ކުޅިވަރު

އެޑަސަން ތުރުކީގެ ފެނަބާޗޭ އަށް


މެންޗެސްޓާ ސިޓީގެ ގޯލް ކީޕަރު އެޑަސަން ތުރުކީގެ ފެނަބާޗޭ އަށް ވިއްކާލަން ނިންމައިފި އެވެ.
ސިޓީން އޭނާ ވިއްކާލަން ނިންމީ 13 މިލިއަން ޕައުންޑަށެވެ.

2017 ވަނަ އަހަރުން ފެށިގެން ސިޓީ އަށް ކުޅެމުން ދިޔަ ބްރެޒިލްގެ ކީޕަރު އެޑަސަން ވިއްކާލަން ސިޓީން ނިންމީ ފަހަކަށް އައިސް އަނިޔާގެ މައްސަލަތައް ގިނަވުމާއި ކުރީގެ މޮޅު ކުޅުން އޭނާ އަށް ނުދެއްކޭތީ އެވެ. މީގެ ނަތިޖާއެއްގެ ގޮތުން އޭނަ އަށް ބްރެޒިލްގެ ގައުމީ ޓީމުން ލިބިފައިވާ ޖާގަ ވެސް މިހާރު ދެމެހެއްޓެމުން ނުދެ އެވެ.

އުމުރުން މިހާރު 32 އަހަރުގެ އެޑަސަން ވަނީ ސިޓީގައި ހަ ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި އޭނާ އަކީ ސިޓީން ހަތަރު ތަށި ހޯދި ސީޒަނުގައި ވެސް ގޯލު ބެލަހެއްޓި ކީޕަރެވެ. 2023 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރު މަގާމު ހޯދި އެޑަސަންގެ ބަދަލުގައި ސިޓީން ގަންނާނެ ކަމަށް ބެލެވެނީ ޕީއެސްޖީގެ އިޓަލީ ކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ އެވެ. ޕީއެސްޖީން ވަނީ އޭނާ ދޫކޮށްލަން ނިންމައިފަ އެވެ.

ސިޓީގައި މިހާރު ވެސް އިތުރު ދެ ކީޕަރުން އެބަތިއްބެވެ. އެއީ ސްޓެފަން އޮރްޓޭގާ އާއި ޖޭމްސް ޓްރަފޯޑެވެ. މީގެ ތެރެއިން ހުސްވި ސީޒަނުގެ އިނގިރޭސި ޗެމްޕިއަންޝިޕުގެ އެއްވަނަ ކީޕަރުކަން ހޯދި ޓްރަފޯޑް އަލުން ސިޓީ އަށް ގެނައީ ކުރިމަގުގައި އެއްވަނަ ކީޕަރުކަން ކުރުމަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މި ސީޒަނުގައި އިސްކަން ދިނީ ވެސް އޭނާ ލައްވައި ފުރަތަމަ 11ގައި ކުޅުވުމަށެވެ. ނަމަވެސް ޑޮންނަރޫމާ ގެނައުމުން މިކަން ބަދަލުވާނެ އެވެ.