ޚަބަރު

ރަނިލް އަދިވެސް އައިސީޔޫގައި، ސްރީ ލަންކާގައި އަނެއްކާވެސް ބައިބައިވުން


‎ޚިޔާނާތުގެ މައްސަލައެއްގައި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރުކޮށް، ހަތަރު ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓެވުމަށް އެ ޤައުމުގެ ކޯޓަކުން މުއްދަތު ޖެހީ އޮގަސްޓު މަހުގެ 22ވަނަ ދުވަހުއެވެ. އުމުރުން 76 އަހަރުގެ ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ ސްރީ ލަންކާގެ ފުލުހުންގެ މައި ތަޙުޤީޤީ އިދާރާ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެއީ ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ތުހުމަތުގައެވެ. ސީއައިޑީން ތަޙުޤީޤު ކުރަމުން ދަނީ، ރައީސްގެ މަޤާމުގައި ވިކްރަމަސިންހަ ހުންނެވިއިރު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކާ ގުޅޭ މައްސަލައެކެވެ.

ވިކްރަމަސިންހަގެ އަނބިކަނބަލުން، މައިތުރީ ވިކްރަމަސިންހައަށް ޚާއްޞަ އިނާމެއް އެރުވުމަށް ލަންޑަންގެ ޔުނިވަސިޓީއަކުން ބޭއްވި ހަފްލާއަކަށް ވިކްރަހަސިންހައާއި އަރިހުގައި ދަތުރުކުރެއްވި 10 ބޭފުޅުން އިނގިރޭސިވިލާތަށް ވަޑައިގެންފައި ވަނީ 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ދެ ދުވަހުގެ އެ ދަތުރަށް ދައުލަތުގެ ބަޖެޓުން 55،000 އެމެރިކާ ޑޮލަރު ޚަރަަދުކޮށްފައިވެއެވެ.

އެ މައްސަލައިގައި ވިކްރަމަސިންހަ ހައްޔަރުކުރުމަށް ފަހު ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓްސް ކޯޓުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައި ވަނީ އޭނާގެ ޞިއްޙީ ޙާލަތަށް ރިއާޔަތްކުރުމަށް ފަހުގައެވެ. އެއީ ކަފާލާތުގެ ގޮތުގައި ޖުމްލަ 15 މިލިޔަން ސްރީލަންކަން ރުޕީސް ދައްކާ ގޮތަށެވެ. ޖަލުގައި ހުންނަވަނިކޮށް ޙާލު ދެރަވެގެން ހަސްފަތާލަށް ގެންދިޔަ ވިކްރަމަސިންހަ އަދިވެސް އޮންނެވީ ކޮލޮމްބޯ ނޭޝަނަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ކޯޓުގެ ލިޔެކިޔުންތަކުން ދައްކާގޮތުގައި ވިކްރަމަސިންހަ ލަންޑަނަށް ކުރެއްވި ދަތުރުފުޅު ފުރަތަމަ ލިސްޓުކޮށްފައި ވަނީ އަމިއްލަ ދަތުރުފުޅެއްގެ ގޮތުގައެވެ. ނަމަވެސް ވިކްރަމަސިންހައާއި އަރިހުގައި ދަތުރުކުރެއްވި ބޭފުޅުންނަށް އެ ދަތުރުގައި ހިނގި ޚަރަދު ފަހުން ހަމަޖައްސާފައި ވަނީ ދައުލަތުގެ ބަޖެޓުގެ ތެރެއިންނެވެ. ކޯޓުގައި ދައުލަތުން ތުހުމަތުކުރަނީ ވިކްރަމަސިންހަ އެ ފައިސާ ޚަރަދުކުރައްވާފައި ވަނީ ނަހަމަގޮތުގައި ކަމަށެވެ.

