ޚަބަރު

ޗިލީއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ ހަތަރު ފޯވާޑުން ހިމެނޭ ގޮތަށް!


ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗިލީއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ އެޓޭކަށް އިސްކަންދީގެން، ހަތަރު ފޯވާޑުން ހިމެނޭ ގޮތަށް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

އަންނަ އަހަރު އެމެރިކާ, މެކްސިކޯ އަދި ކެނެޑާގައި ގުޅިގެން ބާއްވާ ވޯލްޑް ކަޕްގެ ކޮލިފައިންގެ ފަހު ދެ މެޗަށް ބްރެޒިލް ތައްޔާރުވަމުންދާއިރު އެ ގައުމު އޮތީ މިހާރުވެސް ވޯލްޑްކަޕަށް ކޮލިފައިވެފަ އެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންޗެލޮޓީ ބުނެފައިވަނީ ޓީމުގެ ފަރިތަކުރުންތަކުގައި އޭނާ އޮގޮތަށް ކުޅުންތެރިން ތަމްރީނު ކޮށްފައިވާ ކަމަށާއި މި މެޗުގައި ޗިލީ އާއި ދެކޮޅަށް ނިކުންނާނީ އެޓޭކަށް އިސްކަން ދީގެން ކަމަށެވެ.

"އަހަރެން ކުޅުންތެރިން ޓެސްޓްކޮށްފިން. މީގެ އެންމެ މުހިންމު ބޭނުމަކީ އެންމެ ފަހުން ޕެރަގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި ގެންގުޅުނު ގޭމް ޕްލޭނަށް މާބޮޑެތި ބަދަލުތަކެއް ނުގެނެސް މި މެޗުގައި ކުޅުން." އެންޗެލޮޓީ ބުންޏެވެ.

ޗިލީ އާއި ބޮލީވިއާއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ނޭމާ އާއި ވިނިޝިއަސް ޖޫނިއަރ އަށް ފުރުސަތު ދީފައިނުވާއިރު, މި ދެ މެޗުގައި ބްރެޒިލްގެ އެޓޭކް ބަލަހައްޓާނީ އެސްޓެވާއޯ ވިލިއަމް އާއި ގެބްރިއެލް މާޓިނޭލޯ އަދި ޖޮއާއޯ ޕެޑްރޯގެ އިތުރުން ރަފީނިއާ އެވެ.

ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި މިރޭ ކުޅޭ މެޗަށްފަހު އަންނަ ހަފްތާގައި ރަށުން ބޭރުގައި ބްރެޒިލް ނިކުންނާނީ ބޮލީވިއާ އާއި ދެކޮޅަށެވެ.