އަންނަ ހަފުތާގައި މޯލްޑިވިއަން އިން ބ. ކަމަދުއަށް ސީޕްލޭންގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
ކަމަދުއަށް ސީޕްލޭން ދަތުރުތައް ފެށުމަށް ޤައުމީ އެއަރލައިން، މޯލްޑިވިއަނާއި ހޯކްސް ހޮޓެލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ މިދިޔަމަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ދަށުން އެރަށަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުުވަހު ކަމަށް މޯލްޑިވިއަނުން ވަނީ އިއުލާންކޮށްފައެވެ.
މޯލްޑިވިއަނުން ވިދާޅުވާ ގޮތުގައި ކަމަދުއަށް ސީޕްލޭން ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއަކު ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މިއާއެކު ދިވެހިންނަށް ޚާއްސަ ފެއަރވެސް އެ އެއަރލައިނުން ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން، މާލެއިން ކަމަދުއަށް ސީޕްލޭންގެ ޓިކެޓެއްގެ އަގު އުޅެނީ 1199 ރުފިޔާއަށެވެ.
ކަމަދޫއަކީ ރަށު ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ރަށެކެވެ. އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި ރަށަށްވެސް އިގްތިސާދީގޮތުން ގިނަ ފައިދާތަކެއް ވެގެންދާނެއެވެ.
Experience the beauty of the Maldives 🇲🇻 from above and touch down in Kamadhoo!
— MaldivianAero (@MaldivianAero) September 3, 2025
Enjoy Maldivian Seaplane flights every Saturday and Thursday from 11 September 2025 onwards.#MaldivianAero pic.twitter.com/h7dmcoQP7s
ކަމަދުއަށް ސީޕްލޭންގެ ޚިދުމަތް ފެށުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވިދާޅުވެފައެވެ.
"ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމަކީ ލޯކަލް ޓޫރިޒަމް މިހާބޮޑަށް ތަރައްޤީވެފައިވާ އަދި ވަރަށް ބޮޑަށް ތަރައްޤީކުރުމުގެ މިސައްކަތް ވަރަށް ބޮޑަށް ކުރިއަށްދާ ރަށަކަށް ވާއިރުގައި ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ކުރާނެ ކަމެއް. އެކަމަށްޓަކައި މިރަށުގެ އެންމެހާ ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން" ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ގުދުރަތީ ރީތިކަމާއި ރަށުގެ ފެހިކަންގަދަ ގަސްތަކާއި، ހިތްހެޔޮ ރައްޔިތުންގެ ސަބަބުން ކަމަދޫއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އެ ރަށުގައި ގިނަ އަދަދެއްގެ ގެސްޓްހައުސްތަކެއް އޮޕަރޭޓްކުރަމުންދާއިރު ކަމަދޫއަކީ ދަރަވަންދޫއަށްފަހު ބ. އަތޮޅުން އެންމެ ގިނަ އެނދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ނެރެދީފައިވާ ރަށެވެ.
ކަމަދޫގައި އިތުރު ގެސްޓްހައުސްތައް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ސީޕްލޭން ދަތުރުތައް އެ ރަށަށް ފެށުމަކީ ރަށަށް ދާ ފަތުރުވެރިން އިތުރުވާނެ ކަމެކެވެ. މިއާއެކު ރަށުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އެ ރަށުގެ ރައްޔިތުން ގަބޫލުކުރެއެވެ.