ޚަބަރު

އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި


  • މަޝްރޫޢުގެ ދަށުން 50 އެނދުގެ ހޮސްޕިޓަކެއް އެޅުމަށް ހަމަޖެހިފައިވޭ

އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ރަސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އއ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒިރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. މި އިމާރާތް އަޅަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 50 އެނދުގެ ހޮސްޕިޓަކެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.

" އަތޮޅުތަކުގަ ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެތެރެއިން މިއަދު އަޅުގަނޑުމެން އއ.އަތޮޅުގެ ހޮސްޕިތަލުގެ ބިންގާ އެޅުމުގެ މަސައްކަތް ކުރިއަށްމި ގެންދިޔައީ. އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދެވޭ 50 އެނދުގެ ހޮސްޕިޓަލެއް. އެ ހޮސްޕިޓަލު ނިމޭއިރުގަ ރައްޔިތުންނަށް އެއްތަނަކުން ވަރަށް ރަނަގޅު ޚިދުމަތްތަކެއް މިހާރު ލިބިގެންނުދާ އެަތއް ޚިދުމަތްތަކެއް ލިބިގެންދާނެ ހޮސްޕިޓަލަކަށް". ވަޒީރު ވިދާޅުވިއެވެ.

އއ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކުރެއްވި އެމްޓީސީސީއަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއަކީ މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. އެމްޓީސީސީއިން މިހާތަނަށް އައިއިރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަވާފައެވެ. އަދި މިހާރުވެސް ދަނީ ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ.