ކުޅިވަރު

ކުރިއަށް އޮތް ދެމެޗަކީ ސަޕޯޓަރުންގެ އިތުބާރު ހޯދަން ލިބޭ ފުރުސަތެއް: މޯހަން


ސައުތު އޭޝިއަން ސުޕަ ކަޕުގައި ރާއްޖޭގެ ސީނިއާ ޤައުމީ ފުޓްބޯޅަ ޓީމު ކުޅޭ ދެމެޗަކީ ވަރަށް މުހިންމު ދެމެޗުކަމަށާއި، މިއީ ސަޕޯޓަރުންނަށް ޤައުމީ ޓީމާއިމެދު އިތުބާރު ބޮޑުކުރުމަށް ލިބޭ ފުރުސަތެއްކަމުގައި ގައުމީ ޓީމުގެ ކޯޗު މުހަންމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މެޗާއި ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަދައްކަމުން މޯހަންބުނީ ރާއްޖޭގެ ފުޓުބޯޅައަށް ބަލާއިރު މި ދެމެޗަކީ ވަރަށް މުހިންމު ދެމެޗުކަމަށެވެ. މިހާރު ފުޓުބޯޅަ އޮތް ހާލަތުން އާންމުންނަށް އެއްޗެއް ސާބިތުކޮށްދޭންޖެހޭކަމަށާއި، މިއީ އެކަމަށް ލިބުނު ފުރުސަތެއްކަމަށް މޯހަން ފާހަގަކުރިއެވެ.

"ރާއްޖޭގެ ފުޓުބޯޅައަށް ބަލާކަމަށްވެއްޖިއްޔާމު މި ދެމެޗަކީ ހަމަ ވަރަށް މުހިންމު ދެމެޗު އިނގޭތޯ. މިއޮތް ހާލަތުން ޕަބްލިކަށް އެބަޖެހޭ އެއްޗެއް ސާބިތުކޮށްދޭން. އެއީ އެންމެ މުހިންމު ކަމަކީ" މޯހަން ބުންޏެވެ.

މޯހަންބުނީ ރާއްޖޭގެ ފުޓުބޯޅަ ހާލަތު އަދިވެސް ހަމައަކަށް ނޭޅޭކަމަށެވެ. ފުޓުބޯޅަ ނުކުޅޭތާ އަހަރެއްހާ ދުވަސްވުމަށްފަހު ގައުމީ ޓީމުން ކުޅުނު މެޗުތަކުން އެދެވޭ ނަތީޖާއެއް ނެރެވިފަނުވާއިރު، އަދިވެސް ފުޓުބޯޅައިގެ ހާލަތު އެންމެ ރަނގަޅު ނޫންކަމަށް އޭނާ ބުންޏެވެ. ގައުމީ ޓީމުން ފަހުން ނެރުނު ދަށް ނަތީޖާތަކަކީ ލީގެއް ނުކުޅެ، މުބާރާތެއްގައި ވާދަނުކޮށް ކުޅުންތެރިންނަށް ތިބެންޖެހުމުން އައި ދަތިތަކެއް މޯހަން ބުންޏެވެ.

އެހެންކަމުން ކުރިއަށް އޮތް ދެމެޗާއި ކުރިމަތިލާއިރު ގޮންޖެހުންތަކެއް އެބަހުރިކަމަށް ގައުމީ ޓީމުގެ ކޯޗު ބުންޏެވެ. މިމުބާރާތާ ދެމެދު ޕްރެކްޓިސްކޮށްލަން ލިބުނީ ހަ ދުވަސްކަން ފާހަގަކުރަމުން މޯހަންބުނީ މަދު ދުވަސްކޮޅެއް ލިބުނުކަމަށްވެސް ކުޅުންތެރިން ވަރަށް މަސައްކަތްކޮށްފިކަމަށެވެ. އެހެންނަމަވެސް ޓީމުގެ ހާލަތު އެންމެ އެކަށީގެންވާވަރު ނުވާކަމަށާއި ކުޅުންތެރިންގެ ބުންވަރުވެސް އެންމެ ރަނގަޅު ނޫންކަމަށް މޯހަން ބުންޏެވެ.

