މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ހަފްތާގައި 1359 ކޮންޓެއިނަރ ކްލިއަރކޯށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. އޭގެތެރޭގައި އެންމެ ގިނައީ އަސާސީ ކާބޯތަކެތިކަމަށްވާ ފިޔައާއި ބިހެވެ.
މޯލްޑިވްސް ޕޯޓްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓް 24 އިން އޮގަސްޓް 30 ވަނަ ދުވަހުގެ ނިޔަލަށް 1359 ކޮންޓެއިނަރ ވަނީ ކްލިއަރކޮށްފައެވެ. މީގެތެރޭގައި 20 ފޫޓުގެ 553 ކޮންޓެއިނަރއާއި 40 ފޫޓުގެ 403 ކޮންޓެއިނަރ ހިމެނެއެވެ.
އެމްޕީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތައްކަށް ބަލާއިރު މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިހެވެ. އެއީ 14،540 ކޭހެވެ. ދެވަނައަށް އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ފިޔާއެވެ. އެއީ 11،617 ބަސްތާއެވެ.
• ކަރާ: 5،415 ކޭސް
• އަލުވި: 5،647 ބަސްތާ
• ޓޮމާޓޯ: 3،672 ކޭސް
• އަލަނާސި: 1،819 ކޭސް
• ކެބެޖު: 2،157 ކޭސް
• ދޮންކެޔޮ: 2،087 ކޭސް
ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާއިރު އެމްޕީއެލްއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް އަަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ.
އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެމްޕީއެލް ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމައިފިއެވެ. މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ޤާއިމްކޮށް،މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މި ކިއު ލައިވްކޮށް، ބޭނުންކުރުމަށް އެމްޕީއެލްއިން ވަނީ ނިންމާފައެވެ.