ޚަބަރު

ޕުޓިން ޔޫކްރެއިނަށް: މަޝްވަރާ ކޮށްގެން ޙައްލު ނުހޯދާނަމަ މައްސަލަ ނިންމާނީ ބާރުގެ ބޭނުން ކޮށްގެން


2022ވަނަ އަހަރުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ މަޝްވަރާގެ މަގުން ނިމުމަކަށް ގެނެވޭނީ ހަމަބުއްދި އިސްކޮށްގެން ކަމަށާއި، އެ ގޮތަށް ކަންތައްތައް ކުރިއަށް ނުދާނަމަ މައްސަލަ ނިންމަން ޖެހޭނީ ބާރުގެ ބޭނުންކޮށްގެން ކަމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅެއްގެ ތެރެއިން ޕުޓިން ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކޮންމެވެސް އަލިމަގެއް ފެންނަމުންދާ ކަމަށާއި، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ވިލާތުގައި ކުރިއަށްދާ އެންމެ ބޮޑު ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ވެސް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށެެވެ. މި ޙާލަތުގައި ހަމަބުއްދި ބޭނުންކޮށްފި ނަމަ ރަޝިޔާއާއި ޔޫކްރެއިންއާ ދެ ފަރާތަށް ވެސް އެއްބަސްވެވޭ ފަދަ ނިންމުމަކާ ހަމައަށް އާދެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފަދަ ޙައްލެއް ހޯދުމަކީ އޭނާ ބޭނުންވެވަޑައިގަންނަވާ ގޮތް ކަމަށް ވެސް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން އިތުރަށް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ވިސްނުންހުރި ގޮތް ސާފުވާއިރު، އެ ޤައުމުގެ ބަހާއި ޢަމަލުން ވެސް ހަނަގުރާމައަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަން ފެންނަމުންދާ ކަމަށެވެ. ނަމަވެސް ޞުލްޙަވެރި ޙައްލެއް ނުހޯދިއްެޖެ ނަމަ ބާރުގެ ބޭނުން ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުތުތަކަށް ދޫދޭން ޕުޓިން ވިސްނަވާ ކަމުގެ އެއްވެސް އިޝާރާތެއް ޕުޓިން ކުރައްވައިފައެއް ނުވެއެވެ. ރަޝިޔާއިން ކުރާ ޝަރުތުތަކުގެ ތެރޭގައި ޔޫކްރެއިނުން ވިލާތުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއަށް ގުޅުމުގެ ޚިޔާލު ދޫކޮށްލުން ހިމެނެއެވެ.

ޕުޓިން ވިދާޅުވީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ މޮސްކޯއަށް ވަޑައިގެންފި ނަމަ މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އެ ފަދަ ބައްދަލުވުމަކަށް ދުރާލާ ތައްޔާރުވާން ޖެހޭ ކަމަށާއި އެ ފަދަ ބައްދަލުވުމަކުން އެދެވޭ ނަތީޖާއެއް ނެރެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޔޫކްރެެއިންގެ ޚާރިޖީ ވަޒީރު ވަނީ އެ ފަދަ ބައްދަލުވުމެއް މޮސްކޯގައި ބޭއްވުމަށް ޕުޓިން ހުށަހެޅުއްވުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ޒެލެންސްކީ ދަނީ، މައްސަލައިގައި ދެ ޤައުމުގެ ވިސްނުން ވަރަށް ތަފާތު ނަމަވެސް ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ އެއްބަސްވުމަކާމެދު މަޝްވަރާ ކުރުމަށް ޕުޓިންއާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވަމުންނެވެ. ބައްދަލުކުރުމަށް ޕުޓިން ދެކޮޅު ހައްދަވާނަމަ ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް އޭނާ ވަނީ އެމެރިކާއަށް ގޮވާލައްވައިފައެވެ.

ދެ ޤައުމު ޞުލްޙަ ކުރުމަށް މަސައްކަތް ކުރައްވަމުންދާ ޓްރަމްޕް ވަނީ އޭނާ ވެސް ބޭނުންވެވަޑައިގަންނަވަނީ ދެ ޤައުމުގެ ރައީސުން ބައްދަލުކުރައްވަން ކަމަށް ވިދާޅުވެފައެވެ. ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިޤްތިޞާދަށް އަސަރު ކުރަން ފަށާފައިވާއިރު، ޕުޓިން ވިދާޅުވަނީ އޭނާ ބޭނުންވެލައްވަނީ ޞުލްޙައިގެ މަގުން ހަނގުރާމަ ނިމުމަކަށް ގެންނެވުމަށް ކަމަށެވެ. ރަޝިޔާގެ ބާރުގެ ދަށަށް ޔޫކްރެއިންގެ ހަތަަރު ސަރަޙައްދެއް ގެންގޮސްފައިވާއިރު، ހުޅަނގުގެ ގިނަ ޤައުމުތަކުން ޤަބޫލު ކުރަނީ އެ ބިންތަކަކީ ރަޝިޔާއިން ޤާނޫނާ ޚިލާފަށް ފޭރިގަނެފައިވާ ބިންތަކެއް ކަމަށެވެ.