ކުޅިވަރު

ޖަރުމަނު ޓީމަށް ބަދަލު ގެންނަން ކޯޗު ވައުދުވެއްޖެ


ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް ކޯޗު ހޫލިއަން ނާގެލްސްމަން ވައުދުވެއްޖެ އެވެ.

އޭނާ މިހެން ބުނީ ވޯލްޑްކަޕް ކޮލިފައިންގައި ސްލޮވާކިޔާ އަތުން ބަލިވުމުން މަގާމު ގެއްލިދާނެ ކަމުގެ ބިރު ހީވެފައި އޮއްވަ އެވެ. ކޮލިފައިންގައި ޖަރުމަނަށް ދެން އޮތީ އުތުރު އަޔަލޭންޑާ ދެކޮޅަށް މި ހަފުތާގައި ކުޅެން ޖެހޭ މެޗެވެ.

ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޖަރުމަނު މިހާތަނަށް ކޮލިފައިން މެޗަކުން ބަލިނުވެ އެވެ. ނަމަވެސް ނޮދަން އަޔަލޭންޑާ ދެކޮޅަށް ނުކުންނައިރު ކޮލިފައިން ނިމޭއިރު އޮޓެމެޓީކް ޖާގައެއް ޖަރުމަނަށް ނުލިބިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އުމުރުން މިހާރު 38 އަހަރުގެ ކޯޗު ވަނީ ސްލޮވާކިޔާ މެޗަށް ފަހު ކުޅުންތެރިންގެ އަމަލުތައް ހުރި ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އެއްވެސް ކަހަލަ އިމޯޝަންސް އެއް ނެތް. ރަނގަޅު ކުޅުމެއް ދެއްކުމުގެ ވިސްނުން ވެސް އޮތީ މޭލަކަށް ވުރެ ދުރުގައި،" އެ މެޗަށް ފަހު ކޯޗު ބުންޏެވެ.

މެޗަށް ފަހު ކެޕްޓަން ހޯޝުއާ ކިމިޗް ބުނީ ސްލޮވާކިޔާއާ ދެކޮޅަށް ކުޅުނު ގޮތަށް އިތުރު މެޗެއްގައި ކުލެފިނަމަ ވޯލްޑް ކަޕަށް ކޮލިފައިނުވެދާނެ ކަމަށެވެ.

"އަހަރުމެން މި މެޗުގައި މި ކުޅުނު ގޮތަށް އިތުރަށް ކުޅޭނަމަ ޔަގީނުން ވެސް އަހަރުމެން ވޯލްޑް ކަޕަށް ކޮލިފައިނުވާނެ،" ކިމިޗް ބުންޏެވެ.

ކޯޗު ބުނީ އޭނާގެ ވަޒީފާ ގެއްލިދާނެތީވެ ކުޅުންތެރިންގެ ކަންކަމުގައި ނަގަންޖެހޭ ޑިސިޝަނެއް ނުނަގާ ނުހުންނާނެ ކަމަށެވެ. މި ގޮތުން ޓީމުގެ 10 ކުޅުންތެރިން ބަދަލުކުރަން ޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

"އަހަރެން މި ބުނަނީ ޓީމުގެ 10 ކުޅުންތެރިން ބަދަލު ކުރާނެ ވާހަކަ އެއްނޫން. އަހަރެން ބޭނުންވަނީ އެންމެ ރަނގަޅަށް ޕާފޯމް ކުރާ ކުޅުންތެރިންނަށް ފުރުސަތުދޭނެ. މި ފަދަ ނިންމުންތައް އަހަރެން ނިންމާނަން. އަހަރެންގެ ވަޒީފާ އަކީ މުޅިން އެހެން ކަމެއް. މި ވަޒީފާގައި ހުންނަންވެގެން އަހަރެން ވަކި ކަމެއް ނުކޮށް ނުހުންނާނަން،" ނާގެލްސްމަން ބުންޏެވެ.

އޭނާ ގައުމީ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އޭގެ ފަހުން 2024ގައި ކުޅުނު 15 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ކުއާޓާ ފައިނަލުން ބަލިވީ އެވެ.
ޖަރުމަނު ޓީމު ބަލިވިއިރު މުހިންމު ވަރަށް ގިނަ ކުޅުންތެރިން ތިބީ އަނިޔާގަ އެވެ. މީގެ ތެރޭގައި އާސެނަލްގެ ކައި ހަވަޓްޒް އާއި ބަޔާންގެ ޖަމާލް މުސިއާލާ އާއި ޓިމް ހެލެއިން އާއި ނިކްލަސް ފުލްކުރޫގް ފަދަ ކުޅުންތެރިން ހިމެނެ އެވެ.