ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމަށް ރަސްމީ ލޯގޯއެއް ފަރުމާކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އެވުޒާރާއިންވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ މޮޅު ލޯގޯއަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ލޯގޯ ފަރުމާކުރުމުގެ މަގްސަދަކީ ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އުފައްދާ އުފެއްދުންތައް މާކެޓުކުރާނެ ބްރޭންޑަކާއި އެތަކެތި މާކެޓު ކުރެވޭނެ ޕްލެޓްފޯމެއް ހޯދުންކަމަށެވެ. އަދި އެ ފަރާތްތަކުގެ ހުނަރު ތަރައްޤީ ކުރުމާއި އާމްދަނީއަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން އުފެއްދުންތަކަށް ބޭނުންކުރާނެ ޕެކޭޖިންގ، ލޭބަލް، އަދި ޕްރޮމޯޝަނަލް މެޓީރިއަލް ގޮތުގައި މިލޯގޯ ބޭނުންކުރުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ލޯގޯ ފަރުމާކުރުމަށް ހުޅުވާލާފައިވާއިރު ލޯގޯ ފަރުމާކުރުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއްދޭނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްނަމަ އެ ފަރާތަކީ އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭކަމަށްވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަސައްކަތްކުރިއަށް ގެންދަނީ އެ ވުޒާރާއާއި ބީސީސީ ގުޅިގެންނެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ލޯގޯ ފަރުމާކުރުމުގައި ލޯގޯގެ ކުރެހުން ސާފުކޮށް، އަދި އެކި ބޭނުންތަކަށް ސްކޭލް ކުރެވޭ ގޮތަށް ހުރުން މުހިންމުކަމަށެވެ. އަދި ލޯގޯއިން ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހިވަންތަކަން ދައްކުވައިދިނުމާއި އިސްލާމްދީނާ ޚިލާފު އެއްވެސް މަންޒަރެއް ނުވަތަ ނިޝާނެއް ނުހިމެނުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަމްޒުކޮށްދިނުމާއި މަސައްކަތްތެރިކަމާއި ހުނަރު ދައްކުވައިދޭން ޖެހޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެ. މީގެއިތުރުން ލޯގޯއަކީ އެއް ކުލައަކުން އަދި އެއް ކުލައަކަށްވުރެ ގިނަ ކުލައިންވެސް ބޭނުން ކުރެވޭ ލޯގޯއެއް ކަމުގައި ވާންޖެހޭނެކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެ ވުޒާރާއިން ވިދާޅުވީ ލޯގޯތައް މިންކުރާނީ އެ ވުޒާރާއިން އެކުލަވާލާ ޖަޖުންގެ ޕެނަލަކުންކަމަށެވެ. އަދި ހުށަހެޅުންތައް މިންކުރާނީ، އުފެއްދުންތެރިކަމާއި، ލޯގޯއިން ހާސިލްކުރަން ބޭނުންވާ މަޤްޞަދު ރަމްޒުކޮށްދޭ މިންވަރާއި، ޖުމްލަ ބޭނުންތެރިކަމުގެ މައްޗަށް ބިނާކޮށްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން ހޮވޭ ލޯގޯއަކަށް 5000ރ ފައިސާއެއް ދިނުމަށްވަނީ ނިންމާފައެވެ. އަދި ހޮވޭ ލޯގޯ ވެގެންދާނީ އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފިކުރީ މުދަލެއް ކަމަށާއި އެވުޒާރާގެ ރަސްމީ ބޭނުންތަކަށް ހޮވޭ ލޯގޯގެ އަސްލު ނުގެއްލޭ ވަރުގެ ކުދި ބަދަލުތަކެއް ގެނެވިދާނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ލޯގޯ ބޭނުންކުރަން ފެށުމާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާތަކެތި މާކެޓުކުރުމަށް ފަސޭހަވެގެން ދާނެކަަމަށެވެ. އަދި ބޭއްވޭ އެކި މައުރަޒުތަކުގައިވެސް އެ ފަރާތްތަކުގެ ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ލިބި އާމްދަނީ ހޯދުމަށް ފަސޭހަވެގެން ދާނެކަމަށެވެ.
ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ސުންގަޑިއަކީ 25 ސެޕްޓެމްބަރ 2025އެވެ. އަދި ލޯގޯ ހޮވުމަށް ހަމަޖެހިފައިވަނީ 30 ސެޕްޓެމްބަރ 2025ގައެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ލޯގޯ ފަރުމާކުރުމާއި އަދި އަމަލަކުރަން ޖެހޭ ގޮތް ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.