ޚަބަރު

"ޣައްޒާގެ ރައްޔިތުންގެ ކިބައިން ފެނިގެންދަނީ އާދަޔާ ޚިލާފު އިމާންތެރިކަމެއް"


  • މަންސޫރު އެންމެ އިސްކަމެއް ދިނީ ޣައްޒާގެ ރައްޔިތުންގެ އަޑު ދުނިޔެއަށް އިއްވައިދޭން

  • އެންމެ ހިތްދަތި ވަގުތުގައިވެސް މިއީ އިމްތިހާނެއްގެ ގޮތުގައި ޣައްޒާގެ ރައްޔިތުން ޤަބޫލުކުރޭ

މީގެ ދެއަހަރެއްހާ ދުވަސް ކުރިން ޣައްޒާގެ އާންމު ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީ ދައުލަތުން ފެށި ޤަތުލްޢާމުގައި އެތައް ބަޔަކު ޝަހީދުވެ، ކުށެއް ނެތް އެތަކެއް އަންހެނުންނާއި ކުޑަކުދިން ދުނިޔެ ދޫކޮށްފިއެވެ. މިކަންކަން ފެށިގެން ދިޔައިރު ފަލަސްޠީނުގެ ޤުދުސްގެ ރަށްވެއްސެއް ކަމަށްވާ މަންސޫރު ޝޫމަން އޭރު އުޅެމުންދިޔައީ އޭނާގެ ޢާއިލާއާއިއެކު، ޣައްޒާގައެވެ.

ޤަތުލްޢާމްގެ ކުރީކޮޅު ޣައްޒާގައި ދުވަސްތަކެއް ހޭދަކުރި ފަލަސްޠީނުގެ ނޫސްވެރިޔާ މަންސޫރު ޝޫމަން ޕީއެސްއެމް ނިއުސްއަށް ދިން ޚާއްސަ ބަސްތިގަތުމުގައި ވަނީ ޣައްޒާގައި އޭނާ ކުރި ތަޖުރިބާ ހިއްސާކޮށްފައެވެ. އޭނާގެ ހަނދާނުން ފިލައި ނުދާ އެތަކެއް މަންޒަރެއް އޭނާއަށް ފެނިފައިވެއެވެ. އެނާ ކިޔައިދިން ގޮތުގައި 2023 ވަނަ އަހަރު ޤަތުލްޢާމް ފެށުނު ހިސާބު އެންމެ ފުރަތަމަ ހަމަލާ ޢަމާޒުވީ އޭނާ ދިރިއުޅުނު ސަރަހައްދުގެ މިސްކިތަކަށެވެ.

ޢާއިލާއާއެކު މަންސޫރު ރައްކާތެރިކަން ހޯދަން އެތަކެއް ފަހަރަކު ދިރިއުޅޭގެ ބަދަލުކުރިއެވެ. އޭނާ އަނބިދަރިންނާއި ދުރުގައި ހޮސްޕިޓަލްތަކުގައި އޭނާ ވަގުތު ހޭދަކުރީ ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުންދިޔަ ވޭން ހިތްދަތިކަން ދުނިޔެއަށް ބަޔާން ކޮށްދިނުމަށެވެ. ހޮސްޕިޓަލުގައި މަންސޫރު ހޭދަ ކުރި ދުވަސްތަކުގައި އެނާއަށް ފެނުނު ބައެއް ހިތްދަތި މަންޒަރު އޭނާ ހިއްސާކޮށްދިނެވެ. ޝަހީދުވެފައިވާ މީހުންގެ ހަށިތައް ހޮސްޕިޓަލަށް ވައްދަމުން ދިޔައިރު ތުއްތު ކުއްޖަކު ރޯން އިންދާ ފެނުނު ހަނދާން، މަންސޫރު ވަރަށް ބޮޑަށް ހުރެއެވެ.

"އެންމެ ކުރީކޮޅު އަޅުގަނޑު އެންމެ ބޮޑަށް ހުންނަ އެއް ހަނދަނަކީ ބޮން އަޅައިގެން ހޮސްޕިޓަލަށް މީހުން ގެންނައިރު، ވަރަށް ތުއްތު ކުއްޖަކު ރޯން އިންދާ ފެނުނު. މަންމަ އާއި ބައްޕަގެ ފުރާނަނެތް ހަށިގަނޑު ކައިރީގައި. އެ ކުއްޖާ ގިސްލާ ރޮމުން ދިޔައީ ގެއަށް ދިއުމަށް. ތެދުވާށޭ ކިޔަމުން. އެކުއްޖާއަކަށް އިހުސާސެއް ނުވޭ، އެކުއްޖާގެ މައިނބަފައިން ދުނިޔެ ދޫކޮށްފިކަމެއް. " މަންސޫރު ކިޔައި ދިނެވެ.

މަންސޫރު ކިޔައިދިން ގޮތުގައި ޣައްޒާގެ ރައްޔިތުންގެ އެންމެ ހިތްދަތި ވަގުތުތަކުގައިވެސް ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔަ އިމާންތެރިކަމާއި، ﷲ އަށް ވަކީލުކުރުމުގެ ރިވެތި ސިފަ ކަމަށެވެ. އެކަކު އަނެކަކަށް ނަސޭޙަތް ލައިދީ ރައްޔިތުންގެ މިހާރު ކުރިމަތިލަމުންދާ ދަތި ހާލަކީ، އިމްތިޙާނެއްކަމަށް އެރައްޔިތުން ޤަބޫލުކުރާ މަންސޫރުގެ ވާހަކަ ތަކުން ސާފުވިއެވެ.

ދިވެހިރާއްޖޭގައި ޣައްޒާ ހިސޯރުން ނައްތާލުމަށް ގޮވާލައި ބޭއްވި އެއްވުމުގައިވެސް މަންސޫރު މިފަދަ ވާހަކައެއް ހިއްސާކޮށްދީފައިވެއެވެ. އެއީ އެކުގައި މަސައްކަތް ކުރި 16 އަހަރުގެ ޚުޒައިފާ ޝަހީދުކޮށްލި ވާހަކައެވެ.

" މިކަހަލަ ވާހަކަތައް ކިޔައިދިނީމަ އިމާންތެރިކަން އިތުރުވެ، ﷲ ކުއްތަންވުމަށް އެހީވެދޭ. އަޅުގަނޑު އެވާހަކަ ހިއްސާކޮށްދިނީ ފަލަސްޠީނަށްޓަކައި މަސައްކަތް ކުރާ ޒުވާނުންނަށް އައު ހިއްވަރެއް ދިނުމަށް. މިމަސައްކަތުގައި ދެމި ތިބުމަށް ހިއްވަރުދޭން. " މަންސޫރު ބުންޏެވެ.

ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައި ޔަހޫދީ ދައުލަތުން އެތައް ހާއްސަ ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް މަންސޫރު ބުނީ ޣައްޒާގެ ރައްޔިތުން ހިއްވަރު އެލުވާނުލާ ތިބީ މާﷲ ކުންތަންވެ، އެމީހުން ތިބީ ތެދުމަގުތައި ކަން ޤަބޫލުކުރާތީ ކަމުގައެވެ. އަދި މިކަންކަމުން ދުނިޔެއަށް ޣައްޒާގެ ރައްޔިތުންގެ ވިލުންތެރިކަން ދައްކުވައިދޭ ކަމަށް އޭނާ ބުންޏެވެ.