ޚަބަރު

އެފްޑީސީން ތަރައްޤީކުރާ 4000 ފްލެޓަށް ފެނާއި ނަރުދަމާ ގުޅައި ޓެސްޓުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: މަތީން


  • މަތީން ވިދާޅުވީ އެ ސަރަޙައްދުގެ ނެޓްވޯކްތައްވެސް ރަނގަޅުކޮށްފައިވާކަމަށް

  • ޔުނިޓްތަކަށް ކަނެކްޝަންތައް ގުޅައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދޭ

ހުޅުމާލޭ ފޭސް 2ގައި ފަހިދިރިއުޅުން ކޯޕަރޭޗަން، އެފްޑީސީން ތަރައްޤީކުރަމުންދާ 4000 ހައުސިން ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް އެއްވެސް ދަތިކަމެއް ނެތި ލިބޭނެކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަތީން މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

4000 ހައުސިން ޔުނިޓްގެ ހުރިހާ ޓަވަރުތަކުގައިވެސް މިހާރު ކުރިއަށްދަނީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތަކާއި ފިނިޝިން މަސައްކަތްތަކެވެ. ފިނިޝިންގެ އެންމެ މުހިންމު އެއް މަސައްކަތަކީ ފްލެޓްތަކަށް ބޭނުންވާ، ކަރަންޓާއި ފެނާއި ނަރުދަމާ ފަދަ ޔުޓިލިޓީގެ ޚިދުމަތްތައް ގުޅާ ޓެސްޓްކުރުމުގެ މަސައްކަތްތަކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ، ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަޙައްދުތަކުގެ ފެނާއި ނަރުދަމާގެ ނެޓްވޯކް ރަނގަޅުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މިއީ އެޓަވަރުތަކަށް މީހުން ބަދަލުވާއިރު، އެތަނުގައި ދަތިކަމެއް ނެތި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށް މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ޓަވަރުތަކަށް ކަނެކްޝަންތައް ގުޅުމުގެ މަސައްކަތްތައްވެސް، އެޗްޑީސީ އާއި އެފްޑީސީ ގުޅިގެން ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން ޓަވަރުތަކާ ވަކިވަކި އެޕާޓްމަންޓްތަކަށް ޚިދުމަތް ގުޅުމާއި، ކަނެކްޝަންތައް ޓެސްޓުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މަތީން ވިދާޅުވީ ޔުނިޓްތައް ލިބުނު މީހުންނަށް، ޚިދުމަތްތަކަށް ރަޖިސްޓްރީކުރުމަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށެވެ.

"ސޮއިކުރުން ކުރިއަށްދާ ސަރަޙައްދުގައި އަޅުގަނޑުމެންގެ ޚާއްސަ ސްޓޯލެއް ވަނީ ޤާއިމުކޮށްފައި. ކަނެކްޝަން ގުޅުމަށް ފޯމު ހުށައެޅުމާއި ރަޖިސްޓްރީކުރުމާއި އެނޫންވެސް ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކުރުމުގައި އަޅުގަނޑުމެން މުވައްޒަފުން ހަރަކާތްތެރިވާނެ. ބޭނުންވާ އެހީތެރިކަން ލިބޭނެ." އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ފެނުގެ ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު، ފްލެޓްތަކަށް މީހުން ވަންނައިރުވެސް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތްތައް ލިބޭނެކަމަށެވެ.

ހުޅުމާލޭގެ ފެނުގެ ޚިދުމަތުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްދާ މަސައްކަތުގައި، އަލަށް ތަރައްޤީކުރި 10000 ޓަނުގެ ފެން ރައްކާކުރާ ޓޭންކްވެސް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި އިތުރު 10000 ޓަނުގެ ފެން ރައްކާކުރާ ޓޭންކެންގެ މަސައްކަތްވެސް މިހާރު ވަނީ ހުޅުމާލޭގައި ފަށާފައެވެ.