ވިކްރަމަސިންހަގެ ވަކީލުން ވަނީ އިނާމުދޭ ހަފްލާއަށް ވިކްރަމަސިންހަ ހާޒިރުވުމަށް ދައުވަތު އަރުވައި ޔުނިވަސިޓީ އޮފް ވުލްވަރހެމްޓަނުން ފޮނުވާފައިވާ ސިޓީއެއް ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. އެ ސިޓީ އޮތުމުން، ދަތުރަށް ފައިސާ ޚަރަދުކޮށްފައި ވަނީ ރަސްމީ ބޭނުމެއްގައިކަން އެނގޭ ކަމަށް ވަކީލުން ބުނެއެވެ. ނަމަވެސް އެއީ ރަސްމީ ލިޔެކިޔުންތަކުގައި މީގެ ކުރިން ހިމަނާފައި ނުވާ ލިޔުމަކަށް ވާތީއާއި ހެކިންގެ ބަހުގައި އެ ސިޓީގެ ވާހަކަ ހިމެނިފައިނުވާތީ، ހެކީގެ ގޮތުގައި ކޯޓުން އެ ސިޓީ ބަލައިގަނެފައެއް ނުވެއެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި ވިކްރަމަސިންހަގެ ޞިއްޙީ ޙާލަތު ހުރި ގޮތުން އޭނާ ބައިވެރިވެވަޑައިގަތީ އިންޓަނެޓު މެދުވެރިކޮށް، ނޭޝަނަލް ހޮސްޕިޓަލުގައި ހުަންނަވައެވެ. އެ އަޑުއެހުމުގައި ވިކްރަމަސިންހަގެ ވަކީލުން ވަނީ އޭނާގެ ޞިއްޙީ ޙާލަތު ބަޔާންކޮށްދީ ކޯޓަށް ލިޔެކިޔުންތަކެއް ހުށަހަޅައިފައެވެ. އެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ ހިތުގެ މައި ހަތަރު ލޭ ނާރުގެ ތެރެެއިން ތިން ލޭ ނާރު ވަނީ ވަރަށް ބޮޑަށް ބެދިފައެވެ. ވަކީލުން ވަނީ ނޭޝަަނަލް ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ ރުކްޝަން ބެލަނާގެ ޞިއްޙީ ރައުޔު ބަޔާންކޮށްފައިވާ ލިޔުމެއް ވެސް ހުށަހަޅައިފައެވެ.

އެ ލިޔުމުގައި ޑރ ބެލަނާ ވިދާޅުވީ ވިކްރަމަސިންހަގެ ލޭގެ ޕްރެޝަރު ވަރަށް މަތިކަމަށާއި އޭނާގެ ހަކުރު ބަލީގެ ޙާލަތު ވެސް ވަރަށް ގޯސް ކަމަށެވެ. މި ޙާލަތުގައި ވިކްރަމަސިންހަގެ ޞިއްޙީ ކަންކަން ގާތުން ބަލަމުންދާން ޖެހޭ ކަމަށާއި، ހަށިގަނޑުން ފެން މަދުވެފައިވާތީ އެ ކަމަށް މިހާރުން މިހާރަށް ފަރުވާ ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެ ގޮތަށް ޢަމަލު ނުކުރެވިއްޖެ ނަމަ ވިކްރަމަސިންހަގެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ކަންކަމަށް ރިއާޔަތްކޮށް، ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓްސް ކޯޓުން ނިންމީ ކަފާލާތުގެ ދަށުން ވިކްރަމަސިންހަ ދޫކޮށްލުމަށެވެ. މައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހުއެވެ.

ކަފާލާތުގެ ދަށުން ވިކްރަމަސިންހަ ދޫކޮށްލި ނަމަވެސް އޭނާ އަދިވެސް އޮންނެވީ އައިސީޔޫގައި ކަމަށް ހަސްފަތާލުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ޑރ ބެލަނާ ވިދާޅުވީ ޑޮކްޓަރުންގެ ޚާއްޞަ ޓީމަކުން ވިކްރަމަސިންހަގެ ޙާލަތު ވަޒަންކޮށްފައިވާ ކަމަށާއި، އައިސީޔޫގައި އަދި އިތުރު ދެ ތިން ދުވަހު އޭނާ ބޭއްވެވުމަށް އެ ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. ބައިޕާސް ސަރޖަރީއެއް ނުވަތަ އެ ނޫން ވެސް އޮޕަރޭޝަނެއް ވަރަށް އަވަހަށް ކުރަން ޖެހިދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ވިކްރަމަސިންހައަށް ކުރިމަތިވި އުނދަގޫތައް މަޑުމަޑުން ފިލަމުންދާ ކަމަށާއި އެހެން ގުޅުންހުރި މައްސަލަތައް ވެސް މަޑުމަޑުން ފަސޭހަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ވިކްރަމަސިންހަ މިހާރު ހުންނެވީ މިނިވަނެއްގެ ގޮތުގައި ކަމަށް ވަތީ، ހަސްފަތާލުގައި އޮންނެވި ނަމަވެސް އޭނާގެ އަމިއްލަ ވަކީލުންގެ ވަފުދާ ބައްދަލުކުރެވޭނެ ކަމަށް ވެސް ޑރ ބެލަނާ ވިދާޅުވިއެވެ.

