ޚަބަރު

ނިއުކާސަލް އަތުން ފަހު ވަގުތު ލިވަޕޫލް މޮޅުވެއްޖެ


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 3-2 ގެ ނަތީޖާއަކުން ލިވަޕޫލްއިން ކާމިޔާބުކޮށްފިއެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި، ފަންސާސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 35 ވަނަ މިނިޓުގައި ރަޔާން ގްރަވެންބާކް ވަނީ ލަނޑެއް ޖަހާ ލިވަޕޫލްއަށް ކުރި ހޯދަދީފަ އެވެ. މިއީ 2024 ވަނަ އަހަރުގެ އެޕްރިލް މަހުގެ ފަހުން އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

ނިއުކާސަލް ޔުނައިޓެޑްގެ ފޯވާޑް އެލެކްޒެންޑަރ އިސާކް ހޯދުމަށް ލިވަޕޫލްއިން ކުރި މަސައްކަތް ހުއްޓިފައިވާއިރު، އޭނާ ވަނީ އެ ކްލަބަށް ކުޅެން ބޭނުންނުވާ ކަމަށް ބުނެ ޓީމާއެކު ފަރިތަކުރުން ހުއްޓާލާފައެވެ. އަދި މިއީ އެ ކަންތަކަށްފަހު މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި ވާޖިލް ވެން ޑައިކަށް ކުރި ފައުލަކާ ގުޅިގެން ނިއުކާސަލްގެ އެންތޮނީ ގޯޑަންއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. އެއާއެކު މެޗުގެ ދެވަނަ ހާފު ނިއުކާސަލްއިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ހޫގޯ އެކިޓީކޭ ވަނީ ލިވަޕޫލްއަށް ލަނޑެއް ކާމިޔާބުކޮށްދީ، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ނަމަވެސް އޭގެ 10 މިނިޓު ފަހުން ބްރޫނޯ ގުއިމަރޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.

އެޑީ ހޯވްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ނިއުކާސަލްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ވިލް އޮސޫލާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގެ ގޮތުގައި ދެއްކި 10 މިނިޓުގެ ތެރެއިން އެންމެ ފަހު ވަގުތު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އުމުރުން 16 އަހަރުގެ ޒުވާން ކުޅުންތެރިޔާ ރިއޯ އެންގުމޯހާއެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ލިވަޕޫލްއަށް ލަނޑެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.