ޚަބަރު

ލައިސަންސް ނެތި އިންޝުއަރެންސް ވިޔަފާރިކުރާނަމަ، 5 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ބިލު ފާސްކޮށްފި


  • އިންޝުއަރެންސް ޤާނޫނު ހިންގައި ތަންފީޒު ކުރާނީ އެމްއެމްއޭއިން

  • ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ކުރެވޭނީ އެމްއެމްއޭއިން ދޭ ލައިންސަންސް އޮވެގެން

ލައިސަންސް ނެތި އިންޝުއަރެންސް ވިޔަފާރިކުރާނަމަ 5 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރާ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

މިބިލަކީ ދިވެހިރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލެކެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު ޠާރިޤް އިބްރާހިމެވެ.

އިންޝުއަރެންސާ ބެހޭ ބިލު ރައީސުލްޖުމްޙޫރިއްޔާ ތަސްދީގު ކުރެއްވުމުން ރާއްޖޭގެ އިންޝުއަރެންސްގެ ދާއިރާގެ ފެންވަރު ހިފެހެއްޓުމަށް އެފަދަ ވިޔަފާރިތަކުގެ ހަރުދަނާ އަދި ރައްކާތެރި އުސޫލުތައް އެކަށައަޅައި އެ އުސޫލުތަކާ އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބަލާނެއެވެ. އަދި މީގެ ސަބަބުން އިންޝުއަރެންސް ޕޮލިސީ ނަގާ ފަރާތްތަކުގެ ޙައްގުތައް ރައްކާތެރިކުރެވި، ދާއިރާ ތަރައްގީކޮށް ވާދަވެރިކަން ފުޅާކުރުވޭނެ ކަމަށްވެސް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.

ރާއްޖޭގެ އިންޝުއަރެންސް ދާއިރާއަކީ އާންމުންގެ ބޭނުންތަކާ އެއްގޮތަށް އިންޝުއަރެންސްގެ ޚިދުމަތްތައް ފޯރުކޮށްދޭ އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ދާއިރާއެއްކަމުގައި ހެދުމަކީ މި ޤާނޫނުގެ މަގުސަދެއް ކަމަށް ބިލުގައިވަނީ ބަޔާންކުރައްވާފައެވެ.

ބިލުގައި ބަޔާންކުރައްވާފައިވާ ގޮތުގައި އިންޝުއަރެންސް ޤާނޫނު ހިންގައި ތަންފީޒު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިންނެވެ. އެގޮތުން، އިންޝުއަރެންސް ވިޔަފާރިތައް އަދި އިންޓަރ މީޑިއަރީތައް ރެގިއުލޭޓްކޮށް އެއޮތޯރިޓީން ސުޕަވައިޒް ކުރާނެއެވެ.

ބިލު ޤާނޫނަކަށްވުމުން ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ކުރެވޭނީ އެމްއެމްއޭއިންދޭ ލައިންސަންސް އޮވެގެންނެވެ. ލައިސަންސް ނެތި ވިޔަފާރި ކުރާ ފަރާތްތައް 100،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު އެމްއެމްއޭއަށް ލިބެއެވެ.

މިޤާނޫނުގެ ދަށުން އެއްވެސް ފަރާތަކުން ތެދުނޫން މައުލޫމާތެއް ދީގެން ޙައްގުނޫން މަންފާއެއް ހޯދުމާއި ހޯދަން އުޅުން އަދި އެ މަންފާ ހޯދައިދިނުމަށް އެހީތެރިވުން މަނާވާނެއެވެ. މިގޮތަށް ނުޙައްގުން މަންފާ ހޯދާ ފަރާތްތައް އެކަމުގެ ކުޑަބޮޑުމިނަށް ބަލައި 100،000 ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މިބިލުގައި ވަނީ އިންޝުއަރެންސް ކުންފުންޏަކުން ނުވަތަ ގުޅިފައިވާ ފަރާތަކުން ޤާނޫނާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައެވެ.

އެމްއެމްއޭއަށް އެޅިދާނެ ފިޔަވަޅުތައް:

  • އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ވަކި ހަރަކާތެއް ހުއްޓާލުމަށް އެންގުން
  • އިތުރަށް ވިޔަފާރި ކުރިއަށް ގެންދިޔުމަށް ވަކި ޝަރުތުތަކެއް ކަނޑައެޅުން
  • ހިއްސާދާރުންނަށް ފައިދާ ބެހުން މަނާކުރުން ނުވަތަ ބަހާ މިންވަރު ހުދޫދުކުރުން
  • ކަނޑައަޅާ އަދަދެއްގެ ފައިސާ ވަކި މުއްދަތަކަށް ޑިޕޮސިޓްކޮށް ބެހެއްޓުމަށް އެންގުން
  • އެފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ނުވަތަ ބޯޑުގެ އެހެން މެންބަރެއް، މަގާމުން ވަކިކުރުމަށް އެންގުން
  • 1 މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
  • ވެފައިވާ ޚިލާފު ރަނގަޅު ވަންދެން ނުވަތަ އަމަލުކުރަންޖެހޭ ކަންކަމަށް އަމަލުކުރަންދެން ހިނގާ ކޮންމެ ދުވަހެއްގެ މައްޗަށް 100،000 ރުފިޔާއަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުން
  • ހުއްދަ ނުވަތަ ލައިންސަންސް ބާތިލުކުރުން