ހަތަރުވަނަ ދިރާގު އިންޓަރނޭޝަނަލް އިންލައިން ސްޕީޑް ސްކޭޓިންގ ޗެމްޕިއަންޝިޕް ރާއްޖޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ސްކޭޓް މޯލްޑިވްސްއިން އިންތިޒާމުކުރާ މި މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 4 އިން 6 އަށް މާލޭގެ އިތުރުން ހުޅުމާލޭގައެވެ.
އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައިވާ މުބާރާތާއި ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާދެއްވަމުން ސްކޭޓް މޯލްޑިވްސްގެ ރައީސް މުޙައްމަދު ހާނިމް ވިދާޅުވީ މިމުބާރާތުގައި އަވައްޓެރި އިންޑިއާ، ސްރީ ލަންކާ އަދި ނޭޕާލުން ބައިވެރިވާ ގޮތަށް ހަމަޖެހުނު ކަމަށާއި، އެހެންނަމަވެސް މިހާތަނަށް ޔަގީންކަން ލިބިފައިވަނީ ނޭޕާލުގެ ޓީމުގެ ފަރާތުން ކަމަށެވެ.
އިންޑިއާއިންވެސް މުބާރާތަށް ތައްޔާރުވި ނަމަވެސް ދުވަސްކޮޅުގެ ގޮތުން އަންނަން ދަތިވީ ކަމަށް ހާނިމް ވިދާޅުވިއެވެ. އަދި ސްރީ ލަންކާގެ ޓީމުން މިހާރުވެސް މަސައްކަތްކުރަމުންދަނީ މުބާރާތުގެ ކުރިން އާދެވޭތޯ ކަމަށާއި، މިއީ ސްކޫލް ދުވަސްވަރުކަމުން ސްރީ ލަންކާގެ އެޑިއުކޭޝަން މިނިސްޓްރީން ނަގަންޖެހޭ ހުއްދަތަކެއް ހުރުމުން ލަންކާ ޓީމަށް މުބާރާތުގައި ވާދަކުރުމަށް އައުމަށް ދަތިވެފައިވަނީކަމަށް ހާނިމް ވިދާޅުވިއެވެ.
"މިމުބާރާތުގައި ރާއްޖެއިން ބޭރުންވެސް ތިން ގައުމަކުން ޓީމުތައް ބައިވެރިވާގޮތަށް އޮތީ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިހާތަނަށް ސަތޭކަ ޕަސެންޓު ކޮންފާރމްވީ ނޭޕާލުގެ ޓީމު. ނޭޕާލުގެ ޓީމުވެސް ވަރަށް ފަހުގެ ވަގުތެއްގައި މި ކޮންފާރމްވީ. އެއީ އަށް ދުއްވުންތެރިންނާއި ދެ އޮފިޝަލުންނާ. އަށް ދުއްވުންތެރިންގެ އުމުރުފުރާތައް ބަހާލެވިފަ އޭނދީ ގާތްގަނޑަކަށް އަޅުގަނޑުމެންގެ މިއޮތް ނުވަ އުމުރުފުރާގެ ތެރެއިން ހަތް އުމުރުފުރާއަކަށް ކުދިން އެ ބޭފުޅުން ލާފަ އެތިބީ. ދެން އިންޑިއާ ޓީމުންވެސް ބާވީސް ދުއްވުންތެރިން އަންނަ ގޮތަށް ރޭވިފައޮތީ" ހާނިމް ވިދާޅުވިއެވެ.
އިންޑިއާ އަދި ސްރީލަންކާގެ ޓީމާމެދު މާބޮޑު އުންމީދެއް ނެތް ނަމަވެސް ނޭޕާލުން ދުއްވުންތެރިން އަންނާނެކަމުގެ ޔަގީންކަންވަނީ ލިބިފަވާކަމަށް ހާނިމް ވިދާޅުވިއެވެ. ނޭޕާލުގެ ސްކޭޓަރުން މިމަހުގެ 3 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށާ އެއީ އަށް އެތުލީޓުންނާއި ދެ އޮފިޝަލުންކަމަށް ހާނިމް މައުލޫމާތުދެއްވިއެވެ.
