ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރުގައި އެރަށުގެ ރައްޔިތުންގެ އެދުނުގޮތަށް ވަރަށް އަވަހަށް ވޮލީކޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ނޮޅިވަރަންފަރު ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ނޮޅިވަރަންފަރުގެ ވަރަށް މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެކަމަށާ ދެން އޮތީ އެމަޝްރޫއުގެ އަމަލީ މަސައްކަތްފެށުންކަމަށެވެ.
މިމަޝްރޫޢުތަކުގެ ތެރެއިން ފީފާ ސްޓޭންޑަޑްއަށް ތަރައްގީކުރާ ފުޓްބޯޅަ ސްޓޭޑިއަމްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން ދެން ސޮއިކުރެވުނު އަނެއް މަޝްރޫޢުކަމަށްވާ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށާ އެހެންނަމަވެސް އެއީ ވަގުތު ނަގާނެ ބޮޑު މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުޅިވަރުގެ ދާއިރާއިންވެސް އަޅުގަނޑުމެން މިސޮއިކުރީ ވަރަށް މުހިންމު ދެ މަޝްރޫޢެއްގައި. އަޅުގަނޑުގެ ވަޢުދުތައް އެއީ. ފީފާ ސްޓޭންޑަޑްގެ ފުޓްބޯލް ސްޓޭޑިއަމްއެއް ހަދައިދިނުން. އަދި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ދެ މަޝްރޫއު ނިމުމުން އެކަންވެގެންދާނީ ނޮޅިވަރަންފަރަށް ވަރަށް ފުރިހަމަގޮތެއްގައި ކުޅިވަރު ތަރައްޤީކުރުމުގައި ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދުމަށް ވަރަށް ބޮޑު ދޮރެއް ހުޅުވިގެންދާނެ ކަމަކަށްކަމަށެވެ. މިމަޝްރޫޢުތަކާއެކު ކުރިއެރުން އަންނާނީ ހަމައެކަނި ފުޓުބޯޅައަށް ނޫންކަމަށާ ވަރަށް ގިނަ އިތުރު އިންޑޯ ކުޅިވަރުތައްވެސް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސްގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.
"މި ދެ ކަންތައް ވެގެން ދިޔައިމަ ހަގީގަތުގައި އެވެގެންދާނީ ހަގީގަތުގައި ވަރަށް ފުރިހަމަގޮތެއްގައި ކުޅިވަރު ތަރައްގީކުރުމުގައި ވަރަށް ވަރަށް ބޮޑެތި ކާމީޔާބީތައް ހޯދުމުގެ ވަރަށް ބޮޑު ދޮރެއް ހުޅުވިގެންދާ ކަމަކަށް. ފުޓުބޯޅައިގެ ދާއިރާއިންނާއި އަދި ޖުމްލަކޮށް އަދި ވަރަށް ގިނަ އިންޑޯ ކުޅިވަރުތައް ކުޅެވޭ ގޮތަށް މިކަން ހަމަޖެހިގެން މިދަނީ" ރައީސް ވިދާޅުވިއެވެ.
ނޮޅިވަރަންފަރުގައި އަލަށް ގާއިމުކުރުމަށް ސޮއިކުރެވުނު ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތަކީ ވަގުތުނަގާނެ މަސައްކަތެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެރަށުގެ ރައްޔިތުން ބޭނުންވާ އިތުރު ކުޅިވަރުގެ ވަސީލަތްތައްވެސް ގާއިމުކުރުމުގެ މަސައްކަތް ހަމަ މިމުއްދަތުގެ ތެރޭގައި ކުރިއަށްދާނެކަމަށެވެ. އެގޮތުން ރަށުގެ ރައްޔިތުން އެދިފައިވާ ފަދައިން ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތްވެސް ދާދި އަވަހަށް ފައްޓަވައިދެއްވާނެކަމަށާ، އެމަސައްކަތް ބަޔަކާ ހަވާލުކުރުން ވަރަށް އަވަހަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސްވަނީ އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
"ސްޕޯޓްސް ކޮމްޕްލެކްސްއަށް ވަރަށް ގިނަ ވަގުތު ނަގާނެ ނިންމަން، ބޮޑު މަޝްރޫޢެއް. އެހެންނަމަވެސް އެއަށްވުރެ އަވަހަށް ހަމަ ފުޓުބޯޅަ ދަނޑުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ނިމޭނެ. މި ފުޓްބޯޅަ ދަނޑު ނުވަތަ ސްޕޯޓްސް ކޮމްޕްލެކްސް ނިމެންދެކަށްވެސް މަޑުނުކޮށް މިރަށަށް މިހާރުން މިހާރަށް ބޭނުންވާ ބައެއް ކުޅިވަރުތައް ގާއިމުކުރުމަށްޓަކައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ފަށާނަން. ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވޭ ވޮލީބޯލް ކޯޓެއް އެޅިގެންދާނެ. އެހެންވީމަ މި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ނިމެންދެން އެކަމަށް ފުރުސަތެއް ނުހޯދަދީ ނުބާއްވާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް ވޮލީބޯލް ކޯޓެއް އެޅުމަށް ބަޔަކާ ހަވާލުކުރާނަން" ރައީސް ވިދާޅުވިއެވެ.