ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހަމަޖައްސަވައިދެއްވައިފިއެވެ.
ކުޅިވަރާ ބެހޭ ވަޒީރު ރާފިޢު މިއަދު ވަނީ މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށްވަނީ ނިންމާފައެވެ. އަދި ފަލަސްތީނު ޓީމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަޒީރު ވަނީ އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ޒަރީރް އާއި މަޝްވަރާ ކުރައްވާފައެވެ.
މިއީ ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ނިންމެވި މުހިންމު ނިންމުމެއް ކަމަށް ކުޅިވަރު ވުޒާރާއިން ބުނެއެވެ.
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ދިވެހިރާއްޖޭގައި ކޭމްޕުކުރަން ނިންމީ ހަނގުރާމައިގެ ސަބަބުން ފުޓްބޯޅަ ކުޅޭނެ މާހައުލެއް ނެތުމުންނެވެ.
ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އެ ގައުމުގެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް އެދިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 8 އިން 19 އަށެވެ. ރާއްޖޭގައި ކޭމްޕުކޮށްގެން ތިބޭއިރު ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު ފަލަސްތީނު ޓީމުން އެކުވެރިކަމުގެ ދެ މެޗު ކުޅުމަށްވަނީ ނިންމާފައެވެ.
ފަލަސްތީނުގެ މި ޓީމު ތައްޔާރުވަމުން ދަނީ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ. މި ކޮލިފައިންގައި ރާއްޖެވެސް ވާދަކުރާނެއެވެ.