ފީފާ ވޯލްޑްކަޕްގެ ކޮލިފައިންގައި ދެކުނު އެމެރިކާ ބައްރުގައި މިއަދު ވެނެޒުއޭލާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން އާޖެންޓީނާ މޮޅުވެއްޖެ އެވެ.
މި މެޗުން އާޖެންޓީނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 17 މެޗުން 38 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ބްރެޒިލް އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.
އާޖެންޓީނާގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 39 ވަނަ މިނިޓުގައި ހޫލިއަން އަލްވަރޭޒްގެ އެސިސްޓަކުން ކެޕްޓަން ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮތް އިރު ދެވަނަ ހާފުގައިވެސް ދުނިޔޭގެ ޗެމްޕިއަން, އާޖެންޓީނާއިން ވަނީ މޮޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މި މެޗުގައި އާޖެންޓީނާއިން ޖެހި ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި ލައުޓާރޯ މާޓިނޭޒް ކާމިޔާބުކޮށްދިންއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް ލިއޮނެލް މެސީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ކުރިން އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނާ ބުނެފައިވަނީ މިއީ މެސީ އާޖެންޓީނާގައި އެ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭނެ ކޮލިފައިންގެ ފަހު މެޗު ކަމަށެވެ.