ޚަބަރު

ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރި މީހަކު ހައްޔަރުކޮށްފި


  • އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުން

މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ފެތުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ،ހިތަދޫ / އަތަމާވިލާ ޢުމުރުން 29އަހަރުގެ ޢަލީ ޣާނިމް މުފީދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.

ޢަލީ ޣާނިމް ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް އެކްސްގައި ޕޯސްޓުތަކެއް ފެތުރި މައްސަލައަކާ ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން، ޓެރަރިޒަމަށް ހިތްރުދިނުމާއި، އޭގެ މަޢުލޫމާތު ފެތުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

މީގެއިތުރުން، ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުމުގެ ތުހުމަތާއި، ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންންވެ.