އަފްޣާނިސްތާންގެ އިރުމަތީ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 812އަށް އުފުލިއްޖެއެވެ. އެ ޤައުމުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ ސަރުކާރުގެ އިދާރާތަކުން ބުނީ، ބިންހެލުމާ ގުޅިގެން ގެދޮރު ވެއްޓި، ލިބުނު ގެއްލުމުގައި އަނިޔާވި މީހުންގެ އަދަދު ވެސް 2,800އަށް އުފުލިފައިވާ ކަމުގައެވެ. ރިކްޓަރ މިންގަނޑުން 6ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުން އައިސްފައި ވަނީ އެ ޤައުމުގެ އިރުމަތީ ކޫނާރާއި ނަންޣަރްހަރް ޕުރޮވިންސަށެވެ. އެއީ، އެއްގަމު މަގުން ދަތުރު ކުރުމަށް އުނދަގޫ، ފަރުބަދަ މަތީ ސަރަޙައްދެކެވެ.
އަފްޣާނިސްތާނަކީ މި ވަގުތު ވެސް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ޤައުމެކެވެ. އެއް ސަބަބަކީ، ޠާލިބާނުން އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި، ވެރިކަން ފޭރިގަތުމެވެ. އެއާ އެކު، ބޭރު ޤައުމުތަކުގެ އެހީ އެ ޤައުމަށް ހުއްޓުނެވެ. އަދި، އެމެރިކާއިން އިސްނަގައިގެން އެ ޤައުމަށް އަރައިގަނެ، ކުރި ދިގުލައިގެން ދިޔަ ހަނގުރާމައަށް ފަހު ޤައުމު އަލުން އާރާސްތު ކުރުމުގެ މަސައްކަތަަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ބޭރުގެ އެހީ ލިބުން ހުއްޓިފައިވާ މި ދަނޑިވަޅުގައި، ހަނގުރާމައިން ސަލާމަތްވުމަށް ބޭރު ޤައުމުތަކަށް ހިޖުރަ ކުރި ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެނބުރި ވަޒަނަށް ދަތުރު ކުރުމަށް ވެސް މަޖުބޫރުވެފައެވެ.
ކޫނާރާއި ނަންޣަރްހަރަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދުތައް އުފުލެމުން ދިޔުމާ އެކު ޠާލިބާން ސަރުކާރުން ވަނީ ބޭރު ޤައުމުތަކުގެ އެހީތެރިކަމަށް އެދިފައެވެ. ޠާލިބާން ސަރުކާރުގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު ޝުރުފާތު ޛަމާން ބުނީ، ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ބޭރުގެ އެހީތެރިކަން ބޭނުންވާ ކަމުގައެވެ. "މި ސަރަޙައްދުގައި ގިނަ ބަޔެއްގެ ފުރާނަ ގެއްލި، އެ މީހުންގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ބޭރުގެ އެހީގެ ބޭނުންތެރިކަން ވަރަށް ބޮޑު،" އޭނާ ބުންޏެވެ.
ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ޕާކިސްތާންގެ ސަރަޙައްދީ ރޮނގާ ގުޅޭ ހިސާބުގައި އޮތް އަފްޣާނިސްތާނުގެ ރަށްތަކާއި އަވަށްތަކަށެވެ. އެ ސަރަޙައްދުތަކުގެ މަގުތަކާއި، ޢާންމުންގެ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. އަދި، މުއާޞަލާތީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. ޠާލިބާން ސަރުކާރުން ބުނީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަޙައްދުތަކަށް ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
"ފާއިތުވި 48 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދަށް ވަނީ ބޯކޮށް ވާރޭވެހިފައި. އެއާ އެކު ބިންގަނޑު ކެނޑުމާއި، ކިސަޑު ފޭބުމުގެ ހިރާސް ވަނީ އިތުރުވެފައި، ގިނަ މަގުތައް ބަންދުވެފައި ވަނީ އެ ސަބަބުތަކާ ގުޅިގެން،" އެކުވެރި ދައުލަތްތައް (އދ)ގެ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އިދާރާ (ޔޫއެންއޯސީއެޗްއޭ)ގެ އޮފިޝަލެއް ކަމުގައިވާ ކޭޓް ކެރީ ވިދާޅުވިއެވެ. އެ ސަރަޙައްދުތަކުގައި ބަލިމަޑުކަމެއް ޢާންމުވުމުގެ ހިރާސް އޮތުމާ އެކު، ބިންހެލުމާ ގުޅިގެން މަރުވެފައިވާ ނައަމްސޫފި ވަޅުލުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޠާލިބާނުންގެ ދިފާޢީ ވުޒާރާއިން ބުނީ، ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، އަނިޔާވެފައިވާ މީހުން ހަސްފަތާލުތަކަށް ގެންދިޔުމަށް އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުން ކުރަމުންދާ ކަމުގައެވެ. މިއީ، 2021ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން ފޭރިގަތް ފަހުން އެ ޤައުމަށް އައިސްފައިވާ ތިންވަނަ ނުރައްކާތެރި ބިންހެލުމެވެ. އަފްޣާނިސްތާނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީދޭ ޤައުމުތަކާއި ޖަމުޢިއްޔާތަކުން ފަސްޖެހެމުން ދަނީ، ޠާލިބާން ސަރުކާރުން އެ ޤައުމުގެ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތަކަށް އަރަގަންނަމުންދާތީ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.