އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފޮތްމައުރަޒު "މަޢުރިފާ 2025″ ހުޅުވައިފިއެވެ. މިއީ އެ ވުޒާރާގެ ޕަބްލިކޭޝަން ޔުނިޓުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މައުރަޒެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.
މި މަހުގެ 26 އިން 28 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނަ މި މައުރަޒުގައި، ރާއްޖޭގައި ފޮތް އުފައްދާ އަދި ފޮތްވިއްކާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ. މައުރަޒަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ޢާއްމުކޮށް ފިހާރަތަކުން ލިބެންހުންނަ އަގަށްވުރެ ހެޔޮ އަގުގައި ފޮތް ގަންނަން ލިބެން ހުންނާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މައުރަޒުގައި ލިބެންހުރި ފޮތްތަކުގެ ތެރޭގައި ދީނީފޮތްތަކާއި، ދިވެހިބަހުގެ ފޮތްތަކާއި ކުޑަކުދީންގެ ފޮތްތަކުގެ އިތުރުން ބަސްދަސްކުރާ އުމުރުފުރައިގެ ކުދީންނަށް ޚާއްޞަކުރެވިފައިވާ ފޮތްތައް ހިމެނެއެވެ.