ޤައުމީދުވަހުގެ މުނާސަބަތުގައި ސިފައިންގެ ޝަރަފުގެ ހިނގާލުމެއް ބާއްވައިފިއެވެ.
ޤައުމީދުވަހުގެ މުނާސަބަތުގައި ބޭއްވި ޝަރަފުގެ ހިނގާލުމުގައި މޯލްޑްވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މާލޭގެ 15 ސްކޫލަކުން 316 ކެޑޭޓުން ބައިވެރިވިއެވެ. ސިފައިންގެ ޝަރަފުގެ ހިނގާލުން ފަށާފައިވަނީ ބަންޑާރަކޮށިންނެވެ. މި ހިންގާލުން ނިންމާލާފައިވަނީ ކަޅުތުއްކަލާ ކޮށްޓަށެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ މި ހިނގާލުން ބަލާލުމަށް ޢާއްމުންނާއި ގިނަ ޢަދަދެއްގެ ކުޑަކުދިން މަގުތަކަށް ޖަމާވިއެވެ.
ޝަރަފްގެ ހިނގާލުމުގައި އެކި ސަރަހައްދުތަކަށް މަޑުކޮށް، ސިފައިންގެ ބޭންޑުން ވަނީ އެކި ހުށަހެޅުންތައް ހުށަހަޅައިދީފައެވެ.
ޤައުމީދުވަހާ ގުޅިގެން މާލޭގައި ބޭއްވި ހިނގާލުން ބެލުމަށް މަގުތަކަށް ނިކުތް ބައެއް ކުޑަކުދިން ބުނީ އެމްއެންޑީއެފްގެ ހިނގާލުން ވަރަށް ކަމުދިޔަ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ބޭންޑުން ހުށަހަޅައިދިން ހުށަހެޅުންތައް ކަމުދައި ކަމަށްށާއި، ޕެރޭޑް ބާއްވާތީ ވަރަށް އުފާވާ ކަމަށް ވެސް އެކުދިން ބުންޏެވެ.
ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ގޮތުގައެވެ. ގައުމީ ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަޞްރާ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާ ޒިކުރާ އާކުރުމަށެވެ.