ޗެލްސީގެ ކުޅުންތެރިން ވިއްކާލައިގެން އެ ކުލަބަށް މި ސީޒަނުގައި ލިބުނު އާމްދަނީގެ އަދަދު 250 މިލިޔަން ޕައުންޑަށް އަރައިފިއެވެ.
މި އަދަދު ޗެލްސީއަށް ހަމަވެފައިވަނީ އެ ކްލަބުގެ އެއްބަސްވުމުގައި ހުރި އެ ޓީމުގެ ޕޯޗުގަލް ޑިފެންޑަރު ރެނާޓޯ ވެއިގާ ސްޕޭނުގެ ވިޔަރެއާލްއަށް 26 މިލިޔަން ޕައުންޑަށް ވިއްކާލުމަށްފަހުގައެވެ.
އުމުރުން 22 އަހަރުގެ ވެއިގާ ވިޔަރެއާލްއަށް ވިއްކާލާފައިވާއިރު އޭނާ ވަނީ އެ ކްލަބާއިއެކު ހަތް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ކްލަބުގެ މެޑިކަލް ވެއިގާ ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
ސްވިޒަލޭންޑްގެ އެފްސީ ބަސެލް އިން 2024 ވަނަ އަހަރުގ 12 މިލިއަން ޕައުންޑުގެ ފީއަކަށް ޗެލްސީ އާއި ގުޅުނު ވެއިގާ އެ ކްލަބަށް ކުޅެފައިވަނީ އެންމެ 18 ފަހަރު އެވެ. އަދި ވިޔަރެއާލް އަށް އޭނާ ވިއްކާލުމާއިއެކު އެ ކްލަބަށް ވަނީ ބޮޑު ފައިދާއެއް ލިބިފަ އެވެ.
ނިމިގެންދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ވެއިގާ ވަނީ އިޓަލީގެ ޔުވެންޓަށް އަށް ކުޅެފަ އެވެ. އަދި މިހާރު ކުރިއަށްދާ ޓްރާންސްފަރ ބާޒާރުގެ ކުރީކޮޅު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް އިން ވަނީ ވެއިގާއަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ވެއިގާ ވިއްކާލުމާއިއެކު މިހާރު ކުރިއަށްދާ ބާޒާރުގައި ޗެލްސީ އިން ވަނީ އެ ކްލަބުގެ 11 ކުޅުންތެރިން ޖުމްލަ 251.7 މިލިއަން ޕައުންޑަށް ވިއްކާލާފަ އެވެ. އަދި އަލަށް އެ ކްލަބަށް ގެންދިޔަ ނުވަ ކުޅުންތެރިން ހޯދުމަށް ޗެލްސީ އިން ވަނީ ޖުމްލަ 277 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.
އަންނަ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހު ޓްރާންސްފަރ ބާޒާރު ބަންދުވުމުގެ ކުރިން ޗެލްސީ އިން މަސައްކަތް ކުރަމުންދަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ އާޖެންޓީނާގެ ފޯވަޑް އަލެހަންދްރޯ ގަރްނާޗޯގެ އިތުރުން އާރުބީ ލައިޕްޒިގްގެ ޒަވީ ސައިމަންސްގެ ސޮއި ހޯދުމަށެވެ.
އަދި އެ ކްލަބުން ދަނީ ފޯވަޑް ނިކޮލަސް ޖެކްސަން އާއި ކްރިސްޓޮފަރ އެންކުންކޫ އާއި ރަހީމް ސްޓަރލިން އާއި ބެން ޗިލެވެލްގެ އިތުރުން އެކްސެލް ދިސާސީ ވިއްކާލުމަށް މަސައްކަތް ކުރަމުންނެވެ.