ޚަބަރު

ޤަވާއިދާ ޚިލާފަށް މާލީ މުޢާމަލާތްތައް ހިންގާނަމަ ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި


  • މިއީ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް ހުށަހެޅުއްވި ބިލެއް

  • ނުޙައްގުން މަންފާ ހޯދާ ފަރާތްތައްވެސް ޖޫރިމަނާ ކުރާނެ

ޤަވާއިދާ ޚިލާފަށް މާލީ މުޢާމަލާތްތައް ހިންގާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅުމަށްޓަކައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހު ހުށަހެޅުމުޅުގެ ބިލަކީ ޕޭމަންޓް ސިސްޓަމްތައް ހިންގުމަށާއި، ޕޭމަންޓް ޚިދުމަތްތައް ދިނުމުގެ ބޭނުމަށް ކުންފުންޏާއި އެނޫންވެސް ޤާނޫނީ ޝަޚުސުތައް އުފެއްދުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ލިބިދިނުމާއި ޕޭމަންޓް ޚިދުމަތްތައް ސޮލިސިޓްކުރުން މަނާކޮށް، އަދަބު ކަނޑައެޅުމާ ބެހޭ އުޞޫލުތައް ޤާނޫނުގައި ހިމެނުމަށް ސަރުާރުގެ ފަރާތުން ހުށަހެޅުއްވި ބިލެކެވެ.

ބިލުގައިވާ ގޮތުން ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމަށްޓަކައި ޙިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރއެއް އެމްއެމްއޭއަށް އުފެއްދިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ޤާނޫނު އޮތްގޮތުން މި ބާރު އެމްއެމްއޭއަށް ލިބިދީފައިނުވެއެވެ.

މި ބިލުގައި ޕޭމަންޓް ސިސްޓަމްތައް ސޮލިސިޓްކުރުން ނުވަތަ ގަވައިދާ ޚިލާފަށް މާލީ މުޢާމަލާތްތައް ހިންގުން ކުށްވެރިކުރުމާއި އެކަމަށް އަދަބު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤާނޫނުގައި ބަޔާންކުރާ ބައެއް ބޭންކުތަކާއި އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ ރާއްޖޭގައި ޕޭމަންޓް ޚިދުމަތެއް ދީގެން އަދި ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް އިސްތިސްނާކުރާ ފަރާތްތަކާއި ހަރަކާތެއް ހިންގާ ފަރާތްތައްވެސް ހިމެނޭ ގޮތުން ރާއްޖެއިން ބޭރުގެ ފަރާތެއްގެ ފަރާތުން ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެކަމަށް ބިލުގައިި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލުގައި ނުކުރުމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފިނަމަ، އެ ފަރާތެއް 1 ލައްކަ ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައި ބަޔާންކުރެއެވެ.

ޕޭމަންޓް ސޮލިސިޓްކުރުމަކީ ރާއްޖޭގެ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް ޕޭމަންޓް ޚިދުމަތެއް ދިނުމަށް ހުށައެޅުން ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމުގެ ހުށަހެޅުމެއް ހިމެނޭ އިޝްތިހާރެއް ކުރުން ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުމަށް ހުށަހެޅުން ނުވަތަ އެފަދަ އެއްބަސްވުމެއް ހެދުމަށް ދަޢުވަތު ދިނުން ނުވަތަ އެފަދަ ހުށަހެޅުމެއް ނުވަތަ ދަޢުވަތެއް ހިމެނޭ އިޝްތިހާރެއްކުރުމެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 63 މެންބަރުންގެ ވޯޓުންނެވެ. މި ބިލަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.