ޚަބަރު

އއ. ދަތުރުން ހާމަވީ ރައްޔިތުން ބާރުވެރިކުރުމަށް ސަރުކާރުން ދެއްވާ އިސްކަން


  • ރައީސް އއ. އަތޮޅަށް ވަޑައިގެންނެވީ މިމަހުގެ 19 އިން 21 އަށް

  • ރައްޔިތުންނަށް ބާރު ދިނުމަށް ނިޒާމު އިސްލާހުކުރަން ޖެހޭ

ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި ހަފުތާގައި ވަނީ، އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ 3 ދުވަހުގެ ދަތުރުފުޅުގައި 8 ރަށަށް ވަޑައިގެންނެވިއެވެ.

އެމަނިކުފާނު އަރިއަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފުރަތަމަ ދުވަހު ވަޑައިގެންނެވީ، އެ އަތޮޅު ހިމަންދޫ، މާޅޮސް ފެރިދޫ، އަދި މަތިވެރިއަށެވެ. ދެވަނަ ދުވަހު އެއަތޮޅު ބޮޑުފޮޅުދޫ، ތޮއްޑޫ، ރަސްދޫ އަދި އުކުޅަހަށެވެ. މި ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން އަވަސްކޮށްދިނުމަށާއި، ކަންބޮޑުވުން ހުރި މައްސަލަތަކަށް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަންދެއްވާ ހައްލުކުރެވެން ހުރި މައްސަލަތައް ހައްލުކޮށްދެއްވަފައެވެ.

އެމަނިކުފާނު އއ. މަތިވެރީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް ސީދާ ބާރުލިބޭ ގޮތަށް ޤާނޫނުތަކަށް އިސްލާހު ގެންނަމުންދާކަމަށް ވިދާޅުވިއެވެ. މިގޮތުން ނިޒާމު ހަރުދަނާކޮށް ނިޒާމުގައި ރައްޔިތުންނާއި ސަރުކާރާއި ދެމެދު ހުރި ފަށަލަތައް މަދުކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޤާނޫނުއަސާސީ އިޞްލާޙުނުކޮށް މިކަމެއް ނެތްވާކަށް. އަތޮޅު ކައުންސިލްތައް އުވާލުމަށް. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ދާއިރަކު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއްލާކަށް ނުޖެހޭނެ. އެ ފަށަލަ ދުއްވާލީމާ، އިތުރަށް ރައްޔިތުން ބާރުވެރިވަނީ. އެ ކިހިނެއްތޯ؟ ކޮންމެ ރަށެއްގެ ރަށު ކައުންސިލް ސީދާ ދެން މަސައްކަތް ކުރާނީ، ޑައިރެކްޓްލީ ކަމާބެހޭ ވުޒާރާތަކާއި، ކުންފުނިތަކާ. އަތޮޅު ކައުންސިލެއް ބޭނުމެއްނުވާނެ އިނގޭތޯ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމަޒަކީ ރައްޔިތުން ބާރުވެރިކުރުވުންކަމަށެވެ. އެގޮތުން ފަތުރުވެރިކަން ކުރިއަރާފައިވާ އއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ދެއްވި ޔަޤީންކަމަކީ ސަރުކާރުން އަބަދުވެސް އެކަމަށް ފަހިވާނެ ގޮތަށް އެއްބާރުލުން ލިބޭނެ ކަމެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ސަރުކާރުން މީގެ ކުރިންވެސް ގެނެސްފައިވާ އިސްލާހުތަކާއި މީގެ ކުރިން ކަންބޮޑުވުން ފާޅުކުރި ކައުންސިލުތަކުންވެސް މިހާރު ވަނީ އެއީ ރަނގަޅު އިސްލާހުތަކެއްކަން ފާހަގަކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން މިކަން ހިމަންދޫ ކައުންސިލުން ފާހަގަކުރެއްވިއެވެ.

ޤާނޫނުތައް އިސްލާހު ކުރުމާއެކު ރައްޔިތުންގެ ކަންބޮޑުވުން ހުރި މައްސަލަތައް އޮޅުންފިލުވާ އެކަންކަމަށް އެމަނިކުފާނު ހައްލު ހޯއްދަވައިދެއްވައެވެ. މިދަތުރުފުޅުގެ ތެރެއިން ފާހަގަވެގެން ދިޔަ މިފަދަ އެއް މައްސަލައަކީ މަތިވެރީގައި ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ތަރައްޤީކޮށްފައިވާ 50 ކޮޓަރި ގެސްޓް ހައުސްއިން އެރަށު ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ މައްސަލައެވެ. ނިމިދިޔަ ސަރުކާރުން ވަނީ އިޖުރާއަތްތަކާ ޚިލާފަށް އަކަފޫޓަކަށް 5 ރުފިޔާގެ މަގުން 50 އަހަރު ދުވަހުގެ މުއްދަތަކަށް އެތަނުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިނެވެ. އެކަމުގެ ސަބަބުން ރަށު ކައުންސިލަށް ވަނީ އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުން ލިބިފައެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ގެސްޓް ހައުސް ބިން މަތިވެރީ ކައުންސިލަށް ވަނީ މިލްކް ކޮށްދީފައެވެ. އެކަން ރައްޔިތުން ބަލައިގަތީ އުފަލާއެކުއެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަނީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމް ޚިދުމަތް ތަޢާރަފުކުރައްވާފައެވެ. އަދި ތޮއްޑޫ އާއި އުކުޅަހުގައިވަނީ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. މީގެއިތުރުން އެ އަތޮޅު މާޅޮސް، ހިމަންދޫ، ފެހެންދޫ އަދި ތޮއްޑޫގައި ފުލުހުންގެ މަރުކަޒުތައް ޢިމާރާތްކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައިވާއިރު މަތިވެރީ އެއަރޕޯޓް ތަރައްޤީކުރަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

މި ދަތުރުފުޅުގައި ވަނީ އެ އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، އެކި ދާއިރާތަކުން، ތަރައްޤީގެ މަސައްކަތްތައް ފައްޓަވައި، މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ. މި ހިނގާ 2025 ވަނަ އަހަރާއި ކުރިއަށް އޮތް އަހަރު، ރަށްރަށުގައި ހިންގެވުމަށް ތާވަލުކުރައްވާފައިވާ މަސައްކަތްތަކުގެ އަދާހަމަ، ރައީސުލްޖުމްހޫރިއްޔާ އެ ރަށްރަށުގެ ރައްޔިތުންނާ ވަނީ ހިއްސާކުރައްވާފައެވެ.

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް އަހުމިއްޔަތުކަންދެއްވާ މުހިންމު ސިޔާސަތެކެވެ.