މި ޙާލަތުގައި ޑރ ބެލަނާގެ އަމިއްލަ ސިޔާސީ ފިކުރަށް ވެސް ޢާންމުންގެ ނަޒަރު ވަނީ ހުއްޓިފައެވެ. ވިކްރަމަސިންހަ ހަސްފަތާލުގައި އެނދުމަތިކޮށްފައި ވަނީ ސިޔާސީ މަޤްސަދެއްގައި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ޑރ ބެލަނާ ވިދާޅުވީ ވިކްރަމަސިންހައަށް އައިސީޔޫގައި ފަރުވާ ދިނުމަށް ނިންމި ނިންމުމަކީ އޭނާ ނުވަތަ ހަސްފަތާލުގެ އައިސީޔޫއިން ނިންމި ނިންމުމެއް ނޫން ކަމަށެވެ. ވިކްރަމަސިންހަ އެނދުމަތިކޮށްފައި ވަނީ ޖަލުގެ ހަސްފަތާލުން އެ ގޮތަށް ލަފާ ދީފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. ނޭޝަނަލް ހޮސްޕިޓަލަށް ސިޔާސީ ކުޅިވަރު ބޭނުންނުވާ ކަމަށާއި، އެ ހަސްފަތާލަކީ ޕާޓީތަކަށް ޚިދުމަތް ކުރާ ހަސްފަތާލެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހަސްފަތާލަށް ވިކްރަމަސިންހަ ގެނައުމުން، އޭނާއަށް ބޭނުންވާ ފަރުވާ އެންމެ ފުރިހަމައަށް ދީފައިވާ ކަމަށް ޑރ ބެލަނާ ވިދާޅުވިއެވެ. މި ޙާލަތުގައި މައްސަލައަކަށް ވާނީ އެ ހަސްފަތާލަށް ޚިދުމަތް ހޯދަން އަންނަ އެހެން މީހުންނަށް ހަމަ އެގޮތަށް، އެންމެ ފުރިހަމައަށް ޚިދުމަތް ނުދޭނަމަ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިކްރަމަސިންހަގެ މައްސަލައިގައި ސްރީ ލަންކާ މި ވަނީ ދެބައިވެފައެވެ. ވިކްރަމަސިންހައަށް ތާއީދުކުރާ މީހުންނާއި އޭނާގެ ސިޔާސީ ޕާޓީގެ މެންބަރުން ބުނަމުން ދަނީ އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ މަޤްސަދެއްގައި އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. ބަންދާމެެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ކުރިއަށްދިޔަ ކޯޓު ދޮށަށް އޭނާއަށް ތާއީދުކުރާ މީހުން އެއްވެ އެ ސަރަޙައްދުގައި މުޒާހަރާކޮށްފައި ވެސް ވެއެވެ. ކަފާލާތުގެ ދަށުން ވިކްރަމަސިންހަ ދޫކޮށްލުމަށް ނިންމުމުން އެ މީހުން ވަނީ އެ ސަރަޙައްދުގައި ތިބެ އުފާ ފާޅުކޮށްފައެވެ. އެ މުޒާހަރާތަކުގައި ފުލުހަކަށް އަނިޔާވިއިރު، ވިކްރަމަސިންހަ ވަނީ ޑިމޮކްރަސީ ދިފާޢުކުރުމުގައި އިދިކޮޅު ޕާޓީތަކުން ވެސް އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.

ވިކްރަމަސިންހަ ހައްޔަރުކުރުމާ ގުޅިގެން ސްރީ ލަންކާގެ ކުރީގެ ތިން ރައީސުން ކަމަށްވާ ޗަންދްރިކާ ކުމާރަތުންގާއާއި މަހިންދަ ރާޖަޕަކްސައާއި މައިތުރިޕާލަ ސިރިސޭނާ ވެސް ވަނީ ވިކްރަމަސިންހަަގެ ދިފާޢުގައި ވާހަކަ ދައްކަވައިފައެވެ. އެ ބޭފުޅުން ވަނީ އޭނާ ހައްޔަރުކުރުން ކުށްވެރިކުރައްވައި، އެއީ ޑިމޮކްރަސީއާ ދެކޮޅަށް ދިން ޙަމަލާއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ވިކްރަމަސިންހަ ހައްޔަރުކުރުމުގެ އަސަރު މުޅި ޤައުމަށް ކުރާނެ ކަމަށް ކުމާރަތުންގަ ވިދާޅުވިއިރު، ރާޖަޕަކްސަ ވަނީ ވިކްރަމަސިންހަ ބަންދުގައި ހުންނަވަނިކޮށް އޭނާއަށް ޒިޔާރަތްކުރައްވައިފައެވެ. ސިރިސޭނާ ވިދާޅުވީ ވިކްރަމަސިންހަ ހައްުޔަރުކުރުމަކީ ކުށެއް ނެތް މީހެއްގެ ބޮލުގައި އިލްޒާމެއް އަޅުވައި އެ މީހަކު ކަތިލުން ފަދަ ކަމެއް ކަމަށެވެ.

