ޚަބަރު

ޤައުމިއްޔަތު މަޝްރޫޢުގެ ބޭނުމަކީ ޢިއްޒަތްތެރި، ޝުހުރަތްތެރި ދައުލަތެއް ޤާއިމުކުރުން: ވަޒީރު އާދަމް ނަޞީރު


  • ޤައުމީ ދުވަހަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ދުވަހެއްކަމަށް ވިދާޅުވި

  • ޤައުމިއްޔަތު މަޝްރޫޢަކީ ދިވެހިންގެ ރީތި ސިފަތައް އަލުން އަށަގެންނެވުމުގެ މަޝްރޫޢެއް

ޤައުމިއްޔަތު މަޝްރޫޢުގެ ބޭނުމަކީ ޢިއްޒަތްތެރި، ޝުހުރަތްތެރި ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ބޭރު ދުނިޔެއަށް ސާބިތުކޮށްދިނުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހއ. އުތީމުގައި ބޭއްވި މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤައުމީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ޤައުމީ ދުވަސް ދިވެހިންނަށް މުހިންމު ވަނީ މި ދުވަހަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ދުވަހަކަށް ވީތީ ކަމަށެވެ. އެ ދުވަހަކީ 1558 ވަނަ އަހަރު، ޕޯޗުގީޒުންގެ އަޅުވެތިކަމަށް ރާއްޖެ ދިއުމުން، އެ ބައިމީހުންގެ ކިބައިން މުޙައްމަދު ތަކުރުފާނުގެ ލަޝްކަރުން ރާއްޖެ ސަލާމަތްކުރެއްވި ދުވަސްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ދުވަހުން ޙާސިލުކުރަންޖެހޭ ބައެއް ޢިބުރަތްތައްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ޤައުމީ ދުވަސް ބުނެދެނީ އުންމީދުގެ ދުވަސްކަން. އެއީ މާޔޫސްކަމާ ދުރަށް ދާންވި ދުވަސްކަން. ޤައުމީ ދުވަހަކީ ޤައުމީ އެއްބައިވަންތަކަމުގެވެސް ދުވަހެއްވެސްމެ. ކަޅުއޮށްފުންމި ބަނުމުގައި 40 މާވަޑިން ތަފާތު ކަންކޮޅުތަކުން ބައިވެރިވި. ޖިހާދު ކުރިއަށްދިޔައިރު، އެކި ރަށްރަށުން އުތީމު މަހާރަދުންނަށް ދެއްވި އެހީތެރިކަން ފާހަގަކޮށްލަންޖެހޭ." ވަޒީރު ވިދާޅުވިއެވެ.

ރައީސް އިޢުލާންކުރައްވާފައިވާ ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މި މަޝްރޫޢަކީ ދިވެހިންގެ ސިފަތައް އަލުން އަށަގެންނެވުމުގެ މަޝްރޫޢެއް ކަމަށެވެ. އެ ގޮތުން ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތާއި ބަހާއި ސަގާފަތް އަލުން އިޢާދަކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިނިވަންކަމާއެކު ދެމިތިބުމުގެ ފިކުރެއް އުފެއްދި، އެހެން ޤައުމުތަކެކޭވެސް އެއްގޮތަށް މިނިވަންކަމާއި ޢިއްޒަތާއި ޝުހުރަތު ޙައްޤު އަދި އެކަން ޤާއިމުކުރާ ބައެއްކަން މި މަޝްރޫޢުގެ ސަބަބުން ސާބިތުކޮށްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ދުވަހުގެ ޖަލްސާ މިއަހަރު ބާއްވާފައިވަނީ، ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައެވެ. މި ޖަލްސާގައިޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދީފައިވެއެވެ.