ކުޅިވަރު

ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް ޝައުގު އެބައޮތް: ޠާރިޤު


ދިވެހި ރައްޔިތުންގެ މެދުގައި ފުޓްބޯޅައަށް ޝައުގުވެރިކަމާއި، ލޯބި އެބައޮތް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ. ފުޓްބޯޅަ އާއި ސަޕޯޓަރުންނާ އޮތް ގުޅުން ހީނަރުވެ، ރާއްޖޭގެ މައި ލީގަށް އޭގެ ނޭދެވޭ އަސަރު ކުރިކަމަށް ޠާރިޤު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ "ކުޅިވަރު ވިންދު" ޕްރޮގުރާމްގައި ވާހަކަދައްކަމުން ޠާރިޤު ވިދާޅުވީ ރާއްޖޭގެ އެންމެ މަތީ ލީގުގައި ކުޅުމުގެ ފުރުސަތުގައި އަތޮޅުތެރޭގެ ޒުވާނުންނަށް އޮންނަ ޖެހޭ ކަމަށެވެ. ވަށާޖެހޭ ނިޒާމެއްގެ ދަށުން ފުޓްބޯޅައަށް ހިންގުމަށް ބަދަލުގެނައީ މުޅި ރާއްޖެ ޝާމިލުވާހެން ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށް ޠާރިޤު ވިދާޅުވިއެވެ.

އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން، ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލައި، އޭގެތެރޭގައި ހިމެނޭ އަތޮޅުތަކަށް ނިސްބަތްވާ ތިން ސަރަހައްދުގައި މިއަހަރު ފެށުމަށް ތާވަލްކޮށްފައިވާ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުން ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވެވޭނެ ގޮތެއް ވަނީ ކަނޑައަޅާފައެވެ.

"ހއ. ފެށިގެން އައްޑު އަތޮޅާއި ދޭތެރޭގައި، ކޮންމެ އަތޮޅެއްގައި އަތޮޅު މުބާރާތެއް ބާއްވާ، އޭގަ އޮންނަ އުސޫލަކުން ޓީމުތައް ކޮލިފައިވާ ޓީމުތަކުގެ މެދުގައި ލީގެއް ކުޅޭ ގޮތައް، އެއީ ނޯތު ލީގު، ސެންޓްރަލް ލީގު ސައުތު ލީގް އޭގެ އިތުރުން މާލެ ލީގު އޮންނާނެ، މިހާރު އޮތް މާލެ ލީގަކީ ސެކަންޑް ޑިވިޝަން، އަތޮޅުތެރޭގައި އޮންނަ ސެކަންޑަ ޑިވިޝަނަކަށް ވާނީ ރީޖަނަލް ލީގު." ޠާރިޤު ވިދާޅުވިއެވެ.

މިއީ މުޅި ރާއްޖޭ ހިމެނޭހެން އަލުން ފޯރި ގެނައުމަށް މަސައްކަތް ފަށަންވީ ވަގުތު ކަމަށާއި އެގޮތުން އޮކްޓޯބަރު މަސްތެރޭގައި ބައިވެރިވާނެ އަދަދި އެގުމުން ކުރިއަށްދާނެ ގޮތެއް އެނިގިގެންދާނެ ކަމަށް ޠާރިޤު ވިދާޅުވިއެވެ.

އަތޮޅު އަދި ޒޯން ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ މުބާރާތެކެވެ. ނަމަވެސް މި މުބާރާތް މި ފަހުން ނުބާއްވައި ދިޔައީ މާލީ ގިނަ މައްސަލަތަކަކާ ހެދިއެވެ.