީރީދެންކޯ ވިދާޅުވީ މިއީ ހަނގުރާމަ ފެށުނު ފަހުން ޔޫކްރެއިންގެ ވެރިރަށް ކީއެވްގައި ހުންނަ ސަރުކާރުގެ މައި އިމާރާތަށް ޙަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރު ކަމަށެވެ.
ރަޝިޔާއިން ދިން އެންމެ ފަހުގެ ޙަމަލާތަކުގައި 805 ޑްރޯންއާއި 13 މިސައިލު ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ޙަމަލާއެއް ދިނުމަށް ރަޝިޔާއިން ބޭނުންކޮށްފައިވާ އެންމެ ގިނަ ޢަދަދުގެ ޑްރޯނެވެ. ޔޫކްރެއިނުން ވަނީ އޭގެ ތެރެއިން 751 ޑްރޯންއާއި ހަތަރު މިސައިލް ވައްޓާލައިފައެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ ޑްރޯންއާއި މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން ދިން ޙަމަލާގައި ހަތަރު މީހުން މަރުވެ، އެ ޤައުމުގެ އުތުރާއި ދެކުނާއި އިރުމަތީ ސަރަޙައްދުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޒަޕޮރީޖާއާއި ކްރީވީ ރީހާއި އޮޑެސާގެ އިތުރުން ސޫމީ އަދި ޗާނީހެވް ސަރަޙައްދު ހިމެނެއެވެ. އެ ސަރަޙައްދުތަކުަގައި މީހުން ދިރިއުޅޭ އިމާރަތްތަކަށް ޙަމަލާތަކުގައި ގެއްލުން ލިބިފައިވެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ މާ ކުރިންސުރެ ސުލްޙަވެވެން އޮއްވައި މި ފަދަ ގޮތަކަށް ރަޝިޔާއިން މީހުން މެރުމަކީ އެ ޤައުމުން ގަސްތުގައި ހިންގާ ޖަރީމާއެއް ކަމަށާއި އެއީ ހަނގުރާމައިގެ ނިމުން ފަސް ކުރުމަށް ކުރާ މަސައްކަތެއް ކަަމަށެވެ. އޭނާ ވަނީ ޔޫކްރެއިނަށް ވާގިވެރިވާ ޤައުމުތަކުގެ ކިބައިން ޔޫކްރެއިންގެ ވައިގެ ދިފާޢު ވަރުގަދަ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.