ޚަބަރު

ބާރުގަދަ ތޫފާން ކަޖިކާއާ އެކު ވިއެޓްނާމުން 7,000 ގެދޮރު ސުންނާފަތިވެ، ތިން މަރު


ބާރުގަދަ ތޫފާނެއް ކަމުގައިވާ ކަޖިކީ ވިއެޓްނާމްގެ ސަރަޙައްދުތަކަށް އެރުމާ ގުޅިގެން ހިނގި ހާދިސާތަކެއްގައި ތިން މީހުން މަރުވެ، ގިނަ އަދަދެއްގެ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ތޫފާން ކަޖިކީގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ވިއެޓްނާމްގެ އިރުމައްޗާއި މެދުތެރޭގެ ސަރަޙައްދުތަކަށެވެ. ތޫފާނާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 13 ވަރަކަށް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމުގައި އެ ޤައުމުގެ މަޞްދަރުތަކުން ހާމަކުރިއެވެ.

ތޫފާން ކަޖިކީ ވިއެޓްނާމްގެ ސަރަޙައްދުތަކަށް އަރާފައި ވަނީ ބާރު ވަޔާއި، ބޯ ވިއްސާރައާ އެކުގައެވެ. ތޫފާނާ އެކު ބޯކޮށް ވާރޭވެހި، ގިނަ ސަރަޙައްދުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. އަދި، ތޫފާނާ ގުޅިގެން 7,000އަށްވުރެ ގިނަ ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ. މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ އެކު ވެރިރަށް ހަނޮއީގެ މަގުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.

ވިއެޓްނާމްގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ތޫފާނާ އެކު އެ ޤައުމުގެ އުތުރާއި މެދުތެރޭގެ ސަރަޙައްދުތަކަށް ގަޑިއަކު 130 ކިލޯމީޓަރަށް ވައި ބާރުވި ކަމުގައެވެ. ވިއެޓްނާމްގެ ސަރަޙައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށް ފަހު ތޫފާން ކަޖިކީ ދަތުރު ކޮށްފައި ވަނީ އެ ޤައުމާ އިންވެގެން އޮތް ލާއޯގެ ރަށްތަކާ ދިމާލަށެވެ. ނަމަވެސް، މިހާރު ތޫފާނުގެ ބާރު ދަށްވަމުންދާ ކަމުގައި މޫސުން ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ވިއެޓްނާމްގެ ސަރުކާރުން ބުނީ، އެ ތޫފާނާ ގުޅިގެން 28,000 ހެކްޓަރުގެ ދަނޑުބިމުގައި ފެންބޮޑުވެފައިވާ ކަމުގައެވެ. އަދި، 18,000އަށްވުރެ ގިނަ ގަސް ވެއްޓިފައިވާ ކަމުގައެވެ. މީގެ އިތުރުން، ގިނަ ސަރަޙައްދުތަކަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ކަރަންޓު ހޮޅިދަނޑިތައް ފަދަ ވަސީލަތްތަކަށް ގެއްލުންވެ، ބައެއް ސަރަޙައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ.

ކުރިއަށް އޮތް ހަ ގަޑިއިރެއްހާއިރުގެ ތެރޭގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން އިންޒާރު ކުރެއެވެ. ތޫފާން އެރުމުގެ ކުރިން ވިއެޓްނާމްގެ ސަރުކާރުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ގޮތުން، ހަ ޕުރޮވިންސެއްގައި ދިރިއުޅޭ 44,000އެއްހާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. ތޫފާނާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 346,000އަށްވުރެ ގިނަ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.