"ނޭޕާލު ޓީމު ހަމަ އެރައިވްވާނެ އޮން ތާރޑް އޮފް ސެޕްޓެމްބަރގައި އިނގޭތޯ" ހާނިމް ވިދާޅުވިއެވެ.
މިއަހަރުގެ މުބާރާތުގައި 5 އަހަރުންދަށުގެ އުމުރުފުރާގައިވެސް ދެ ޖިންސުން ވާދަކުރާނެކަމަށާ އޭގެ އިތުރުން ބޮޑެތި މީހުންނަށް ޚާއްސަ މާސްޓާރސް ކެޓެގަރީގައިވެސް ސްކޭޓަރުން ފެނިގެންދާނެކަމަށް ހާނިމް ވިދާޅުވިއެވެ. މިމުބާރާތުގައި ދުއްވުންތެރިން ވާދަކުރާނެ ކެޓަގަރީތަކުގެ ތެރޭގައި 5 އަހަރުންދަށް، 5 އަހަރާއި 7 އަހަރާއި ދެމެދު، 7 އަހަރާއި 9 އަހަރާއި ދެމެދު، 9 އަހަރާއި 11 އަހަރާއި ދެމެދު، 11 އަހަރާއި 13 އަހަރާއި ދެމެދު، 13 އަހަރާއި 15 އަހަރާއި ދެމެދު، 15 އަހަރާއި 17 އަހަރާއި ދެމެދު، 18 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުފުރާގެ އިތުރުން ދެން އޮންނާނީ މާސްޓާރސް ކެޓެގަރީއެވެ.
މުބާރާތުގެ އިންތިޒާމުތަކާއި ގުޅޭގޮތުން މިމުބާރާތުގެ ޓޯނަމެންޓު ޑިރެކްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ ތިން ދުވަހަށް މުބާރާތް ކުރިއަށްދާއިރު، ބުރާސްފަތި ދުވަހުގެ ހެނދުނު މުބާރާތް ފަށާނީ ހުޅުމާލެއިންކަމަށެވެ. އަދި ޖެހިގެން އަންނަ ހުކުރުދުވަހުގެވެސް ހެނދުނު ދަންފަޅި ހުޅުމާލޭގައި ބޭއްވުމަށްފަހު އެދުވަހު ހަވީރު އޯޕަނިންގ ސެރެމަނީއާއެކު މުބާރާތް ކުރިއަށްދާނީ މާލޭ އުސްފަސްގަނޑުގައިކަމަށް ޢަބްދުﷲ ވިދާޅުވިއެވެ. އެއަށްފަހު ހޮނިހިރު ދުވަހު މުބާރާތް ނިންމާލާނެކަމަށާއި މުބާރާތަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ނިމިފައިވާކަމަށް އޭނާ މައުލޫމާތުދެއްވިއެވެ.
"މުބާރާތުގެ މިހާތަނަށް އައިއިރު މިތިބީ ގާތްގަނޑަކަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފަ. ވެނިއު ތައްޔާރުކުރުމާއި، ޓްރާންސްޕޯޓާއި، ފަރސްޓް އެއިޑާއި، މެޑިކަލްއާއި އަދި އެހެނިހެން ކަންކަމާއި ޓީމުތަކުގެ އެރޭންޖްމަންޓްސްތަކާއި މުބާރާތުގެ ޓެންޓުތައް ހުންނަގޮތާއި ހުރިހާ ކަމެއް ރޭވިފަ. ޓީމުތައް ބެހިފަ އިނގޭތޯ. އަޅުގަނޑުމެން އުންމީދުކުރަނީ މުބާރާތުގެ އެއްވެސް ހިކަޕެއް ނުޖެހި ވަރަށް ސްމޫތުކޮށް ނިންމާލެވޭނެކަމަށް" ޢަބްދުﷲ ވިދާޅުވިއެވެ.
2023 ވަނަ ބޭއްވި ތިންވަނަ އިންލައިން ސްޕީޑް ސްކޭޓް ޗެމްޕިއަންޝިޕަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެއަހަރުގެ މުބާރާތުގައި 10 ކެޓެގަރީއަކުން 79 ސްކޭޓަރުން ވާދަކޮށްފަވެއެވެ.