ކުޅިވަރު

ގައުމީ ކެރަމް މުބާރާތުން ވަނަތައް ހޯދި އެތުލީޓުންނަށް ތައްޓާއި މެޑެލް ހަވާލުކޮށްފި


ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ 34 ވަނަ ގައުމީ ކެރަމް މުބާރާތާއި ރާއްޖޭގައި މުޅިން އަލަށް ބޭއްވި ޖޫނިއަރ ގައުމީ ކެރަމް މުބާރާތުގެ ވަނަވަނައަށް ދިޔަ އެތުލީޓުންނަށް ތައްޓާއި މެޑެލް ދީފިއެވެ. ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްއެވެ.

ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެނުންގެ ސިންގަލްސްބައިން އެއްވަނަ ހޯދީ މިހާތަނަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދަމުން އައި އިސްމާއިލް އަޒްމީން ބަލިކުރުމަށްފަހު އިބްރާހިމް ހުޖާންއެވެ. އަދި މިބައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އާމިނަތު ވިދާދުއެވެ.

މި މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ފިރިހެނުންގެ ސިންގަލްސް ބައިން އެއްވަނަ ހޯދީ ނައުފަލް ޝަރީފްއެވެ. އަދި އަންހެން ސިންގަލްސް ބައިން އެއްވަނަ ޒިއުނާ ބިންތި ޝަރީފް ހޯދާފައިވާއިރު، މިއީ މިހާތަނަށް ސީނިއާ މުބާރާތަކުން އެއްވަނަ ހޯދި އެންމެ ހަގު ކުޅުންތެރިޔާއެވެ. އަދި ޓީމް އިވެންޓުތަކުން ދެ ޑިވިޝަނުންވެސް އެއްވަނަ ހޯދާފައިވަނީ ކުޑަ ހެންވޭރު ޔުނައިޓެޑްގެ ޓީމެވެ.

މީގެ އިތުރުން ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މުޅިން އަލަށް އިންތިޒާމުކޮށްގެން ބޭއްވި ޖޫނިއާ ގައުމީ ކެރަމް މުބާރާތުގެ ވަނަތަކަށްވެސް މިރަސްމިއްޔާތުގައިވަނީ ޓްރޮފީއާއި މެޑަލް ހަވާލުކޮށްފައެވެ. މިމުބާރާތުގެ 19 އަހަރުން ދަށުގެ އުމުރުފުރާއިން ފިރިހެން ކުދިންގެ ސިންގަލްސް ބައިން އެއްވަނަ ހޯދީ މީކާއިލް ބިން މަދަދުﷲ އެވެ. މިމުބާރާތުގެ ސިންގަލްސް އަންހެން ބައިން އެއްވަނަ ހޯދާފައިވަނީ އާއިޝަތު މަންޝާއެވެ.

މި އުމުރުފުރާގެ ޑަބަލްސް އިވެންޓުން ފިރިހެންކުދިންގެ ބައިން އެއްވަނަ ހޯދާފަވަނީ މީކާއިލް ބިން މަދަދުﷲ އާއި މުޙައްމަދު ޒީހާންގެ ޕެއާރއިންނެވެ. އަދި އަންހެންކުދިންގެ ޑަބަލްސް ބައިން އެއްވަނަ ހާސިލްކުރީ އާމިނަތު ކައިސާ ބިންތި އަބްދުﷲ އަދި އިންޝާ އިކުލީލް އައްބާސްގެ ޕެއާރއެވެ.

މި މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ކުދިންގެ ސިންގަލްސް ބައިން އެއްވަނަ ހޯދީ އަޒްލާން އައުޒަލްއެވެ. އަދި މި އުމުރުފުރާގެ އަންހެންކުދިންގެ ބައިން އެއްވަނަ ހޯދީ އާއިޝަތު ރީމްއެވެ.

ޖޫނިއާ ގައުމީ ކެރަމް މުބާރާތުގެ 15 އަހަރުންދަށުގެ އުމުރުފުރާގެ ޑަބަލްސް އިވެންޓުތަކަށް ބަލާއިރު، ފިރިހެންކުދިންގެ ބައިން އެއްވަނަ ހޯދާފައިވަނީ ޢަބްދުﷲ ކިޔާން ބިން ޝާޒް އަދި ޒާހިލް ޒާލިފް އަހުމަދުގެ ޕެއާރއެވެ. އަދި އަންހެންކުދިންގެ ޑަބަލްސް ބައިން އެއްވަނަ ހޯދީ ޢާއިޝަތު އަލީޝާ ނާފިއު އަދި ޒިއުނާ ބިންތި ނަޝީދުގެ ޕެއާރއިންނެވެ.

މިއަހަރު މުޅިން އަލަށް ބޭއްވި ޖޫނިއާ ގައުމީ ކެރަމް މުބާރާތުގައި ޖުމްލަ 146 ކުއްޖަކު ބައިވެރިވެފަވެއެވެ. އެއީ 15 އަހަރުންދަށުގެ އުމުރުފުރާގައި 84 ކުއްޖަކާއި އަދި 19 އަހަރުންދަށުގެ އުމުރުފުރާގައި ވާދަކުރި 65 ކުއްޖެކެވެ.