ކުޅިވަރު

ނޭކުރެންދޫގައި ގާއިމުކުރާ ސްވިމިން ޓްރެކުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ހދ. ނޭކުރެންދޫގައި ސަރުކާރުން ގާއިމުކޮށްދެއްވާ ސްވިމިން ޓްރެކުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

ނޭކުރެންދޫގައި އަލަށް ގާއިމުކުރާ ސްވިމިންގ ޓްރެކްގެ އެއްބަސްވުމުގައި ސޮއިކޮށްފަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކުޅިވަރުގަ ދާއިރާއިން ގިނަގުނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާއިރު ނޭކުރެންދޫގައިވެސްވަނީ ހޭންޑްބޯޅަ ކޯޓެއް އަޅުއްވައިދެއްވުމުގެ އިތުރުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް އަޅުއްވައިދެއްވާފައެވެ.

ނޭކުރެންދޫގައި އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްވިމިންގ ޓްރެކްގެ މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެރަށު ކައުންސިލުގެ ރައީސް އަލީ ސިރާޖް ވިދާޅުވީ އެރަށަކީ ގާމަތީ ރަށަކަށްވުމުން މިފަދަ ސްވިމިންގ ޓްރެކެއްގެ މުހިންމުކަން ބޮޑުކަމަށެވެ. އަދި މިއީ ރަށުގެ ކުދިބޮޑު އެންމެންނަށް ވަރަށް މުހިންމުކަން ބޮޑު ތަނެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ރަށަކީ ގާމަތީ ރަށެއް. އަންހެންވެރިންވެސް ވަރަށް ޝައުގުވެރިކަމާއެކު ފެތުމުގެ ކަންކަމުގައި އުޅޭ ރަށެއް މިއީ. އެހެންވީމަ މިފަދަ ސްވިމިންގ ޓްރެކެއްގެ މުހިންމުކަން ރަށަށް ބޮޑު" ސިރާޖް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގައިދަނީ ކުޅިވަރުގެ ގިނަގުނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ހިނގަމުންނެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް ނިމިފަވާއިރު ދެން ހުރި މަޝްރޫޢުތަކުގެ މަސައްކަތްވެސް ހަލުވިދުވެލީގައި ކުރިއަށް އެބަދެއެވެ.