ކުޅިވަރުގެ ވަސީލަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމަށް ރާވާފަވާއިރު، ހދ. ކުމުންދޫގައިވެސް ހޭންޑްބޯޅަ ކުޅުމަށް ޚާއްސަ ކޯޓެއް އެޅުމަށް ރާވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުމުންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ކުމުންދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސް ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމަށް ރާވާފައިވާކަމަށާ، އެމަޝްރޫޢުގެ ދަށުން ކުމުންދޫގައިވެސް ހޭންޑްބޯޅަ ކުޅުމަށް ޚާއްސަ ކޯޓެއް އެޅިގެންދާނެކަމަށެވެ.
"ހޭންޑްބޯލް ކޯޓު އެޅުމަކީ މިއަންނަ އަހަރަށް ވަރަށް ބޮޑު މަޝްރޫޢެއްގެ ގޮތުގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގަން ނިންމާފަ އޮތް މަޝްރޫޢެއް. މިރަށުގައިވެސް އޭގެ ތެރެއިން ހޭންޑްބޯލް ކޯޓެއް އެޅުން ހިމެނޭނެ. އަދި ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި ދެ އަހަރަށް ބަހާލައިގެން ހޭންޑްބޯލް ކޯޓު އެޅުމުގެ ބިޔަ ބޮޑު ޕްރޮގްރާމެއް ފަށަން ނިންމާފަ މިއޮތީ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުމުންދޫއަށް ކުރެއްވި ދަތުރުފުޅުގައިވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ ބިންގާވެސް އެރަށުގައި އަޅުއްވައިދެއްވާފައެވެ. އެމަޝްރޫޢަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ އެމަރުކަޒުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކަސްރަތުގެ ހަރަކާތްތަކާއި އިންޑޯ ކުޅިވަރުތައް ކުޅުމުގެ މަގު ތަނަވަސްވެގެންދާނެކަމަށެވެ.
ކުމުންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސްވަނީ ކުޅިވަރުގެ އިތުރު މަޝްރޫޢުތައްވެސް އެރަށުގައި ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ވޮލީކޯޓެއްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށާއި، ކުރީ ސަރުކާރުން އެރަށުގައި ހަދަން ފަށާފައިވާ ފުޓުބޯޅަ ދަނޑު އިތުރު ވަސީލަތްތަކާއެކު ތަރައްގީކޮށްދެއްވާނެކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.
"ކުޅިވަރުގެ ދާއިރާއިން ބަލާއިރުގައި ފުޓުބޯޅަ ދަނޑެއްގެ މަސައްކަތް އެބަ ހިނގާ. އެދަނޑު އެއީ ކުރީގައި ހަވާލުކުރެވިފަ ނުވަތަ ކުރީގައި ފެށިފަ އޮތް މަޝްރޫއެއްވީމާ އެދަނޑު މިހާރު އެހެދެނީ ފުލް ސްކޯޕަކު ނޫން އަދި. މާނައަކީ ފެންސާއި ލައިޓާއި ހިމެނިފައެއް ނެތް. މިސަރުކާރުން މިހާރު ފަށާ ހުރިހާ ދަނޑުތަކެއް ހަދަނީ ފެންސުވެސް ޖެހި، ވަށައިގެން ރައްކާތެރިކުރެވި، ލައިޓުވެސް ޖެހި ރޭގަނޑު ކުޅެވޭ ގޮތަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުމުންދޫގައި ކުރިއަށްދާ ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތުގެ ތެރެއަށް ކަންކަން އިތުރުކޮށްދެއްވާ އެދަނޑު ތަރައްގީކޮށްދެއްވާނެކަމަށެވެ. އެމަސައްކަތް ސަރުކާރުގެ ފަރާތުން ކުންފުންޏަކާ ހަވާލުކުރައްވާނެކަމަށާ މިހާރު ދަނޑުގައި ކުރަމުންދާ މަސައްކަތް ނިމުނުހާ އަވަހަކަށް އެމަސައްކަތް ފެށިގެންދާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.
"އެހެންވީމަ މިހާރު މިހިނގާ ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު އަޅުގަނޑުމެން މިދެންނެވި އިތުރަށް ހުރި މަސައްކަތްތައް އެހެން ފަރާތަކަށް ހަވާލުކޮށްގެން މިރަށުގައި މަސައްކަތްކުރާ ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ދަނޑުގައި މިހާރު އެހިންގާ މަސައްކަތްތަކެއް ނިމެންވާއިރަށް ދެން ހުރި މަސައްކަތްތައް ފެށޭވަރަށް ތަރުތީބުކޮށްދީގެން އިރާދަކުރެއްވިއްޔާ ދަނޑު ފުރިހަމަކޮށްދޭނެކަމުގެ ޔަގީންކަން ދެން" ކުމުންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވިއެވެ.