ޚަބަރު

ބޮޑުފޮޅުދޫގައި ފުޓްސަލް ދަނޑާއި ހޭންޑްބޯޅަ ކޯޓު އަޅައިދީ އެފްއާރްސީގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް


އއ. ބޮޑުފޮޅުދޫގައި އަންނަ އަހަރު ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވާނެ ކަމަށާއި ހޭންޑް ބޯޅަ އާއި ފުޓްބޯޅަ ދަނޑުވެސް ތަރައްޤީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އއ. ބޮޑުފޮޅުދޫގައި ވަނީ ހޭންޑް ބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާ ބިންގާ އަޅާފައެވެ. ބިންގާ އަޅުއްވާ ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢުއެވެ.

އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހޭންޑް ބޯޅަ ކޯޓު ވެގެންދާނީ ބޮޑުފޮޅުދޫގެ ކުޅިވަރަށް އަދި އަންހެން ބޭފުޅުންނަށް ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް ރޭގަނޑު ކުޅެވޭނެ ގޮތް ހެދުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށާައި ކުރަން ނިންމާފަ އޮތްކަމެއް ކަމަށެވެ.

”އެމްޓީސީސީން އެމަސައްކަތް ފަށާނެ ވަރަށް އަވަހަށް. ލައިޓްޖެހުމުގެ މަސައްކަތް. އޭގެ އިތުރަށްވެސް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މިރަށަށް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން މިއަންނަ އަހަރުގެ ކުރީކޮޅު ފުޓްސަލް ދަނޑެއް އަޅައިދިނުމުގެ ކަންތައްވެސް ކުރިޔަށް ގެންދާނަން“ ރައީސް ވިދާޅުވިއެވެ.

އއ އަތޮޅުގެ ވަރަށް ގިނަ ރަށަރަށުގައި އެއް މައްސަލައެއް ދިމާވެފައިވާ ކަމަށާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކެއް ބޮޑުފޮޅުދޫ އާއި އެހެނިހެން ރަށްރަށުގައިވެސް އަޅާފައި ހުރި އިރު އެ އިމާރާތްތައް ނިމުނުއިރުވެސް ހުރީ މަރާމާތުކުރަން ޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ދިމާނުވާ ހުރިހާ ރަށެއްގައި މިދަނީ ފިޓްނެސް އެންޑް ރެކްރިއޭޝަންގެ އައު މަރުކަޒުތައް އަޅަމުން ކަމަށާއި ވަރަށް ޒަމާނީ ފެންވަރަކަށް އެތަންތައް ތަރައްޤީ ކުރުމަަށް މި ހަފްތާގައިވެސް އެމްޓީސީސީ އާއި ހަވާލުކުރެވުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ކުރިން އަޅާފަ ބޭނުން ކުރެވޭގޮތްނުވަފެ ހުރި ވަރަށް ގިނަތަންތައް އެބަހުރި ކަމަށާއި އެމަސައްކަތް ކުރި ކޮންޓްރެކްޓަރުންލައްވާ އެތަން ރަނގަޅު ކުރުވަން ވަރަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

”އެއީ ފައިސާ ދީ ނިންމާފަ ހުރި ކަންކަން. އެހެންވީމަ ނިމިފައި ހުރިތަނެއް ރަނގަޅުކޮށްގެން ބޭނުންކުރުން އެއީ ފުރަތަމަ އިސްކަންދޭން ޖެހޭނެ ގޮތް. އެގޮތަށްވެސް ނުވެއްޖެއްޔާ ދެން އަޅުގަނޑުމެން އެހެން މަގެއް ހޯދަން ޖެހޭނެ. އެހެންވީމަ އެމައްސަލަ މިރަށަށް ދިމާވެފަ އޮތީ. އަދި މިފަދަ އެހެން ރަށްރަށުގައިވެސް މި އަތޮޅުގައި އެކަން ދިމާވެފައި އޮތީ. އެކަން ހައްލުކުރުމަށް އަޅުގަނޑުމެން ވަރަށް އިސްކަންދީގެން މަސައްކަތް ކުރަން“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ބޮޑުފޮޅުދޫގައި ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.