ވިކްރަމަސިންހަގެ މައްސަލައިގައި ބައިނަލްއަޤްވާމީ ދުނިޔެއިން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާގެ ޕާޓީން ބުނެއެވެ. އެ ގޮތުން އެ މައްސަލައިގެ ތަފްޞީލު ހޯދުމަށް ތިން ޤައުމެއްގެ އިސްވެރިންނާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ގިނަ ޢަދަދެއްގެ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން އެދިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

މީގެ ކުރިން ސްރީ ލަންކާގެ ބައެއް މައްސަލަތައް ނިންމުމުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ ނޯވޭގެ އެރިކް ސޮލީމް ވަނީ ވިކްރަމަސިންހައާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކާމެދު ސުވާލު އުފައްދައިފައެވެ. އޭނާ ވިދާޅުވީ 2022ވަނަ އަހަރުގެ ތެރޭގައި ސްރީ ލަންކާގެ އިޤްތިޞާދީ އަދި ސިޔާސީ ޙާލަތު އެންމެ ހީނަރުވި ވަގުތު ޤައުމު ސަލާމަތްކުރުމަށް ތެދުވެވަޑައިގަތީ ވިކްރަމަސިންހަ ކަމަށެވެ. ވިކްރަމަސިންހައާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކަކީ ފަހަރުގައި ޞައްހަ ތުހުމަތުތަކަކަށް ވި ނަމަ ވެސް، އެ ފަދަ ކުށަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ވިލާތުގެ ޤައުމުތަކުން ނުބަލާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސްރީ ލަންކާއިން ކޮރަޕްޝަން ނައްތައިލުމަށް ކުރަމުންދާ މަސައްކަތް ފާހަގޮށް އެ މަސައްކަތަށް ހިތްވަރުދޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ވިކްރަމަސިންހައަށް ފާޑުކިޔައި މީހުން ބުނަމުންދަނީ މައްސަލަ ވަަރަށް ގާތުން އަދި ވަރަށް ތަފްޞީލްކޮށް ބަލަންޖެހޭ ކަމަށެވެ. އެ މީހުން ބުނަމުން ދަނީ ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމަކީ ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވުން ކަމަށެވެ. ވިކްރަމަސިންހަ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނީ ޞިއްޙީ ޙާލަތަށް ރިއާޔަތްކޮށް ކަމަށްވި އިރު، ވިކްރަަމަސިންހައާ މެދު ޢަމަލުކުރާ ޤަވާއިދާ އެއްގޮތަށް އެހެން ޢާންމު ރައްޔިތުންނާ މެދު ވެސް ޢަމަލުކުރަން ޖެހޭނެ ކަމަށް ބައެެއް މީހުން ބުނެއެވެ. އަނެއް ބަޔަކު ބުނަމުންދަނީ ޞިއްޙީ މައްސަލަތަކާ ގުޅިގެން ވިކްރަމަސިންހަ ޖަލުން ދޫކޮށްލި ނަމަވެސް އޭނާ ހިންގާފައިވާ ޖަރީމާތަކަކީ އެއަށްވުރެ ބޮޑު މައްސަލަތަކެއް ކަމަށެވެ. ވިކްރަމަސިންހަ ފަދަ ބޭފުޅުންނާމެދު ޢަމަލުކުރަން ޖެހޭނީ ޢާންމުންނާ މެދު ޢަމަލުކުރާ ޤާނޫނުގެ ދަށުން ކަމަށް އެ މީހުން ވެސް ފާހަގަކުރެއެވެ.

2022ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސްރީ ލަންކާގެ ރައީސްގެ މަޤާމާ ވިކްރަމަސިންހަ ޙަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމު ހަ ދައުރުަގެ މަތިން ފުރުއްވައިފައެވެ. 2024ވަނަ އަހަރުގެ ރިޔަސީ އިންތިޚާބުގައި އޭނާ ވަނީ އެ ޤައުމުގެ މިހާރުގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކައާ ވާދަކުރައްވައިފައެވެ. ނަމަވެސް އިންތިޚާބުގައި އޭނާއަށް ކާމިޔާބީ ލިބިވަޑައިގެންފަައެއް ނުވެއެވެ. ރައީސް އަނޫރާ ކުމާރާ ދިސަނަޔަކަ މިހާރު މަސައްކަތްކުރައްވަމުން ދަނީ ސްރީ ލަންކާއިން ކޮރަޕްޝަން ނައްތާލައި ޤައުމުގެ ޙާލަަތު ހަމައަކަށް އެޅުވުމަށެވެ. މި މަސައްކަތުގައި ސިޔާސީ ބޭފުޅުންގެ މައްސަލަތައް އޭނާ ދަނީ ފުޅާ ދާއިރާއެއްގައި ބައްލަވަމުންނެވެ.