19 އަހަރުންދަށުގެ އިންޓަރ ސްކޫލު ވޮލީ މުބާރާތް މިމަހުގެ އަށްވަނަ ދުވަހުން ސަތާރަ ވަނަ ދުވަހަށް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަނާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މިމުބާރާތުގައި އަންހެން އަދި ފިރިހެނުން ޑިވިޝަނުން ޖުމްލަ ނުވަ ޓީމެއް ވާދަކުރާނެއެވެ. ފިރިހެން ޑިވިޝަނުގައި ވާދަކުރާ ސްކޫލްތަކަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ހުޅުމާލެ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، ޅ. ނައިފަރަށް ނިސްބަތްވާ މަދަރަސަތުލް އިފްތުތާހުގެ އިތުރުން ކެޔޮދޫ ސްކޫލްއެވެ.
އަދި މިމުބާރާތުގެ އަންހެން ޑިވިޝަނުގައި ވާދަކުރާ ސްކޫލްތަކަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ހުޅުމާލެ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، ހުރާ ސްކޫލުގެ އިތުރުން ކެޔޮދޫ ސްކޫލްއެވެ.
ދިހަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިމުބާރާތުގެ ކުޅުން ތާވަލުކޮށްފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 04:30 އަދި ރޭގަނޑު 08:15 ގައި މެޗުތައް ކުޅޭގޮތަށެވެ.
މިގޮތުން މުބާރާތް ހުޅުވުމުގެ ގޮތުން އެންމެ ފުރަތަމަ ކުޅުމަށް ތާވަލުކޮށްފަވަނީ ފިރިހެން ޑިވިޝަނުގެ މެޗެކެވެ. އެމެޗުގައި ބައްދަލުކުރާނީ މަދަރަސަތުލް އިފްތިތާހު އަދި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ހުޅުމާލޭގެ ޓީމެވެ.
ފާއިތުވެދިޔަ ދިޔަ އަހަރު ބޭއްވި އިންޓަރ ސްކޫލު ވޮލީ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ ފާފު އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ސީއެޗްއެސްސީ ބަލިކޮށް އިހަވަންދޫ ސްކޫލުގެ ޓީމުންނެވެ.