މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ބޯޑަށް ހަތަރު މެންބަރުން އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީރާގެ ބޯޑަށް މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި 14 ބޭފުޅެއްގެ ނަން މިމަހުގެ 4ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވިއެވެ. އެ މައްސަލަ ދިރާސާ ކުރުމަށްފަހު އިގްތިސާދީ ކޮމިޓީން ވަނީ 8 ބޭފުޅަކަށް %75 އަށްވުރެ މަތިން މާކްސް ދީފައެވެ.
މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާފައިވަނީ އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުން ކޮންމެ ބޭފުޅަކަށް ވަކިންނެވެ. އެގޮތުން، ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުން، މުޙައްމަދު އިމްތިނާން ސަޢުދުﷲ އާއި ހުޝާމް ވަހީދާއި އިސްމާޢިލް ހަމްދޫން އަދި އަޙްމަދު ޢަލީ މީރާގެ ބޯޑަށް އައްޔަން ކުރެއްވުމަށް ވަނީ ފާސްކޮށްފައެވެ.
މީރާގެ ބޯޑަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ނަން ފާސްކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާއެވެ. މީރާގެ ބޯޑުގައި 7 މެންބަރުން ތިއްބަވައެވެ.