"ކުރިން ފާހަގަކުރިގޮތަށް އަޅުގަނޑުމެންގެ ހާލަތު އެންމެ ރަނގަޅެއް ނޫން. އެއް އަހަރަށްވުރެ ގިނަ ދުވަސް ފުޓުބޯޅަ ނުކުޅެ އޮވެފައި ފަހުން އައިސް ކުޅުނު ނެޝަނަލް ޓީމު މެޗުތައް ތިވިދާޅުވިގޮތަށް ނަތީޖާތައްވެސް އެހާ ރަނގަޅަކަށް ނޫން އައިސްފަހުރީކީ. މިހުރިހާ ކަމެއްވެސް މިއަންނަނީ ހަގީގަތުގައި ލީގު ނުކުޅެ، ނޫނިއްޔާމު މުބާރާތެއް ނުކުޅެ ކުޅުންތެރިން ތިބުމާއި އެކީގައި އެއަންނަ ހަމަ ވަރަށް ގިނަ ދަތިތަކެއް ހަގީގަތުގައި އަންނަނީ" މޯހަން ބުންޏެވެ.

މޯހަން ބުނީ މިދަތިތަކާއެކުވެސް ގައުމީ ޓީމުން ދައްކުވައިދިނީ ހިތްވަރާއެކު މަސައްކަތްކޮށް އެކަތިގަނޑެއްގެ ގޮތުގައި ކާމިޔާބީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްކަމަށެވެ. ޓީމުގެ ކޮންމެ ކުޅުންތެރިއަކުވެސް އެކުޅުންތެރިއެއްގެ ފުރިހަމަ ކޮމިޓްމެންޓު ޕްރެކްޓިސްއަށް ދިންކަމަށް މޯހަން ފާހަގަކުރިއެވެ.

"ކުޅުންތެރިން ވަރަށް މަސައްކަތްކުރި މިލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ޖުމްލަ ހަ ދުވަސް މިލިބުނީ އަޅުގަނޑުމެންނަށް އެކީގައި މަސައްކަތްކޮށްލަން. ހުރިހާ ކުޅުންތެރިންހެން ބައިވެރިވެގެން ހަމަ ވަރަށް ވަރަށް ކުޅުންތެރިންގެ އެފަޓް ފެނިގެން ހިނގައްޖެ މިވީ ހަ ދުވަހު. ވަރަށް ހިތްވަރުކުރި، ވަރަށް މަސައްކަތްކުރި. ކޮމިޓްމަންޓު ވަރަށް ރަނގަޅު. ޓެކްޓިކަލީ އަޅުގަނޑުމެންނަށް ތައްޔާރުވެވޭނެ އެންމެ ރަނގަޅަކަށް މިހާރު މިހިރީ ތައްޔާރުވެވިފަ" މޯހަން ބުންޏެވެ.

މޯހަން ބުނީ އުންމީދަކީ ސްރީލަންކާއާއި ވާދަކޮށް ދެމެޗުންވެސް މޮޅުވުންކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންނާއިމެދު އޭނާއަށް އުންމީދު އެބައޮތްކަމަށެވެ. ކުޅުންތެރިންގެ ބުންވަރު އަދި އެންމެ ރަނގަޅު ނޫންނަމަވެސް މަސައްކަތުގެ ރޭޓު ރަނގަޅު ފެންވަރެއްގައި ދަނޑުމަތިން ދައްކުވައިދޭނެކަމަށް އޭނާ ގަބޫލުކުރާކަމަށް މޯހަން ބުންޏެވެ.

"ﷲ އިރާދަކުރެއްވިއްޔާ އުންމީދުކުރަނީ ދެމެޗުވެސް ކާމިޔާބުވާނެކަމަށް. އެ އުންމީދުގައި އަޅުގަނޑުމެން މިތިބީ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ކުޅުންތެރިންނާއި ދޭތެރޭ އިތުބާރު އެބައޮތް. ފިޓްނެސްއަށް އަދި އެންމެ ރަނގަޅު ނޫންކަމަށްވީނަމަވެސް ހަމަ މަސައްކަތު ރޭޓު ދަނޑުމަތިން ފެނިގެންދާނެކަމަށް އަޅުގަނޑު ހަމަ ވަރަށް ގަބޫލުކުރަން" ގައުމީ ޓީމުގެ ކުޅުންތެރިންނާއި ގުޅޭގޮތުން މޯހަން ފާހަގަކުރިއެވެ.

ސްރީލަންކާ އާއި ރާއްޖެ ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕަށް ރާއްޖޭގެ ސީނިއާ ގައުމީ ޓީމު ސްރީލަންކާއަށް މިއަަދު ވަނީ ފުރާފައެވެ. މިމުބާރާތުގައި ރާއްޖެ އާއި ލަންކާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ހުކުރު ދުވަހު ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގަ އެވެ. ދެ ވަނަ މެޗު ތާވަލުކޮށްފަވަނީ އަންނަ އަންގާރަ ދުވަހަށެވެ.