ޚަބަރު

ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސް އައިޔޫއެމްގައި ފަށައިފި، ވިލާކޮލެޖުގައި މިމަހު ފަށަނީ


  • މިކޯހަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން

  • ވިލާ ކޮލެޖުން ކުރިއަށް ގެންދާ މިކޯހަށް 90 އެޕްލިކޭޝަން

  • އައިޔޫއެމްގައި ކުރިއަށްދާ ކޯހުގެ ކިޔަވައިދިނުންވަނީ ފަށާފައި

ސަރުކާރުން ކުރިއަށްގެންދާ ސެން ޓީޗަރުން ތަމްރީންކުރުމުގެ ކޯސް 30 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، އައިޔޫއެމްގައި ފަށައިފިއެވެ. މިކޯސް މިމަހުގެ ތެރޭގައި ވިލާ ކޮލެޖުގައިވެސް ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

މިދިޔަ މަހު އިފްތިތާޙްކުރި، އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސްތައް ކުރިއަށް ގެންދަނީ ތަޢުލީމީ ވުޒާރާއާ ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖުގައެވެ. މި ކޯސް އައިޔޫއެމްގައި މިހާރު ފަށާފައިވާއިރު މި ކޯހަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމީ ޔުނިވަރސިޓީން ވިދާޅުވީ މިދިޔަ މަހުގެ އެ ޔުނިވަރސިޓީގައި އެ ކޯސް ފަށާފައިވާކަމަށެވެ. އެގޮތުން މި ކޯހުގައި ބައިވެރިވުމަށް އެދި 45 ދަރިވަރަކު އެޕްލިކޭޝަން ހުށަހެޅިކަމަށާއި މިހާތަނަށް 30 އަށްވުރެ ގިނަ ދަރިވަރުން ކޯހުގައި ރަޖިސްޓްރީވެފައިވާކަމަށް އައިޔޫއެމުން ވިދާޅުވިއެވެ. އަދި މިހާރުވެސް ކޯހުގައި ރަޖިސްޓަރ ކުރަމުންދާކަމަށް އެ ޔުނިވަރސިޓީން ވިދާޅުވިއެވެ. މި ކޯހުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި އަލަށް މުދައްރިސްކަން ކިޔަވާ ދަރިވަރުންނާއި މިހާރު ސްކޫލްތަކުގައި ވަގުތީ މުދައްރިސުންގެ ގޮތުގައި ކިޔަވައިދޭ މުދައްރިސުންވެސް ތިބިކަން އައިޔޫއެމުން ފާހަގަކުރައްވައެވެ.

އައިޔޫއެމުން ވިދާޅުވީ މި ކޯހުގައި ކްލާސްރޫމްގައި ކިޔަވައިދިނުމުގެ އިތުރަށް އަމަލީ ތަޖުރިބާގެ ބައިވެސް ކުރިއަށް ގެންދާނެކަމަށެވެ. އެގޮތުން އެކި މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި ސްކޫލްތަކަށް ގޮސް އަމަލީ ތަޖުރިބާ ހޯދުންވެސް މިކޯހުގައި ހިމެނޭކަން އައިޔޫއެމުން ފާހަގަކުރައްވައެވެ.

ސަރުކާރުން އަމާޒުހިފާފަިވަނީ ރިޔާސީ މި ދައުރު ނިމުމުގެ ކުރިން މުދައްރިސުން ލިބުމުގައި ހުރި ދަތިތަކަށް ޖުމްލަ ޙައްލެއް ހޯދުމެވެ.

ވިލާ ކޮލެޖުން ކުރިއަށްގެންދާ މި ކޯހަށްވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން މިކޯހުގައި ބައިވެރިވުމަށް އެދި 90 އަށްވުރެ ގިނަ އެޕްލިކޭޝަން އެ ކޮލެޖަށް ލިބިފައިވާކަމަށް ވިލާކޮލެޖުން ބުންޏެވެ. އަދި މިހާތަނަށް 37 ދަރިވަރަކަށް ކޯހަށް ހޮވުނުކަން އަންގާފައިވާކަމަށާއި، މި ކޯސް މިމަހު ފަށާނެކަމަށްވެސް އެކޮލެޖުން ބުންޏެވެ.

ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީން ކުރުމަށް ކުރިއަށް ގެންދަނީ ޑިޕްލޮމާ ކޯހެކެވެ. މި ކޯސް ފަރުމާކޮށްފައިވަނީ އެފަދަ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީންކުރުމަށް ޚާއްސަކޮށްގެންނެވެ. މި ކޯހަކީ ދަރިވަރުންނަށް މުޅިން ހިލޭ ކިޔަވައިދޭ ކޯހެކެވެ. އަދި ކޮންމެ މަހަކުވެސް ޕޮކެޓް މަނީގެ ގޮތުގައި ކޮންމެ ދަރިވަރަކަށްވެސް 1500ރ ދިނުމަށް ހަމަޖެހިފައިވާކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް ތައުލީމީ ވުޒާރާއިން ކުރިއަށްގެންދަނީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރޭގައި ހިމަނުއްވައިގެންނެވެ. މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދެކެވެ.